ސަރުކާރުގެ ވިޔަފާރި ކުންފުނި، އެސްޓީއޯއިން އައްޑޫއަށް ވިއްކަން ގެންދިޔަ އެތައް ޓަނެެއްގެ ގޮދަން ފުށް ނުވިކިގެން ގޮނޑަށް އުކާލައިފި އެވެ.
ސޯޝަލް މީޑިއާގައި އާއްމުވެފައިވާ ވީޑިއޯއަކުން ފެންނަ ގޮތުގައި އެސްޓީއޯ ގޮނޑަށް އުކާލި ފުށް ބަސްތާތަކަކީ މުއްދަތު ހަމަނުވާ ނަމަވެސް ފަނި އަޅާފައިވާ ފުށް ބަސްތާތަކެކެވެ. އަދި އެއީ ގާތްގަނޑަކަށް 6- 8 މަސް ދުވަހު އައްޑޫގެ ރައްޔިތުންނަށް ބޭނުންކުރެވޭހާ ފުށް ކަމަށް ވެސް އެ ވީޑިއޯގައި ވާހަކަދެއްކި މީހާ ބުނެ އެވެ.
"ރައްޔިތުން މިއުޅެނީ އަނގަޔާ އަތާ ދިމާނުވެގެން. މިއީ އެސްޓީއޯއިން ރައްޔިތުންނަށް ނުދީ ފީކޮށްފައި ކުނި ކޮއްޓަށް އުކާލަން ގެނެސްފައި ހުރި ފުށް ބަސްތާތައް،" އުކާލާފައި ހުރި ފުށް ބަސްތާތައް ދައްކަމުން އޭނާ ބުންޏެވެ.
އޭނާ ބުނީ އެސްޓީއޯއިން ގޮނޑަށް އުކާލާފައި ވަނީ ތުރުކީން ގެނައި ފުށް ބަސްތާތަކެއް ކަމަށެވެ. އަދި އެތަނަށް އުކާލާފައިވާ ބައެއް ފުށް ބަސްތާތައް އެތަނުން ނަގައިގެން ބިދޭސީން ވިއްކާ ކަމަށް ވެސް އެނގިފައިވާ ކަމަށް އެ މީހާ ބުނެ އެވެ.
"މިއީ ވަރަށް ދެރަކަމެއް. އައްޑޫ ރައްޔިތުންނާ ދޭތެރޭ ވަރަށް އިހާނެތިކޮށް މި ކަންތައް ކުރަނީ،" އޭނާ ބުންޏެވެ. "ކީއްވާނީ މިހާ ފަގީރުން ގިނަ އަތޮޅުގައި ފީނުކޮށް ސަދަގާތް ކުރިނަމަ؟ ސަރުކާރުން މިވަރަށް ރައްޔިތުންނަށް އިހުމާލުވާކަށް ނުވާނެ،" އޭނާ ބުންޏެވެ.
އެ ވީޑިއޯގައި ވާހަކަދެއްކި މީހާ ވަނީ އެސްޓީއޯއިން ގޮނޑަށް އުކާލި ފުށް ބަސްތާތަކުގެ މައްސަލަ ބަލަން އައްޑޫ ސިޓީ ކައުންސިލަށް ގޮވާލައިފަ އެވެ.
އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު "ހުރިހާ"އަށް ވިދާޅުވީ އެސްޓީއޯ އިން އައްޑުއަށް ވިއްކަން ގެންދިޔަ ފުށްތަކެއް ނުވިކިގެން އުކާލި ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. އަދި އެކަމާ ގުޅިގެން އެސްޓީއޯއާ ސުވާލުކުރުމުން އެއީ ނުވިކި ގިނަ ދުވަސްވުމުން ހަލާކުވެފައިވާ ފުށް ބަސްތާތަކެއް ކަމަށް ބުނި ކަމަށް އޭނާ ވިދާޅުވި އެވެ.
"ނުވިކިގެން މިގޮތަށް އުކާލުމަކީ ވަރަށް ދެރަ ކަމެއް. އަޅުގަނޑުމެންނަށް ވެސް މިކަން އެނގުނީ ސޯޝަލް މީޑިއާގައި ވީޑިއޯއެއް ދައުރުވާން ފެށުމުން،" ނިޒާރު ވިދާޅުވި އެވެ.
މިކަމާ ގުޅޭ ގޮތުން އެސްޓީއޯގެ ބަހެއް ހޯދުމަށް ގުޅުމުން އެ ކުންފުނީގެ މީޑިއާ އޮފިސަރު ޔޫސުފް ޝާހު ފޯނަށް ޖަވާބެއް ނުދެއްވި އެވެ.