މީގެ ހަތަރު އަހަރު ކުރިއަށް ބަލާލާއިރު އަހަރުމެންގެ ދިރިއުޅުން އޮތީ ވަރަށް "ހާލުގަ" އެވެ. ގޭތެރޭގެ ހަތަރު ފާރުން އެތެރޭގައި ބަންދުވެ ގާތްގަނޑަކަށް ދެ އަހަރު ހޭދަވިއިރު އެއީ ދިރިއުޅުމުގައި ކުރިމަތިވެދާނެ އެންމެ އުނދަގޫ ހާލަތް ކަމުގައި އަހަރެމެންގެ ތެރެއިން ގިނަ ބަޔަކަށް ހީވި އެވެ.
ހަނދާން ކޮށްލަން މިއުޅެނީ މީގެ ފަސްވަރަކަށް އަހަރު ކުރިން މުޅި ދުނިޔެއަށް ކުރިމަތިވި ކޮވިޑް 19 ޕެންޑަމިކްގެ ހާލަތެވެ. އެ ބަލިމަޑުކަމާއެކު މުޅި ދުނިޔެ ހުއްޓުމަކަށް އައިއިރު އެކަމުން ލިބުނު އިގްތިސާދީ އަދި އިޖުތިމާއީ ގެއްލުންތަކުން އަދިވެސް މިއުޅެނީ އަރައިނުގަނެވިގެންނެވެ.
އެ ޕެންޑަމިކްއިން ރަނގަޅަށް މިންޖު ނުވެވިގެން އުޅެނިކޮށް އަނެއްކާވެސް މިއޮތީ އިތުރު ޕެންޑަމިކްއެއްގެ ކޮޅުމަތި ފެންނަން ފަށާފަ އެވެ. އެފްރިކާއިން ފެނިފައިވާ އެމްޕޮކްސް ބަލިމަޑުކަަމަކީ ދުނިޔެއަށް ދެން އެންމެ އަވަހަށް ކުރިމަތިވާނެ މުސީބާތުގެ ގޮތުގައި ސިއްހީ މާހިރުން ސިފަކުރެ އެވެ.
"ޑައިރެކްޓް ކޮންޓެކްޓް"ގެ ޒަރިއްޔާއިން ގައިން ގަޔަށް އަރާ މި ބަލި އެފްރިކާގައި ހަލުވިކަމާއެކު ފެތުރެމުން އަންނައިރު ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން މިހާރު ވަނީ މި ބަލީގެ ސަބަބުން މުޅި ދުނިޔެއަށް ސިއްހީ ކުއްލި ހާލަތު އިއުލާން ކޮށްފަ އެވެ. އެއާއެކު ދިގުދެމިގެންދާނެ ފުރަބަންދާއި ކަރަންޓީނަށް ތައްޔާރު ވުމަށް ވެސް އެޖަމިއްޔާއިން ސަރުކާރުތަކަށް ވަނީ ގޮވާލާފަ އެވެ.
2022 ވަނަ އަހަރުގެ ފުރަަތަމަކޮޅު އެންމެ ފުރަތަމަ ފާހަގަވި މި ބައްޔަށް މާބޮޑު އަޅާލުމެއް ނުދެވި ދުވަސްތައް ގުނަމުން އައިސް މިހާރު ފެތުރެމުން އަންނަނީ އެ ބަލީގެ ވަރަށް ފަސޭހައިން ފެތުރޭ ނުރައްކާތެރި ވޭރިއަންޓެއް ކަމަށް ސިއްހީ މާހިރުން ބުނެ އެވެ. މިއީ މީގެ ހަތަރު އަހަރު ކުރިން ފެތުރުނު ކޮވިޑް 19އަށްވުރެ ވެސް ފަސޭހައިން ފެތުރޭ ބައްޔެކެވެ.
އެމްޕޮކްސް ފެތުރެން ފެށީ އެފްރިކާގެ ފަގީރު ގައުމުތަކުން ނަމަވެސް މިހާރު ޔޫރަޕްގެ ބައެއް ގައުމުތަކުން ވެސް އެ ބަލީގެ ކޭސްތަކެއް ފެނިފައިވާއިރު ކުރިއަށް އޮތް ތަނުގައި ބަލި ފެންނަ ގައުމުތައް އިތުރުވުން އެކަށީގެންވާ ކަމަށް ވެސް މާހިރުން ވިދާޅުވެ އެވެ.
މި ބަލިން ރައްކާތެރި ވުމަށްޓަކައި ވެކްސިންއެއްގެ މަސައްކަތް ސައިންސްވެރިން އަންނަނީ ކުރަމުންނެވެ. އެ މަސައްކަތުގެ ދަށުން ވެކްސިންއެއް އުފައްދައި އެ ވެކްސިން ޓެސްޓު ކުރުމުގެ މަރުހަލާގައި މިވަގުތު އުޅޭއިރު އެ ވެކްސިންއިން ބަލި ކޮންޓްރޯލް ކުރަން ކޮންމެވެސް ވަރެއްގެ ލުޔެއް ލިބޭނެ ކަމަށް ސައިންސްވެރިން ބުނެ އެވެ.
މިހުރިހާ ކަމަކާއެކު ގްލޯބަލް ޕެންޑަމިކްއެއްގެ ވިލާގަނޑު އަނެއްކާވެސް އައިސް ބޯމަތި ކުރީއޭ ދެންނެވުމަކުން ދޮގަކަށް ނުވާނެ އެވެ. މީގެ ފަސްވަރަކަށް އަހަރު ކުރިން ފެނުނު ހުރިހާ ކަމެއް އަނެއްކާ ވެސް މި އަންނަނީ ތަކުރާރު ވަމުންނެވެ. އަހަރުމެންނަށް އޮތީ ކުރިއަށް ދިމާވެދާނެ ދަތި ހާލަތަކަށް ތައްޔާރުވުމެވެ.