އިއްޔެއިން ފެށިގެން މިއަދާ ހަމައަށްވެސް ފޭސްބުކް ހުޅުވާލާއިރަށް ފެންނަނީ ފާޑެއްގެ "ކާޓޫނު" ތަކެކެވެ. ގިނަ މީހުންގެ ޕްރޮފައިލް ޕިކްޗާގައިވެސް މިބުނާ ކާޓޫނެވެ. މިވަރަކަށް މި ކާޓޫނުތައް ފެންނަން ފެށުމުން މިވާގޮތެއް ނުބަލާ ކެތެއް ނުކުރެވުނެވެ.

މިވާ ގޮތެއް ރަނގަޅަށް ބަލައިލި އިރު މިއީ ކާޓޫނެއް ނޫނެވެ. ފޭސްބުކުން އަލަށް ތައާރަފުކޮށްގެން އުޅޭ "އެވެޓާ" ކިޔާ ފީޗާއެކެވެ.

ސްނެޕްޗެޓްގެ ބިޓްމޯޖީ އާއި އެއްގޮތް މި ފީޗާގައި ކޮންމެ މީހަކަށްވެސް އަމިއްލަ ސިފަތައް ހިމަނައިގެން އަމިއްލަ މީހާގެ ކާޓޫނެއް ތައްޔާރުކޮށްލެވެ އެވެ. އަދި ފޭސްބުކްގެ ކޮމެންޓް ސެކްޝަނާއި މެސެންޖާގައި ވެސް އިމޯޖީގެ ބަދަލުގައި މިބުނާ އެވެޓާގެ އެކި މޫނުތަކުން އެކި އިހުސާސު ހާމަކުރެވޭނެ އެވެ.

ކޮންމެއަކަސް ވަރަށް ޝައުގުކުރުވަނިވި ފީޗާއެކެވެ. ތިބާގެ އެވެޓާ ތައްޔާރު ނުކުރަންނާ އަވަހަށް ކުރަން ހިނގާށެވެ. މިކިޔައިދެނީ އެވެޓާ ތައްޔާރުކުރާނެ ގޮތެވެ.

ސްޓެޕް 1

ފޯނުން ފެސްބުކް އެޕްލިކޭޝަން ހުޅުވާލުމަށް ފަހު ކަނާތްފަރާތު ކަނުގައި އިންނަ ތިން ލައިނަށް ފިތާލާށެވެ.

ސްޓެޕް 2

ތިރިއަށް ސްކްރޯލް ކުރުމަށްފަހު "ސީ މޯ" އަށް ފިތާލާށެވެ.

ސްޓެޕް 3

"އެވެޓާސް" އަށް ފިތާލާށެވެ.

ސްޓެޕް 4

"ނެކްސްޓް" އަށް ފިތާލުމަށްފަހު އެވެޓާ ތައްޔާރުކުރަން ފަށަމާ!

ސްޓެޕް 5

ހަމުގެ ކުލަ، އިސްތަށިގަނޑުގެ ކުލަ، ލޮލުގެ ކުލައާއި ޝޭޕް، ބުމަ އަދި ހެދުން ފަދަ ތަކެތި އަމިއްލަ އަށް ޗޫޒް ކުރަމުން ގެންދާށެވެ.

ސްޓެޕް 6

ހުރިހާ އެއްޗެއް ޗޫޒްކޮށް ނިމުމުން ނެކްސްޓް އަށް ފިއްތާލާށެވެ.

ސްޓެޕް 7

"ޑަން" އަށް ފިއްތާލުމުން އެވެޓާ ތައްޔާރުކޮށް ނިމުނީ އެވެ.

އެވެޓާ ތައްޔާރުކުރުމަށް ފަހު ކޮމެންޓް ސެކްޝަންގައި އަދި މެސެންހާގައި ވެސް ބޭނުންކުރެވެން ހުންނާނެ އެވެ.

މިއާއި އެކު ފާހަގަކޮށްލަން ޖެހޭ އަނެއް ކަމަކީ އެންމެން އެމީހުންގެ އެވެޓާތައް ފޭސްބުކަށް ލާން ފެށުމުން ރުޅިއައި ބަޔަކުވެސް ތިބި ކަމެވެ.

"މުޅި ފީޑުގައި އެވެޓާ. ކިހާ ދެރަ ކަމެއް!" މިއީ ބައެއް މީހުންގެ ކޮމެންޓްތައް ހުރި ގޮތެވެ. އެފަދަ މީހުންނަށް ބުނެލަން ބޭނުމީ އެމީހަކު ބޭނުން ކޮންމެ އެއްޗެއް ފޭސްބުކަށް ލުމުގެ ބާރު އެމީހަކަށް އޮންނާނެ އެވެ. އަދި މަޝްހޫރުވާ ކަންތައް ކޮށް އުޅޭ މީހުންނަށް ފުރައްސާރަކޮށް ދަށް ކޮށްލަން އުޅޭ ތިމާ ވަކި އެ މީހުންނަށް ވުރެ "ކޫލް" ވާނެ ކަމެއް ނޫނެވެ. މިއީ 2020 ވަނަ އަހަރެވެ. އެކަކު އަނެކަކަށް އިހުތިރާމު ކުރަން ދަސްކުރާށެވެ.

އެހެން ކަމުން އެވެޓާއެއް ނުހަދާ ހުރި މީހެއް ހުރި ނަމަ ޓެގް ކޮށްލުމަށްފަހު އެމީހަކު ލައްވާ އެވެޓާއެއް ހަދުވަން ހިނގާށެވެ.