ކ. ގުޅިފަޅުން ދޫކޮށްފައިވާ ގޯތި ހަވާލުކުރެވޭނީ ތިލަމާލެ ބްރިޖުގެ މަސައްކަތް ކުރުމަށް ބޭނުންކުރާ ސައިޓު ހުސްކޮށް، ބިން ހިއްކައި ނިމުމުން ކަމަށް ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު މިއަދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހިމް ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުން ހައިދަރު ވިދާޅުވީ ކުރީ ސަރުކާރުން ކަނޑުފަޅުތަކުން ގޯތި ދޫކޮށްފައި ހުރީ ޒިންމާދާރުކަން ކުޑަގޮތަކަށް ކަމަށެވެ. އެގޮތުން ގުޅިފަޅުގައި އިތުރު 85 ހެކްޓަރުގެ ބިން ހިއްކަން ޖެހޭ ކަމަށާއި އެތަނުން ގޯތި ދޫކުރެވޭނީ އެ މަސައްކަތް ނިމުމުން ކަމަށް އޭނާ ވިދާޅުވި އެވެ. އަދި މިހާރު ތިލަމާލެ ބްރިޖުގެ މަސައްކަތްތަކަށް ގުޅިފަޅު ބޭނުންކުރާއިރު އެތަން ހުސްކުރެވޭނެ ކަމަށް ބެލެވެނީ އަންނަ އަހަރުގެ ސެޕްޓެމްބަރު މަހާ ހިސާބަށްކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
ހައިދަރު ވިދާޅުވީ ގުޅިފަޅުން ބިން ދޫކުރުމަށް މިސަރުކާރުން ތައްޔާރުކުރި ލޭންޑް ޔޫސް ޕްލޭނުގެ ސަބަބުން ރައްޔިތުންނަށް ތަކުލީފަކާ ނުލައި ދިރިއުޅެވޭނެ ކަމަށާއި އެޕްލޭން ފާސްކުރުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ.
ހުޅުމާލެ ދެވަނަ ފިޔަވަހިން ބިން ދޫކުރުމާ ގުޅޭގޮތުން ހައުސިން މިނިސްޓަރު ވިދާޅުވީ އެތަނުން ބިން ދޫކޮށްފައި ހުރީ އެކި މަސައްކަތްތަކަށް ސާމާނު ބަހައްޓާފައިވާ ސައިޓުތަކާއި މަގުތަކުން ކަމަށެވެ. އަދި ކަރަންޓު ފޮށިތައް ގޯތިތެރެއަށް ވާގޮތަށް ވެސް އެބަހުރި ކަމަށް އޭނާ ވިދާޅުވި އެވެ.
ހައުސިން މިނިސްޓަރު ވިދާޅުވީ އެކަންކަން ހައްލުކުރުމަށްފަހު 1،407 ގޯތިން 623 ގޯތި މިހާރު ހަވާލުކޮށްފައިވާ ކަމަށާއި، މި އޮކްޓޯބަރު މަހުގެ ނިޔަލަށް ދެވަނަ ފިޔަވަހިން ދޭން ޖެހޭ ހުރިހާ ގޯއްޗެއް ހަވާލުކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. މީގެ އިތުރުން ތިންވަނަ ފިޔަވަހިން 699 ގޯތި ދީފައިވަނީ ފަޅުން ކަމަށާއި އެއީ ޒިންމާދާރު ސަރުކާރަކުން ކަންކުރާނެ ގޮތެއް ނޫންކަމަށް ވެސް ހައިދަރު ވިދާޅުވި އެވެ.
"ރައީސް ބޭނުންފުޅުވަނީ ޒިންމާދާރުކަމާއެކު ގޯތި ބައްސަވަން. އެހެންވީމަ ހުޅުމާލެ ފޭސް ތިނަކުން ގޯތި ލިބުނު 699 ފަރާތަށް ވެސް މި ސަރުކާރުން ގޯތި ހަވާލުކުރާނީ ބިން ހިއްކުމަށްފަހު ބިމުން. ފޭސް ތިނެއް ހިއްކައި ގޯތި ހަވާލުކުރުމުގެ އަމަލީ މަސައްކަތް ފެށޭނެ ކަމަށް ލަފާ ކުރެވެނީ މިއަހަރުގެ ނޮވެމްބަރު ހާތަނުގައި،" މިނިސްޓަރު ވިދާޅުވި އެވެ.
ވަޒީރު ވިދާޅުވީ ކުރީ ސަރުކާރުން ގިރާވަރުފަޅުން 5،186 މީހުންނަށް ގޯތި ދީފައިވާއިރު އެ ގޯތިތައްވެސް ބިން ހިއްކުމަށްފަހު މިސަރުކާރުން ހަވާލުކުރާނެ ކަމަށެވެ. އެގޮތުން، ގޯތި ލިބުނު އެއްވެސް ފަރާތެއް އުނިނުވާނެހެން ހަވާލުކުރައްވާނެ ކަމަށާއި ބިންހިއްކުމުގެ މަސައްކަތް މިހާރު ކުރިއަށްދާކަން އޭނާ ފާހަގަކުރެއްވި އެވެ.