ކުޑައިރު ޖެހޭ ކެންސަރު ދެނެގަތުމަށް ފަހު، ކުޑަކުދިންނަށް ބޭނުންވާ ސަޕޯޓް ފޯރުކޮށްދިނުމާ ގުޅޭ ގޮތުން ކެންސާ ސޮސައިޓީ އޮފް މޯލްޑިވްސް (ސީއެސްއެމް) އިން ދިރާގާ ގުޅިގެން ތައްޔާރުކޮށްފައިވާ ޓޫލް ކިޓެއް ލޯންޗުކޮށްފި އެވެ.
މި ޓޫލްކިޓް ލޯންޗްކުރީ ކެންސަރަށް އަހުލުވެރިކުރުވުމުގެ ގޮތުން ދިރާގުން ކެންސާ ސޮސައިޓީއާ އެކު ގާއިމުކުރި ޕާޓްނިޝިޕުގެ ދަށުންނެވެ. އެޑިއުކޭޝަން މިނިސްޓްރީ އާއި ޔުނިސެފުން ވެސް މި ޓޫލްކިޓް ތައްޔާރުކުރަން ކެންސާ ސޮސައިޓީއާ އެކު ވަނީ މަސައްކަތްކޮށްފަ އެވެ.
ސްކޫލުތަކާއި ބެލެނިވެރިންނަށް ހާއްސަކޮށް ނެރުނު ޓޫލްކިޓާ ގުޅޭ ގޮތުން ކެންސާ ސޮސައިޓީން ބުނީ އަވަހަށް ބަލި ދެނެގަނެ ފަރުވާ ހޯދުމާ އެއްވަރަށް ބަލިން އަރައިގަތުމަށް ކުޑަކުދިންނަށް އެންމެންގެ ސަޕޯޓާއި އެއްބާރުލުން ބޭނުންވާ ކަމަށެވެ. ސްކޫލުތަކާއި ބެލެނިވެރިންގެ ފަރާތުން ކުޑަކުދިންނަށް ބޭނުންވާ ސަޕޯޓް ސިސްޓަމް ގާއިމުވުމަކީ ކުއްޖާއަށް ދިރިއުޅުމުގައި ކެންސަރުގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތަކުން އަރައިގަނެ ކުރިއަށް ދިއުމަށް ހިތްވަރު ލިބޭނެ ކަމެއް ކަމަށް ވެސް އެ ޖަމިއްޔާ އިން ބުންޏެވެ.
ދިރާގުން ބުނީ މި ޓޫލްކިޓުގެ އިތުރުން ކެންސަރަށް އަހުލުވެރިކުރުވަން އެ ޖައްމިއްޔާއާ ގުޅިގެން އެޑިއުކޭޝަނަލް ކޮންޓެންޓުތަކެއް ހެދުމަށް ވަނީ ހަމަޖެހިފައި ކަމަށެވެ. އޭގެ ތެރޭގައި ކުޑައިރު ކެންސަރުޖެހުމުން ފެންނަ އަލާމާތްތަކާ ގުޅޭ ގޮތުން އެނިމޭޓެޑް ލަވައަކާއި ކެންސާ ސަވައިވާއެއްގެ ވާހަކަ އާއި އަވަހަށް ބަލި ދެނެގަތުމުގެ މުހިންމުކަމާ ގުޅޭ ގޮތުން ޑޮކްޓަރަކު ދެއްވާ އިރުޝާދު ހިމެނޭ ވީޑިއޯ ސީރީޒްއެއް ހިމެނެ އެވެ.
ދިރާގުން ބުނި ގޮތުގައި ކުޑަކުދިންނަށް އަޅާލުމާއި އެހީތެރިކަން ފޯރުކޮށްދިނުމަކީ އެ ކުންފުނީގެ ސީއެސްއާރުގެ އެންމެ މުހިންމު އެއް އަސާސެވެ. މިފަދަ މަސައްކަތްތަކުގެ ސަބަބުން ހޭލުންތެރިވުމުގެ އިތުރުން ކުޑަކުދިންގެ ދުޅަހެޔޮކަމާއި ހެދިބޮޑުވުމަށް އެއްބާރުލުން ލިބޭ ފަދަ މާހައުލެއް ގާއިމުކުރެވޭނެ ކަމަށް އުއްމީދުކުރާ ކަމަށް ވެސް ދިރާގުން ބުންޏެވެ.
ސެޕްޓެމްބަރަކީ ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރާ "ޗައިލްޑްހުޑް ކެންސާ" މަހެވެ. ކެންސާ ސޮސަސައިޓީން ބުނެފައިވާ ގޮތުގައި ރާއްޖެ އަކީ އޭޝިއާ ސަރަހައްދުގައި ކުޑަކުދިންގެ ކެންސަރު އެންމެ ގިނަ އެއް ގައުމެވެ. ރާއްޖޭގެ 18 އަހަރުން ދަށުގެ އާބާދީގެ ގާތްގަނޑަކަށް 5-4 ޕަސެންޓަކީ ކެންސަރަށް ފަރުވާ ހޯދަމުންދާ ކުޑަކުދިންނެވެ.