ކޯވިޑާ ގުޅިގެން ގެއްލުންވި ވިޔަފާރިތައް އަލުން ކޮޅަށް ޖަހަން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ދޫކުރި ރިކަވަރީ ލޯން ސްކީމްގެ ލޯނުތައް ދެއްކުމުގެ މުއްދަތު ހަ މަސް ދުވަހަށް ފަސްކޮށްދީފި އެވެ.
ފިނޭންސް މިނިސްޓްރީން މިއަދު ބުނީ ބީއެމްއެލް މެދުވެރިކޮށް ސަރުކާރުން ތައާރަފުކުރި ރިކަވަރީ ލޯނުތަކުގެ ގްރޭސް ޕީރިއަޑް ހަ މަހުގެ މުއްދަތަކަށް އިތުރުކުރުމަށް ބޭނުންވާ ވިޔަފާރިތަކަށް އެ ފުރުސަތު މިހާރު ހުޅުވާލާފައިވާ ކަމަށެވެ.
އެ މިނިސްޓްރީން ބުނީ މި ސްކީމަކީ ކޮވިޑް-19އާ ގުޅިގެން ވިޔަފާރިތަކަށް ވޯކިން ކެޕިޓަލް ފޯރުކޮށްދީ، މި ދަތި ދަނޑިވަޅުން އިގުތިސާދު އަރައިގަތުމަށް އެހީތެރިވެދިނުމުގެ ގޮތުން ފެށި ސްކީމަކަށް ވާތީ، ލޯނު އަނބުރާ ދެއްކުމުގައި ވެސް ލުއިފަސޭހަ ގޮތްތަކެއް ފަހިކޮށްދިނުމަކީ އެ މިނިސްޓްރީގެ މަގުސަދެއް ކަމަށެވެ.
ފިނޭންސް މިނިސްޓްރީން ބުނީ ރިކަވަރީ ލޯނު ސްކީމްގެ ދަށުން ނަގާފައިވާ ލޯނުތަކުގެ ގްރޭސް ޕީރިއަޑް ހަމަވެފައިވާ ކުންފުނިތަކަށް ވެސް އިތުރު ހަ މަހުގެ މުއްދަތަކަށް ގްރޭސް ޕީރިއަޑް އިތުރުކޮށް، ޖުމްލަ އެއް އަހަރުގެ ގްރޭސް ޕީރިއަޑްއަކަށް އެދުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ. އަދި ގްރޭސް ޕީރިއަޑް އިތުރުކުރުމަށް ހުށަހަޅާ ހުށަހެޅުންތައް ބަލައިގަތުމުގައި ލޯން އިވެލުއޭޓްކުރުމުގައި އެ މިނިސްޓްރީންނާއި ބީއެމްއެލްއިން ގެންގުޅެފައިވާ މިންގަނޑުތަކަށް ބަލާނެ ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.
ގްރޭސް ޕީރިއަޑް އިތުރުކުރުމަށް ބޭނުންވާ ފަރާތްތަކުން ގްރޭސް ޕީރިއަޑް ހަމަވުމުގެ 30 ދުވަސް ކުރިން ބީއެމްއެލްއަށް އީމެއިލް މެދުވެރިކޮށް އަންގަން ޖެހެ އެވެ. އަދި ލޯން ސްކީމްގެ ދަށުން ލިބޭ ހަ މަހުގެ ގްރޭސް ޕީރިއަޑް ހަމަވެފައި، ނުވަތަ 30 ދުވަސް ނުވަތަ އެއަށް ވުރެ ކުރު މުއްދަތަކަށް ވެފައިވާނަމަ، އަންނަ މަހުގެ އެއްވަނަ ދުވަހުގެ ކުރިން ބީއެމްއެލްއަށް ޕީރިއަޑް އިތުރުކުރުމަށް އެދި އީމެއިލް ކުރެވޭނެ ކަމަށް ވެސް ފިނޭންސް މިނިސްޓްރީން ބުންޏެވެ. ގްރޭސް ޕީރިއަޑް އިތުރުކުރަން އީމެއިލް ފޮނުވަން ޖެހެނީ ([email protected]) އަށެވެ.
ރިކަވަރީ ލޯނު ސްކީމްގެ ދަށުން ބީއެމްއެލްއިން މިހާތަނަށް 419 ކުންފުންޏަކަށް ޖުމްލަ 585.9 މިލިއަން ރުފިޔާ އާއި 8 މިލިއަން ޑޮލަރު ދޫކޮށްފައިވެ އެވެ.