ކުޑަކުދިންނާއި ފުރާވަރު އުމުރުގެ ކުދިންގެ މެދުގައި މައިބަދައިގެ މައްސަލަތައް އިތުރުވަމުން އަންނަ ކަމުގެ އިންޒާރު ސިއްހީ މާހިރުން ދީފި އެވެ.
މާހިރުން ވިދާޅުވާ ގޮތުގައި މިހާރު ކުޑަކުދިންގެ ދިރިއުޅުން ބައްޓަން ވެފައިވާ ގޮތަކީ މައިބަދައިގެ މައްސަލަތަކަށް ފަސޭހައިން މަގުފަހިވާ ކަމެއް ކަމަށެވެ.
އެގޮތުން 16 އަހަރުން ދަށުގެ ކުދިން އެވްރެޖްކޮށް ދުވާލަކު 8 ގަޑިއިރަށްވުރެ ގިނައިރު އިސްދަށަށް ޖަހައިގެން ފޯނާ ކުޅެން އިންނަ ކަމަށް ދިރާސާތަކުން ދައްކާއިރު މިއީ މައިބަދައަށް އޭގެ ނޭދެވޭ އަސަރުކުރާ ކަމެކެވެ.
ހަމައެއާއެކު ސްކޫލަށް ދާއިރު ބަރު ފޮތް ދަބަހެއް އުފުލަން ޖެހުމަކީ ވެސް ކުޑަކުދިންގެ ނާޒުކު ބުރަކަށްޓަށް އޭގެ ގެއްލުން އިންތިހާއަށް ކުރުވާ ކަމެއް ކަމަށް މާހިރުން ވިދާޅުވެ އެވެ.
މީގެ އިތުރުން ވެސް ތަނެއްގައި އިށީނދެގެން އިންނައިރު ހަށިގަނޑު ދޫކޮށްލައިގެން އިނުމަކީ ވެސް ޅަ ޒުވާނުންގެ މެދުގައި އާއްމު ކަމެކެވެ.
މިއީ މައިބަދައިގައި ގުދުލައި ދިގު މުއްދަތުގައި އޭގެ ހިތި ނަތީޖާ ތަޖުރިބާ ކުރަން ޖެހިދާނެ ކަމެއް ކަމުގައި ވެސް ޑޮކްޓަރުން އިންޒާރުދެ އެވެ.
އެހެން ކަމުން ކުޑަކުދިންނާއި ފުރާވަރު ކުދިންގެ ބެލެނިވެރިން އެކުދިން ތަރުބިއްޔަތު ކުރުމުގައި މިކަންކަމަށް ސަމާލުވުމަށް ޑޮކްޓަރުން އިލްތިމާސް ކުރެ އެވެ.