މާލީ އިދާރާތަކުގެ ބޯޑުތަކަށް ސިޔާސީ މީހުން އައްޔަންކުރެވޭގޮތަށް ބޭންކުތަކާއި އިންޝުއަރެންސް ކުންފުނިތައް އަދި މާލީ ކުންފުނިތަކުގެ ކޯޕަރޭޓު ގަވަނެންސް ގަވައިދަށް އިސްލާހު ގެނެސްފި އެވެ.

މި ގަވައިދު އިސްލާހުކޮށް މިއަދު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމްއެމްއޭ އިން ވަނީ ގެޒެޓްކޮށްފަ އެވެ. އެ އިސްލާހާއެކު ބޭންކުތަކާއި އިންޝުއަރެންސްގެ ހިދުމަތް ދޭ ކުންފުނިތައް އަދި މާލީ ކުންފުނިތަކުގެ ބޯޑުގައި ސިޔާސީ މުވައްޒަފުނަށް ތިބެވޭނެ އެވެ.

މި ގަވާއިދުގައި ކުރިން އޮތް ގޮތުން ސަރުކާރުގެ ނުވަތަ ސަރުކާރުގެ ޑިޕާޓްމަންޓަކަށް ރައީސް އައްޔަންކުރައްވާފައިވާ ސިޔާސީ މުވައްޒަފަކަށް ބޭންކްތަކާއި އިންޝުއަރެންސް ކުންފުނިތަކާއި ފައިނޭންސް ކުންފުންޏެއްގެ ބޯޑަށް އައްޔަން ނުކުރެވޭނެ އެވެ.

މިއަދުން ފެށިގެން މި އިސްލާހާއެކު އެ ގަވައިދަށް އަމަލުކުރަން ފެށުމުން ކެބިނެޓު މިނިސްޓަރުންނާއި މިނިވަން މުއައްސަސާތަކުގެ ވެރިން އަދި ސިޔާސީ ޕާޓީތަކުގެ އިސް މަގާމުތަކުގައި ތިއްބަވާ ބޭފުޅުން ފިޔަވައި ސިޔާސީ މަގާމުތަކުގައި ތިއްބަވާ އެހެން ބޭފުޅުންނަށް ބޭންކުތަކާއި އިންޝުއަރެންސް ކުންފުނިތައް އަދި މާލީ ހިދުމަތް ދޭ ކުންފުނިތަކުގެ ބޯޑަށް އައްޔަންކުރެވޭނެ އެވެ.

އެމްއެމްއޭ އަކީ ޒަމާނީ ސެންޓްރަލް ބޭންކަކަށް ބަދަލުކުރުމުގެ ސިޔާސަތުގެ ދަށުން އެ އިދާރާގެ އޮނިގަނޑަށް ބޮޑު ބަދަލުތަކެއް ގެންނެސްފައި މިވަނީ ކުރީގެ ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު އާ ގަވަރުނަރުގެ މަގާމާއި ހަވާލުވެވަޑައިގަތުމަށްފަހު އެވެ. އެމްއެމްއޭގެ އޮނިގަނޑަށް ގެނައި ބަދަލުގެ ތެރޭގައި އެސިސްޓެންޓް ގަވަރުނަރުންގެ ބަދަލުގައި މެނޭޖިން ޑިރެކްޓަރުން ތިބޭ ގޮތަށްވެސް ވަނީ ހަމަޖައްސާފަ އެވެ.