އދ. ގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްކެވި ވާހަކަފުޅާއި ކުރިން އެމަނިކުފާނު ދެއްކެވި ވާހަކަފުޅަކާ ފުށޫއަރާތީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އެކަމަށް ފާޑުވިދާޅުވެއްޖެ އެވެ.
ޕީއެންއެފް އިން މިރޭ ބޭއްވި ޖަލްސާގައި ޔާމީން ވިދާޅުވީ ވެރިކަމުގެ ހުވާކުރެއްވުމުގެ ކުރިން އަލްޖަޒީރާއަށް ދެއްވި އިންޓަވިއުއެއްގައި ދެއްކެވި ވާހަކަފުޅާ ދިމާ އިދިކޮޅަށް އދ. ގައި ރައީސް މުއިއްޒު ވާހަކަފުޅު ދެއްކެވުމުން "ސަހަރޯއޭ" ހިތަށް އަރާ ކަމަށެވެ.
މިރޭގެ ޖަލްސާގައި ވަނީ ރައީސް މުއިއްޒު ދެފަހަރު ދެގޮތަށް ދެއްކެވި ވާހަކަފުޅުގެ ވީޑިއޯ ޕްލޭކޮށްފަ އެވެ. އެގޮތުން އަލްޖަޒީރާއިން ކުރި ސުވާލެއްގެ ޖަވާބުގައި ރައީސް މުއިއްޒު ވިދާޅުވީ ރާއްޖޭގެ ކަނޑުގެ ލޮނުގަނޑު އުފުލޭ ވާހަކައަކީ އެމަނިކުފާނު ގަބޫލުކުރައްވާ ވާހަކައެއް ނޫން ކަމަށެވެ. ނަމަވެސް އދ. ގައި ވާހަކަފުޅުދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ ކުދި ޖަޒީރާ ގައުމުތަކުގެ ކަނޑުގެ ލޮނުގަނޑު އުފުލުމުގެ ބިރުއޮތުމަކީ ކަންބޮޑުވާންޖެހޭ ކަމެއް ކަމަށެވެ.
"ވީ ވިދާޅުވެފަ އަލްޖަޒީރާއަށް އިންޓަވިއުދޭއިރު ކޮންސާނަކަށް ނުވޭ. ދެން މި ވިދާޅުވަނީ އައިސް ބަލައިލާށޭ. ބަލާއިރު އެއްވެސް މައްސަލައެއް ނުޖެހޭ ތަނެއް ކަމަށް ވަންޏާ ކީއްވެގެންތޯ އަޅުގަނޑުމެން މިއޮއް ހުރިހާ ތޮށިތައް ޖައްސައިގެން މިއުޅެނީ. ދެން އެ ވާހަކަ ދައްކާފަ 10 މަސް ފަހުން އދ. ގަ އެ ދެއްކެވީ އެއީ އެންމެ ބޮޑު މައްސަލަ ކަމަށް،" ޔާމީން ވިދާޅުވި އެވެ.
މީގެއިތުރުން ޔާމީން ވިދާޅުވީ އދ.އަށް ކުރެއްވި ރައީސް މުއިއްޒު ކުރެއްވި ދަތުރުފުޅަށް 10 މިލިއަން ރުފިޔާ ހަރަދުވެފައިވާ ކަމަށާއި އެކަމަކު މަސްވެރިންނަށް ދޭންޖެހޭ ފައިސާ އެހުރީ ނުދީ ކަމަށެވެ. އެހެންކަމުން އެކަމުން އެނގެނީ މަސްވެރިންނަށް ފައިސާ ދިނުމަށްވުރެ މި ސަރުކާރަށް މުހިންމުވީ ބޮޑު ހަރަދުގައި އދ.އަށް ދިޔުން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
އދ.ގައި ރާއްޖޭގެ ހާލަތު ބިނާވެފައިވާ ގޮތް ބަޔާންކޮށްދެއްވަމުންދާއިރު ސަރުކާރުގެ ވެރިންނަށް ރާއްޖޭގެ ހާލަތެއް ހަގީގަތުގައި ނޭނގޭކަމަށް ޔާމީން ވިދާޅުވި އެވެ.