ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ހަށިވިއްކަމުން ދިޔަ ބިދޭސީންތަކެއް ހޯދައި، އޭގެ ތެރެއިން ބައެއް މީހުން ޑީޕޯޓުކޮށްލައިިފި އެވެ.
އިމިގްރޭޝަނުން މިއަދު އެ މީހުން އަތުލައިގަތީ ފުޅާ ދާއިރާއެއްގައި ރާއްޖޭގައި ހަށިވިއްކާ މީހުން ހޯދަން މިދިޔަ އޮގަސްޓް މަހާއި ސެޕްޓެމްބަރު މަހު ހިންގި ހާއްސަ އޮޕަރޭޝަންގެ ތެރެއިން ކަމަށެވެ. އެ އޮޕަރޭޝަންތަކުގައި ހަ މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ. އެއީ ބިދޭސީ ފަސް އަންހެނުންނާއި އެ މީހުންގެ އެޖެންޓެއްގެ ގޮތުގައި މަސައްކަތް ކުރަމުން ދިޔަ ބިދޭސީ ފިރިހެނެއް ކަމަށް ވެސް އިމިގްރޭޝަނުން ބުންޏެވެ.
އެ މައްސަލަ ތަހުގީގު ކުރުމަށް ފަހު އޭގެ ތެރެއިން ތިން މީހަކު މިހާރު ވަނީ ޑީޕޯޓުކޮށްފައެ އެވެ. ބާކީ ތިބި ތިން މީހުން ޑީޕޯޓުުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އިމިގްރޭޝަނުން ބުންޏެވެ.
އިމިގްރޭޝަނުން ބުނީ ފުޅާ ދާއިރާއެއްގައި ހަށިވިއްކަމުން ދިޔަ ތިން އަންހެނުންނާއި އެ މީހުންގެ އެޖެންޓެއްގެ ގޮތުގައި އުޅުނު ފިރިހެނަކު މިދިޔަ އޮގަސްޓު މަހު ޑީޕޯޓްކޮށްފައިވާ ކަމަށެވެ.
ނަމަވެސް އެ މީހުން ނިސްބަތްވަނީ ކޮން ގައުމަކަށް ކަމެއް އިމިގްރޭޝަނުން ހާމައެއް ނުކުރެ އެވެ.
ރާއްޖޭގައި ފުޅާދާއިރާއެއްގައި ހަށިވިއްކުމުގެ ވިޔަފާރި ކުރަމުން އަންނަ ކަމަކީ އެންމެނަށް ވެސް އެނގޭ ބޮޑު ހަގީގަތެކެވެ. ނަމަވެސް އެކަން ހުއްޓުވުމަށްޓަކައި އެކަށީގެންވާ މަސައްކަތްތައް ސަރުކާރުތަކުން ނުކުރާ ކަމުގެ ކަންބޮޑުވުން އަބަދުވެސް އޮވެ އެވެ.