ނަވާރަ ސަތޭކައިގެ އަހަރުތަކުގައި ލެޓިން އެމެރިކާއިން ތައާރަފްވި "ޓްރޭޝް ލެޗޭސް" ކޭކު އެންމެ ބޮޑަށް މަޝްހޫރު ވެފައިވަނީ ނިކަރާގޮއާގަ އެވެ. ޓްރޭޝް ލެޗޭސް އަކީ ސްޕެއިން ބަހެކެވެ. މާނައަކީ ތިން ވައްތަރުގެ ކިރެވެ.
ނިކަރާގޮއާ މީހުން އަށްޑިހައިގެ އަހަރުތަކުގައި އެމެރިކާއަށް ހިޖުރަކުރިއިރު، އެކޭކް އެމެރިކާއަށް ތައާރަފްވި ފަދައިން މިއަދު ޓްރޭސް ލެޗޭސް ކޭކް ވަނީ ކޮންމެވެސް ބައެއްގެ ފަރާތުން ރާއްޖެއަށް ވެސް ތައާރަފްވެ، ދިވެހިންގެ ތެރޭގައި ވަރަށް މަގުބޫލް ފޮނިކާއެއްޗަކަށް ވެފަ އެވެ.
ރާއްޖޭގައި ވަރަށް ފުޅާދާއިރާއެއްގައި ކޭކުގެ މަސައްކަތްކުރާ ޟުހާ އަހުމަދަކީ ވެސް މީރުކޮށް ޓްރޭޝް ލެޗޭސް ކޭކު އަޅާ މީހެކެވެ. ޟުހާ ކޭކުގެ މަސައްކަތްފެށީ އަލަތު ކައިވެނި ކުރިތާ ކުރީކޮޅު ފިރިމީހާ ބުނި ބުނުމަކަށެވެ. އެގޮތުން 2011 ގައި ބޭސިކް އަދި އެޑްވާން ކޭކު ކޯސް ހެދުމަށް ފަހު އަމިއްލައަށް އެ މަސައްކަތް ކުރަން ފެށި އެވެ.
"ފުރަތަމަ ފެށިއިރު އަގަކަށް ނުހަދަން. އޭރު ކޭކު އަޅައިދިނީ ރައްޓެހިންނަށާއި އާއިލާ މީހުންނަށް. އެމީހުންނަށް ވަރަށް ކަމުދިޔަ އަޅުގަނޑުގެ ކޭކުތައް. ވަރަށް ބޮޑު ތަރުހީބެއް ވެސް ލިބުނު. އޭރު ހިތަށްއެރި މިއީ ވަރަށް ރަނގަޅު ދާއިރާއެކޭ ކުރިއަށްދާން. އެއީ ވިޔަފާރިއަށް މިމަސައްކަތް ފެށުނު ގޮތަކީ،" ޟުހާ ކޭކުގެ މަސައްކަތް ފެށުނު ގޮތް ހިއްސާ ކޮށްލަމުން ބުންޏެވެ.
ޟުހާގެ ހަޔާތަށް އެތައް ލޮޅުންތަކެއް އައި ނަމަވެސް ހިތްވަރު ކޮށް ކުރިއަށްދިޔަ
ފުރަތަމަ ދަރިއަކު ލިބުމާއެކު ޟުހާގެ ހަޔާތަށް ބޮޑު ބަދަލުތަކެއް އަ އެވެ. މަންމައެއްގެ ޒިންމާ އާއި އަންބެއްގެ މަސްއޫލިއްޔަތު ފުރިހަމައަށް އަދާކުރުމަށްޓަކައި ކޭކުގެ މަސައްކަތް ހުއްޓާލަން ޖެހޭކަމަށް ދެކި އެ މަސައްކަތް ހުއްޓާލި އެވެ. އޭރު އޭނާ އަޅަމުން ދިޔައީ ފްރުޓް ކޭކާއި، ބަޓާ ކޭކާއި އަދި ޗޮކުލެޓް ކޭކުތައް ފަދަ އާދައިގެ ކޭކުތަކެވެ. ދަރިއަކު ލިބުމުން މައިބްފައިންނާއި ވަކިވެ، އެކަނި ދިރިއުޅުމަކަށް ބަދަލުވާން މަޖްބޫރުވި އެވެ. ދެން ކޭކުގެ މަސައްކަތް ފެށީ ބޭބީއަށް ނުވަމަސް ވުމުންނެވެ.
"ދެވަނަ ފަހަރަށް ކޭކުގެ މަސައްކަތް ފެށީ ވަރަށް ގަދަކޮށް. އެފަހަރު ވެޑިންކޭކު ވެސް އަޅަން ފެށިން. ނަމަވެސް މަސައްކަތް ކުރެވުނީ ކުޑަ ދުވަސްކޮޅަކު. އެއީ ފަޔަށް ލިބުނު ގެއްލުމަކާއެކުއެކީގައި މައިބަދައިގެ އޮޕަރޭޝަނެއް ކުރަންޖެހުމުން،" ޟުހާ ކިޔައިދިނެވެ.
ބަލިހާލަތު ކުޑަކޮށް ރަނގަޅުވުމުން އޭނާ އަނެއްކާ ވެސް ކޭކު އަޅަން ފެށި އެވެ. އެފަހަރު ވެޑިގެން ކޭކުގެ އިތުރަށް އެހެން ކޭކުތައް ވެސް އަޅަން ފެށި އެވެ. ޟުހާ ބުނިގޮތުގައި އޭނާ ކޭކުގެ މަސައްކަތަށް ހުންނަނީ ދެވިހިފައިފަ އެވެ. ބަލިކޮށް އުޅެންޖެހުނަސް ކޭކު މަސައްކަތް ހުއްޓާލާ ހިތެއް ނުވެ އެވެ. ފިރިމީހާގެ އެހީތެރިކަން ވެސް އޭނާއަށް ވަރަށް ބޮޑަށް ލިބެ އެވެ. ނަމަވެސް އަނެއްކާ ވެސް މަސައްކަތަށް މެދުކެނޑުމެއް އައީ ދެވަނަ ކުއްޖަކަށް ބަލިވެއިނދެ ދުވަސްނުފުރާ ވިހަންޖެހުނު ހިސާބުންނެވެ.
"ދެވަނަ ދަރިފުޅު ވިހެއީ ހަތް މަހުގައި ދުވަސް ނުފުރާ. ބޭބީ ވަރަށް ބަލި. އިންކިއުބޭޓާގައި ބާއްވާފައި އޮތީ ވެސް. ބޭބީއަށް ހަތަރު މަހުގައި ނިއުމޯނިއާ ޖެހުމުން އަޅުގަނޑުމެން ފުރައިގެން ދިޔައީ ބޭސްކުރަން އިންޑިއާއަށް. ޑޮކްޓަރުން ބޭބީ ގަދަވާނެކަމުގެ އުންމީދު ވެސް ކަނޑާލާފައި އޮތީ. ނަމަވެސް އިންޑިއާއިން ފަރުވާކޮށް ރަނގަޅުވި. އިންޑިއާގައި ތިންމަސްކޮށްފައި މާލެ އާދެވުނީ. އެ ދުވަސްވަރު ނަފްސާނީގޮތުން ވެސް މުޅި މީހާ ބަލިވި. ދުވަހަކުވެސް ކޭކުގެ މަސައްކަތް ދެން ކުރާނެއޭ އޭރު ހިތަކަށް ނާރާ،" ޟުހާގެ ހަޔާތަށް އައި އެންމެ ހިތި ދުވަސްތަކުގެ ހަނދާން އާކޮށްލަމުން ކިޔައިދިނެވެ.
އެދުވަހު އޭނާއަށް އެހީތެރިވި ހުރިހާ ފަރާތްތަކަށް އޭނާގެ ހިތުގެ އެންމެ ފުންމިނުން މިއަދު ވެސް ޝުކުރު އަދާކުރެ އެވެ. އޭގެ ތެރޭގައި ދިވެހި ސަރުކާރާއި، ފިރިމީހާ އަދި އާއިލާ ހިމެނެ އެވެ.
މާލެ އައިސް ދެވަނަ ބޭބީގެ ހާލު ރަނގަޅުވާން ފެށުމުން އަނެއްކާވެސް ކޭކުގެ މަސައްކަތް ފެށި އެވެ. މިފަހަރު ވެސް އެމަސައްކަތް މާގިނަ ދުވަހަކު ކުރިއަށް ގެންދެވޭ ގޮތެއް ނުވި އެވެ. ކުޑަ ދެކުދިންނާއި ގޭތެރޭގެ މަސައްކަތާއި އަދި ކޭކުބިޒްނަސް ގައި އަވަދިނެތި އުޅެނިކޮށް ސިޑިން ވެއްޓި ފައި ބިދުނެވެ. ފަޔަށް އޭޑީކޭގައި ފަރުވާކޮށް ގެއަށް ބަދަލުވި ނަމަވެސް އޭރު ޟުހާގެ ފައި ރަނގަޅަށް ނޭޅޭ ކަމަށް އޭނާ ބުންޏެވެ.
"ވައަތުފައި ބިނދުނީ. ދެން ފައިގެ ދެފަރާތަށް އިސްކުރު ޖަހާފައި ބޭއްވީ. ފައިގައި ވަރަށް ރިހޭ އޭރު. އެއްވެސް ކަމެއް އަމިއްލައަކަށް ނުކުރެވޭ. ފިރމީހާއާއި މަންމަ، ބައްޕަ އަދި ކޮއްކޮމެން ހުރިހާ ކަމެއް ވެސް ކޮށްދިނީ،" ޟުހާ ކިޔައިދިނެވެ.
ގަދަ ހިތްވަރާއެކު ޟުހާ އަނެއްކާވެސް މަސައްކަތަށް ނިކުތް
ފައި ބިނދިގެން އޭޑީކޭ ހޮސްޕިޓަލުން ގެއަށް ބަދަލުވި ނަމަވެސް ޑޮކްޓަރުން އޭނާއަށް ހިނގަން ހުއްދަ ދީފައެއް ނުވެ އެވެ. އެހެން ނަމަވެސް އަވަހަށް ރަނގަޅުވުމުގެ ބޭނުމުގައި ހިނގާކޮށީގައި ހިފަހައްޓައިގެން އޭނާ ހިނގަން މަސައްކަތް ކުރި އެވެ. އެއަށްފަހު މީހުންނަށް ބަރޯސާވުން ކުޑަކުރުމަށްޓަކައި އަމިއްލަ ކަންކަން ކޮންމެވެސް ވަރަކަށް ކުރަން ފެށި އެވެ. އިސާހިތަކު ފައިގައި ބާރުޖެހި ރަނގަޅުވާކަމުގެ އިހްސާސް ވާން ފެށި އެވެ. އެއާއެކު ކޭކުގެ މަސައްކަތަށް އަނެއްކާ ވެސް އޭނާ ރުޖޫއަވި އެވެ.
"އެހާލުގައި އުޅުނުއިރު ވެސް ކޭކު ހަމަ ބޮލުތެރޭގައި އެނބުރޭ. އެހާވެސް އެ މަސައްކަތް ކުރާ ހިތްވޭ .ފިރިމީހާ ކައިރީގައި ވެސް ބުނަން ހަމަކިރިއާ ފައިޖައްސަން ކެރޭވަރު ވިޔަސް ކޭކުގެ މަސައްކަތް ކުރަން ފަށާނަމޭ،" ޟުހާ ކިޔައިދިނެވެ.
ހަޔާތުގައި އެކި އަޑިގުޑަން ކަޑައްތުކުރަން ޖެހުނު ކަމުގައި ވިއަސް، ހިތްވަރެއް ހުރިއްޔާ އެމީހަކު ކުރަން ބޭނުންކަމެއް ކުރެވިދާނެކަން ޟުހާ ވަނީ ސާބިތު ކޮށްދީފަ އެވެ. ކިތަންމެ ހިތްދަތި ދުވަސްވަރެއް އައި ނަމަވެސް އޭނަ ކުރަމުން އައި މަސައްކަތް މުޅިން ހުއްޓައެއް ނުލަ އެވެ. މަސައްކަތް ހުއްޓިފައި ފަށާ ކޮންމެ ފަހަރަކު އެމަސައްކަތައް އާބޮޅެއް އިތުރު ކުރެވޭތޯ ބެލި އެވެ.
މާކެޓިން ބައިގަ އެންމެ ބޮޑު އެހީތެރިކަމެއް ލިބެނީ ފިރިމީހާގެ ފަރާތުން
ޟުހާގެ ކޭކުގެ ވިޔަފާރީގައި އެންމެ ބޮޑު އެހީތެރިކަމެއް ވެދެނީ އޭނާގެ ފިރިމީހާ އެވެ. އެގޮތުން އޭނާ ހިންގާ އިންސްޓާގްރާމް ޕޭޖާއި، ފޭސްބުކް ޕޭޖަށް ފިރިމީހާ ގަވައިދުން ފޮޓޯ ލައިދިނުމާއި، ލިބޭ އޯޑާތަކަށް ކޭކު ޑެލިވާ ކޮށްދިނުމާއި، ކޭކުގެ މަސައްކަތަށް ބޭނުންވާ ހުރިހާ އެއްޗެއް ގަނެދިނުމާއި އަދި އެ މަސައްކަތުގައި އުޅޭއިރު ދަރިންގެ ކަންކަން ވަރަށް ފުރހަމައަށް ބަލަހައްޓައިދޭކަން ޟުހާ ވަރަށް އުފަލާއެކު ފާހަގަ ކުރި އެވެ.
"ވަރަށް އޯޑާ ލިބޭ. ހަމަ ކޭކު ނުހެދިފައި އޮންނަނީ. އެހެން ނަމަވެސް އިތުރު މި މަސައްކަތުގައި މީހެއްގެ އެހީތެރިކަމެއް ނުހޯދައި އަޅުގަނޑާއި އަޅުގަނޑުގެ ފިރިމީހާ އާއި ދެމީހުން މިކަން މެނޭޖް ކުރެވޭތޯ މިބަލަނީ. މިކަމުގައި އާއިލާގެ ވެސް އެހީތެރިކަން ވަރަށް ބޮޑަށް ލިބޭ،" ކޭކު އެޅުމުގެ މަސައްކަތުގައި މިހާރު 13 އަހަރުގެ ތަޖުރިބާ ލިބިފައިވާ ޟުހާ ބުންޏެވެ.
ޟުހާގެ އިތުރު ހުނަރުތަކެއް
ޟުހާއަކީ ކޭކު އެޅުމާއެކު އިތުރު އެހެނިހެން ހުނަރުވެރި މަސައްކަތް ވެސް ކުރާ މީހެކެވެ. އެގޮތުން ނޫސްތަކަށް ސީރީޒް ވާހަކަ ލިޔެދިނުމަކީ ވެސް އޭނާ ވަރަށް ޝައުގުވެރިވާ މަސައްކަތެކެވެ. އޭނާ އާންމުކޮށް ލިޔަނީ ލޯބީގެ ވާހަކައާއި، ބިރުވެރި ވާހަކައާއި އަދި އާއިލާ މައްސަލަތަކާ ބެހޭ ވާހަކަތަކެވެ.
"ކުރިން ބިންމާ އިބްރާހިމް ވަހީދުގެ ވާހަކަތަކަށް ކުރަހާ ވެސް ހެދިން. ނަމަވެސް ގިނައިރު އިސްދަށަށް ޖަހައިގެން އިނދެ ކުރަހަން ޖެހޭތީ ކަނދުރާއަށް ތަދުވާން ފެށި. ކުރެހުމުގެ މަސައްކަތް ހުއްޓާލީ އެހެންވެގެން،" މިހާރު ވެސް ވާހަކަ ލިޔަމުން ކޭކު އެޅުމުގެ މަސައްކަތް ކުރާ ޟުހާ ކިޔައިދިނެވެ.
ސްކޫލް އޮފް ހޮޓެލް އެންޑް ކޭޓަރިން ސާވިސަސް ނުވަތަ މިހާރުގެ ނަމުންނަމަ ފެކަލްޓީ އޮފް ހޮސްޕިޓަލިޓީ އެންޑް ޓޫރިޒަމް ސްޓަޑީޒްގައި ކަލިނަރީ ކޯހެއް ވެސް ފުރިހަމަކޮށްފައިވާ ޟުހާގެ އުންމީދުތައް ގިނަ އެވެ. ކޭކުގެ މަސައްކަތް ފުޅާކޮށް، ކޭކު ފިހާރައެއް ހުޅުވުމަކީ އޭނާ ކުރާ ވަރަށް ބޮޑު އުންމީދެކެވެ. އެކަން ކުރުމަކީ އޭނާއަކަށް އުނދަގޫ ކަމެއް ނޫނެވެ. އޭނާއަކީ ހިތްވަރުކުރަން ދަންނަ، ކެތްތެރި ކަމުގައި އެހެން މީހުންނަށް ހުރި މިސާލެކެވެ.
ހިތްވަރެއް ހުރިއްޔާ އެމީހަކު ކުރަން ބޭނުންކަމެއް ކުރެވިދާނެކަން ޟުހާ ވަނީ ސާބިތު ކޮށްދީފަ އެވެ. ތެދު ވަަހަކަ އެއް.....