ވައިގެ މަގުން ރާއްޖެ އައި ޕާކިސްތާނުގެ މީހެއްގެ އަތުން ދެ ކިލޯގެ މަސްތުވާކަތި އަތުލައިގަނެ، އެކަމުގައި ހިމެނޭ ކަމަށް ތުހުމަތުކުރެވޭ ދެ ދިވެއްސަކު ހައްޔަރުކޮށްފި އެވެ.

ފުލުހުންނާއި ކަސްޓަމްސް ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު އަފްޒަލް ވިދާޅުވީ މިދިޔަ ބުދަ ދުވަހު އަބޫދާބީ މަގުން ރާއްޖެ އައި ޕާކިސްތާނު ފަސިންޖަރުގެ ލަގެޖުން ފެނުނު ތަނެތި ޓެސްޓްކުރިއިރު، ހެރޮއިންއަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ.

"ޖުމްލަ ބަރުދަނުގައި ޕެކިނާ އެއްކޮށް 2.12 ކިލޯގްރާމް އެތަކެތީގައި އެބަހުރި. މި ޕެސެންޖާގެ މައުލޫމާތު އަޅުގަނޑުމެން އިތުރަށް ހޯދިއިރުގައި ރާއްޖެ އައިސްފައި ވަނީ އަބޫދާބީ މަގުން، އަބޫދާބީ މަގުން މާލެއަށް،" އަފްޒަލް ވިދާޅުވި އެވެ.

އެތަކެތީގެ މަގުމަތީ އަގު 143 މިލިއަން ރުފިޔާއަށް އަރާ ކަމަށް ޑްރަގު އެންފޯސްމެންޓް ޑިޕާޓްމަންޓުގެ ހެޑް، ނާހިދު ހުސެއިން ވިދާޅުވި އެވެ.

އެ މައްސަލައާ ގުޅުންހުރި ކަމަށް ތުހުމަތު ކުރެވޭ ދެ ދިވެހީން މިހާރު ވަނީ ހައްޔަރުކޮށްފަ އެވެ. އެއީ އުމުރުން 25 އަހަރާއި 40 އަހަރުގެ ދެ ފިރިހެނުންނެވެ. އެ މަސްތުވާތަކެތި ރާއްޖެ ގެނައި ޕާކިސްތާނު މީހާ ވެސް މިހާރު ހުރީ ފުލުހުންގެ ބަންދުގަ އެވެ. އެ އެންމެންގެ ބަންދަށް ކޯޓުން ޖެހީ 15 ދުވަހެވެ.

ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް މުހައްމަދު ވަހީދު ވިދާޅުވީ ހައްޔަރުކޮށްފައިވާ ދެ ދިވެހީންގެ ވެސް ކުށުގެ ރެކޯޑު އެބައޮތް ކަމަށެވެ. އަދި އެ މައްސަލައާ ގުޅުންހުރި އިތުރު ބައެއްގެ ތަހުގީގު ވެސް ކުރިއަށްދާ ކަމަށް އޭނާ ވިދާޅުވި އެވެ.

ދިވެހީން އަޑީގައި ތިބެގެން ބިދޭސީން ލައްވައި މަސްތުވާތަކެތި ރާއްޖެ އެތެރެކުރުމަކީ މިހާރު އާންމު ކަމެކެވެ.