އައްޑޫ ހަންކެޑެ ބްރިޖްގެ މަސައްކަތް ނިންމައި އަންނަ މަހުގެ ތެރޭގައި އާންމުންނަށް ހުޅުވާލުމަށް މަސައްކަތްކުރަމުން އަންނަ ކަމަށް އައްޑޫ ސިޓީ ކައުންސިލުން ބުނެފި އެވެ.
ހަންކެޑެ ބްރިޖަކީ، ފަތުރުވެރިކަމަށް ތަރައްގީކުރަން ކަނޑައަޅާފައިވާ ރަށެއް ކަމަށްވާ ހަންކެޑެ ބޭރުން ހުޅަނގު ދެކުނުގައި ތަރައްގީކުރާ ބްރިޖެކެވެ. މި ބްރިޖްގެ ސަބަބުން ހަންކެޑެ ސަރަހައްދު އެއްކޮށް ފަތުރުވެރިކަމަށް ދޫކޮށްލެވޭނެ ގޮތް ހެދޭނެ އެވެ.
އައްޑޫސިޓީ މޭޔަރު އަލީ ނިޒާރު ވިދާޅުވީ ބުރިޖްގެ ބޮޑެތި މަސައްކަތް ނިމި މިހާރު ކުރަމުންދަނީ ބްރިޖްގެ ދެ ފަރާތުގައި ފެންސް ޖެހުމުގެ މަސައްކަތް ކަމަށެވެ. އަދި ހަންކެޑެ ބްރިޖްގައި ތާރު އަޅާ ނިމިފައިވާއިރު ބްރިޖްގައި ކުރަހަންޖެހޭ ކުރެހުންތައް ވެސް ނިމިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ނިޒާރު ވިދާޅުވީ އަންނަ މަހުގެ މެދެ ތެރޭގައި ބްރިޖް އާންމުންނަށް ހުޅުވާލުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި ޖޫންމަހު ކޮންސްޓްރަކްޝަން މިނިސްޓްރީން ބުނެފައި ވަނީ ޖުލައި މަހު ބްރިޖް ހުޅުވާލާނެ ކަމަށެވެ.
ހަންކެޑެ ބްރިޖްގެ އަމަލީ މަސައްކަތް ފެށީ 2021 ވަނަ އަހަރުގެ އޮކްޓޯބަރު މަހު އެވެ. ގާތްގަނޑަކަށް 1.4 ކިލޯމީޓަރުގެ މި ބްރިޖަކީ، 4 ލޭނަށް ތަރައްގީކުރާ ބްރިޖެކެވެ. ބްރިޖްގެ މަސައްކަތް ކުރަނީ، އައްޑޫގެ މަގު ހެދުމަށް ކުރިއަށްގެންދާ ބިޔަ މަޝްރޫއާއެކު ތިލަމާލެ ބްރިޖު ހެދުމުގެ މަސައްކަތް ވެސް ހަވާލު ކޮށްފައިވާ އިންޑިއާގެ އެފްކޮންސް ކުންފުންނިންނެވެ.
ސ. މަރަދުއާ އިންވެގެން އޮންނަ ހަންކެޑެއަކީ އައްޑޫގައި ޓޫރިޒަމް ފުޅާ ކުރުމަށް ރޭވި މަޝްރޫއުގެ ތެރެއިން ފުރަތަމަ އިއުލާން ކުރި އެއް ރަށެވެ. ނަމަވެސް އެއީ މިހާތަނަށް ކޮޅެއްގައި ނުޖެހި އެންމެ ބޮޑަށް ދިގުލައިގެން ގޮސްފައިވާ އެއް މަޝްރޫ އެވެ. އެންމެ ފުރަތަމަ ހަންކެޑެ ތަރައްގީ ކުރުމަށް މަސައްކަތް ފެށީ 2005 ވަނަ އަހަރު އެވެ. އޭގެ ފަހުން 2008 ގައިވެސް ބަޔަކާ ހަވާލުކޮށް މަސްރޫއު ކުރިއަށް ނުގޮސް އޮތެވެ.
އެއަށްފަހު 2013 ގައި ސިންގަޕޫރުގެ ކުންފުންޏެއް ކަމަށްވާ ކްރެސެންޑާޒް ގްރޫޕާ ހަންކެޑެ ތަރައްގީ ކުރަން ސަރުކާރުން ހަވާލުކުރި އެވެ. އޭރު އެ ކުންފުނިން ހަންކެޑެ 2014 ގައި، ހަތަރެއް ނުވަތަ ފަސް ތަރީގެ ރިސޯޓެއްގެ ގޮތުގައި ހިދުމަތަށް ހުޅުވައިލާނެ ކަމަށް ވެސް ބުނެފައިވެ އެވެ.
މިދިޔަ ސަރުކާރު ނިމެން 8 މަހަށް ވެފައިވަނިކޮށް ހަންކެޑެ މަޝްރޫއު އިންޓަގްރޭޓެޑް ޓޫރިޒަމް ކޮންސެޕްޓަށް ތަރައްގީ ކުރަން މޯލްޑިވްސް ފަންޑް މެނޭޖްމެންޓް ކޯޕަރޭޝަން (އެމްއެފްއެމްސީ) އިން ޗައިނާގެ ކުންފުންޏަކާ ހަވާލުކުރި އެވެ.