ސްކްރަބް ނަރުހުންނަކީ އޮޕަރޭޝަން ތިއޭޓާ (އޯޓީ) ތަކުގައި ސާޖަރީ ހަދަމުން ދާއިރު، ޑޮކްޓަރު ބޭނުންވާނެ ހުރިހާ އިކުއިޕްމަންޓްސް (އާލާތްތަކެއް) ވަގުތުން ވަގުތަށް ފޯރުކޮށްދޭ، އެ މަސައްކަތުގައި ވަރަށް އަވަސް އަދި ގާބިލް ބައެކެވެ. ބަލި މީހާގެ ސާޖަރީ ހަދަމުންދާއިރު ޑޮކްޓަރުން ދެން ކުރާނީ ކޮން ކަމެއްކަން، ބޭނުން ވާނީ ކޮން އެއްޗެއްކަން، ސްކްރަބް ނަރުހުންނަށް ވަރަށް ރަނގަޅަށް އެނގެންޖެހެ އެވެ.
އެކުގައި މަސައްކަތްކުރި ނަރުހުން އޭނާ ސިފަކުރަނީ "ވިޖިލަންޓް"(ސަމާލުކަންދޭ) ސްކްރަބް ނަރުހެއްގެ ގޮތުގަ އެވެ. ވަރަށް ފާޑުވެރި ކަމާއެކު މަސައްކަތްކުރާ މީހެއްގެ ގޮތުގަ އެވެ. އޮޕްރޭޝަނެއް ކުރިއަށްދާއިރު އަބަދުވެސް އެހީތެރިވާން ތައްޔާރަށް، ފެންނަ ހިސާބެއްގައި ހުންނަ ހީވާގި ނަރުހެއްގެ ގޮތުގަ އެވެ.
އޭނާއަކީ އައިޖީއެމްއެޗްގެ ތިއޭޓަރުގައި 16 އަހަރު މަސައްކަތް ކުރުމަށްފަހު ދުބާއީގެ ހެލްތްކެއާ ސިޓީގެ ހޮސްޕިޓަލެއްގެ ތިއޭޓާގައި މިހާރު ސްކްރަބް ނަރުހެއްގެ ވަޒީފާ އަދާކުރަމުންދާ ހީވާގި ނަރުހެކެވެ. ތިއޭޓާގައި ސީނިއާ ނަރުހެއްގެ މަގާމުގައި މިއަދު ހުރިނަމަވެސް ކުރިން އޭނާ ތިއޭޓާގައި މަސައްކަތް ކުރަން ޖެހިލުންވި އެވެ. އެއީ އޮޕަރޭޝަން ތިއޭޓާރުގައި މަސައްކަތް ކުރެވޭނީ އިސްކޮޅުން ވަރަށް ދިގު މީހުންނަށް ކަމަށް އޭނާއަށް ހީވެފައި އޮތީމަ އެވެ.
ސ. ހިތަދުއަށް އުފަން އެރަށު މާފިޔާ، ނަޒްރާ ހުސެއިން (ނަޒޫ) 1996ގައި އިންސްޓިޓިއުޓް އޮފް ހެލްތް ސައިންސަސް އިން ނާސިން އެންޑް މިޑްވައިފްރީ އިން ޑިޕްލޮމާ ހާސިލް ކުރުމަށްފަހު، ފުރަތަމަ ވެސް މަސައްކަތް ކުރީ އައިޖީއެމްއެޗްގެ ތިއޭޓާގައި ރެޖިސްޓާޑް ނަރުހެއްގެ ގޮތުގަ އެވެ. އެވެ. އޮޕަރޭޝަން ތިއޭޓާތަކުގައި ކުރެވޭ އޮޕަރޭޝަންތައް ކާމިޔާބުވުމަށް ބޭނުންވަނީ އިލްމުވެރި، އިތުބާރުކުރެވޭ، ގާބިލް މީހުންނެވެ. ޓީމެއްގައި ގުޅިގެން މަސައްކަތް ކުރަން ދަންނަ ހީވާގި މީހުންނެވެ. އިމަޖެންސީ ހާލަތެއް ދިމާވެއްޖެނަމަ ލިބިފައިވާ އިލްމުގެ ބޭނުންކޮށް، އަވަސް ނިންމުމެއް ނިންމަން އެނގޭނެ މީހުންނެވެ. ބަލި މީހުނަށް އޯގާތެރި، މަސައްކަތަށް ފަރުވާތެރި މީހުންނެވެ. ނަޒްރާއަކީ އެފަދަ "އޯލްއިން ވަން" އެކެވެ.
ސްކްރަބް ނަރުހެއްގެ މަސައްކަތަށް ނަޒޫ މޮޅުކަން ފާހަގަކޮށްލެވެ އެވެ. ޚާއްސަކޮށް ލޮލުގެ އޮޕަރޭޝަންތަކަށެވެ. އެއީ އޭނާގެ އެންމެ ހާއްސަ ދާއިރާ އެވެ.
"ލޮލުގެ އޮޕަރޭޝަންތަކަށް ވަރަށް ޝައުގުވެރިވޭ. ކުރީގައި ޑރ. އިމްތިޔާޒު އަރިހުގައި އޮޕްތަލްމޮލޮޖީ (ލޮލުގެ) ކޭސްތަކަށް އެސިސްޓް ކުރިން،" އިންޑިއާގެ ނިއުދިއްލީގައި އޮޕްތަލްމޮލިޖީގެ ކޯހެއް ވެސް ހަދާފައިވާ ނަޒޫ ބުންޏެވެ.
ދުބާއީ އިން ގިނަ ތަޖުރިބާތަކެއް
އައިޖީއެމްއެޗްގައި މަސައްކަތް ކުރިއިރު އެކި ރޭންކްތަކުގައި މަސައްކަތް ކުރި އެވެ. ރެޖިސްޓާޑް ނަރުހެއްގެ ގޮތުގަ އެވެ. ސީނިއާ ރެޖިސްޓާޑް ނަރުހެއްގެ ރޭންކުގަ އެވެ. ކްލިނިކަލް ނަރުހެއްގެ މަގާމުގަ އެވެ. އަދި ތިއޭޓާގެ މެނޭޖަރެއްގެ ހައިސިއްޔަތުން ވެސް މަސައްކަތް ކުރި އެވެ. ނަމަވެސް މަގާމަށް ވުރެ ނަޒޫ އިސްކަންދިނީ ދާއިރާއިން އިތުރަށް ތަޖުރިބާ ހޯދުމަށެވެ. އާކަންކަން ދަސްކުރުމަށެވެ. އެގޮތުން 2014 ގައި ދުބާއީގެ ހެލްތްކެއާ ސިޓީގެ ހޮސްޕިޓަލަކުން ލިބުނު ފުރުސަތެއްގެ ފުރިހަމަ ބޭނުން ހިފީ ވެސް މިސަބަބާ ހުރެ އެވެ.
"ޕޮޒިޝަން، ސްޓޭޓަސް، ޓައިޓަލްއެއް އަޅުގަނޑަކަށް އެހާ މުހިންމެއް ނޫން. އެދުވަހަކު އެހުންނަ ސާޖަރީތަކަށް ރަނގަޅަށް އެސިސްޓް ކުރެވުމުން ޑޮކްޓަރުންގެ ފަރާތުން ލިބޭ ޕޮޒިޓިވް ކޮމެންޓާއި، އެހެން މީހުން އަޅުގަނޑުގެ މަސައްކަތް ބަލައިގެންފިނަމަ އަޅުގަނޑު ދެކެނީ އެއީ ވަރަށް ބޮޑު އެޗީވްމަންޓެއް ކަމަށް. އޭގެ ސަބަބުން އެލިބޭ ހިތްހަމަޖެހުން ބުނަން ވެސް ނޭނގޭ،" ޔުނިވާސިޓީ އޮޕް ނިއުސައުތު ވޭލްސްއިން މާސްޓާސްއިން ޕަބްލިކް ހެލްތް ވެސް ހަދާފައިވާ ނަޒޫ ބުންޏެވެ.
ރާއްޖޭން ބޭރުގައި އާއިލާއާއި ދުރުގައި ދިރިއުޅެން ޖެހުމުން ކުރީކޮޅު އޭނާ ވަރަށް އެކަނިވެރިވެ މާޔޫސްވި އެވެ. އެހެން ނަމަވެސް ކެތްތެރިކަން ކުރިއަށް ނެރުނެވެ. ދުބާއީއަށް ދިޔަ މަގްސަދު ހަނދާން ނައްތައެއް ނުލަ އެވެ.
"ދުބާއީއަށް އާދެވުނީ ފިރިމީހާގެ ވަރަށްބޮޑު ސަޕޯޓެއް ލިބިގެން. ކުދިންގެ ހުރިހާކަމަކާ ހަވާލުވީތީ. ނަޒޫގެ މަންމަ އާއި ބައްޕަ ވެސް ވަރަށް ބޮޑު ރޯލެއް ކުޅުނު ކުދިން ބަލައިދިނުމުގައި، ހުރިހާ ކަމެއް ކޮށްދިނީ މައިންބަފައިންނޭ ބުންޏަސް ދޮގަކަށް ނުވާނެ. ވަރަށް އުފާވޭ އާއިލާއާއި ފިރިމީހާ ވެސް އެހާ ސަޕޯޓިވް ވީމަ،" ނަޒޫ ބުންޏެވެ.
އޭނާ ދުބާއީގައި އަދާކުރަނީ ސްކްރަބް ނަރުހެއްގެ ވަޒީފާ އެވެ. އެހެނަސް ދުބާއީގެ ތަޖުރިބާ ވަރަށް ތަފާތެވެ. ކުރިން ދެކެފައިނުވާ އާކަންތައްތަކެވެ. އާ ސާޖަރީތަކެވެ. ބޭނުންކުރާ އިކުއިޕްމަންޓްސް ވެސް ތަފާތެވެ. މަސައްކަތް ކުރަންޖެހެނީ އެކި ގައުމުތަކުގެ މީހުންނާއެކީ އެވެ.
ސްކްރަބް ނަރުހެއްގެ ޒިންމާތައް ގިނަ އެވެ. އޭގެ ތެރޭގައި އެ ދުވަހަކު ޑިއުޓީކުރާ ތިއޭޓަރެއްގައި ކުރަން ހަމަޖެހިފައިވާ ސާޖަރީތަކަށް ބޭނުންވާ އިކުއިޕްމަންޓްސް އެއްކުރުމާއި، އެއެއްޗެހި ރަނގަޅަށް މަސައްކަތް ކުރޭތޯ ބެލުން ހިމެނެ އެވެ.
"ޚާއްސަ ދާއިރާއެއްގެ އެތައް ސާޖަންސް ތިބޭއިރު އެހުރިހާ އެންމެ ޕްރިފަރެންސަށް އެމީހުން ބޭނުންވާ އެއްޗެހި ތައްޔާރު ކުރުމަކީ އެހާ ފަސޭހަ ކަމެއް ނޫން. ނަމަވެސް ވަންސް ޔޫ ސްޓާޓް ޑުއިން ޔޫ ގެޓްޓު ނޯ،" ނަޒޫ ކިޔައިދިނެވެ.
އާ މާހައުލުގެ ގޮންޖެހުންތަކާއި ކުރިމަތިލީ ހިތްވަރާ އެކު
ރާއްޖެއާ ޚިލާފަށް ނަޒޫ މަސައްކަތްކުރާ ހޮސްޕިޓަލުގައި މުޅިން ވެސް ބޭނުންކުރަނީ ޑިސްޕޯސަބަލް (އެއްފަހަރު ބޭނުންކޮށްފައި އެއްލައިލާ) ތަކެއްޗެވެ. އަދި ތިއޭޓާ ތެރޭގައި މަސައްކަތް ކުރަން ޖެހޭ ގޮތް ވެސް ތަފާތެވެ.
"ރާއްޖޭގައި ވާގޮތަކީ ތިއޭޓާ ނަރުހުން ހުރިހާ ދިމާލެއްގައި މަސައްކަތް ކުރަންޖެހޭ. އެއީ ސްކްރަބް ކުރުން ކަމުގައި ވިއަސް، އޮޕަރޭޝަންގައި ބޭނުންކުރި އިންސްޓްރުމަންޓްސް ދޮވުން ކަމުގައި ވިއަސް، ސެޓް ޕެކް ކުރިއަސް ހުރިހާކަމެއް ކުރާނީ ނަރުހުން. ނަމަވެސް ދުބާއީގައި ސްކްރްބް ނަރުހެއްގެ ރޯލަކީ ހަމައެކަނި ސާޖަރީތަކަށް އެސިސްޓް ކުރުން. އެ ދުވަހަކު ޑިއުޓީ ހަމަޖެހިފައިވާ ތިއޭޓަރެއްގައި އެކަނި މަސައްކަތް ވެސް ކުރަން ޖެހެނީ،" ނަޒޫ ބުންޏެވެ.
ދުބާއީ ފަދަ މުއްސަނދި އަދި ޓެކްނޮލޮޖީގެ ގޮތުން ކުރިއަރާފައިވާ ގައުމެއްގެ ހޮސްޕިޓަލެއްގައި ހިފަހައްޓާލެވުމަކީ އާދައިގެ ކަމެއް ނޫނެވެ. އެހެންނަމަވެސް ނަޒޫ ވަނީ ހުނަރާއި، އިލްމާއި އަދި ގާބިލްކަން ކުރިއަށް ނެރެ އެ ހުރަސްތައް ގިރާކޮށްފަ އެވެ. މިއަދު ނަޒޫއަކީ ގިނަ ސާޖަންސް އެންމެ ބޭނުންވާ ސްކްރަބް ނަރުހެވެ. އަދި އެ ހޮސްޕިޓަލުގައި ހުރި ހަމައެކަނި އޯޓީ އޮޕްތަލްމޮލޮޖީ ނަރުހަކީ ވެސް އޭނާ އެވެ.
"އަޅުގަނޑު އެސިސްޓްކުރާ ސާޖަންސް ތިއޭޓާ އަންނަ އިރު އެބަ އަހާ 'ނަޒްރާ އާޔޫ ވިތް މީ ޓުޑޭ؟' ސާޖަންސް އަމިއްލަޔަށް އައިސް އެހެން އަހާލީމައި ވަރަށް އުފާވޭ،" ނަޒޫ ވަރަށް އުފަލާއެކު ބުނެލި އެވެ.
ނަޒޫ ދެކޭ ގޮތުގައި، ނަރުހުންނަށް ބޭރު ގައުމުތަކުގައި ތިއޭޓާ ޓްރޭނިން ދިނުމަކީ ވަރަށް މުހިންމުކަމެކެވެ. ޚާއްސަކޮށް ކުރިއަރާފައިވާ ގައުމެއްގައި ތިއޭޓާ ކަހަލަ ޚާއްސަ ތަނަކުން މަސައްކަތުގެ އަމަލީ ތަޖުރިބާ ލިބުމުން ގިނަ ކަންތައްތަކެއް ދަސްވެ އެވެ. އެއްކަމަކީ ޕްރޮފެޝަނަލިޒަމް އެވެ. އަނެއްކަމަކީ ކަންކަން ކުރުމުގައި ރަނގަޅު ގޮތާއި ނުބައި ގޮތް އަމިއްލައަށް ވަޒަންކުރަން ދަސްވެގެން ދާން މަގުފަހިވާތީ އެވެ.
"އަޅުގަނޑު ބުނާނީ ޓްރެއިނިންތަކަށް ދިއުމަކީ ވަރަށް މުހިންމު ކަމެކޭ. އެއީ އަދި ކިޔެވިއަސް އަމަލީ ތަޖުރިބާ އާއި ނުލައި ތިޔޭޓާ ފަދަ ތަނެއްގައި މަސައްކަތް ކުރަން ފަސޭހައެއް ނުވާ ނެއޭ،" ނަޒޫ ދެކޭގޮތް ހިއްސާކޮށްލި އެވެ.
ކުރާ މަސައްކަތުގެ އަގުވަޒަން ކުރުމަކީ ރަނގަޅު މީހުން ހަރުލެއްވުމަށް ދެވޭ ބާރެކެވެ. މިއީ ނަޒޫ ދުބާއީގައި މަސައްކަތް ކުރާތާ 10 އަހަރު ފުރޭ އަހަރެވެ. އެކަން ފާހަގަކޮށް އޭނާ މަސައްކަތް ކުރާ ހޮސްޕިޓަލުން އަންނަނީ އޭނާއަށް ލޯންގް ސާވިސް އެވޯޑް ދިނުމަށް ތައްޔާރު ވަމުންނެވެ.
ނަޒޫ އަކީ ވ. ގާބިލް ނަމޫނާ ނަރުހެއް. އަބަދުމެ ކާމިޔާބީއަށް އެދެން.