އޭނާއަކީ ވާދަވެރި ކަސްރަތު ޕްރޮގްރާމް ހިންގުމަށް ވުރެ މީހުނަށް ފައިދާހުރި ޚިދުމަތެއް ފޯރު ކޮށްދެވޭތޯ މަސައްކަތް ކުރާ ފިޓްނަސް އިންސްޓަރްކްޓަރެކެވެ. ފިޓްނަސްއަށް ޝައުގުވެރިވެވުނީ ޖިމްއަކަށް ގޮސް ރަނގަޅަށް ކަސްރަތުކުރަން ދަސްކުރަން ފެށި ދުވަހުން ފެށިގެންނެވެ.
އަމީނިއްޔާއިން ތައުލީމު ހާސިލުކުރުމަށްފަހު، މަތީ ތައުލީމު ހާސިލްކުރުމަށް މެލޭޝިއާގައި ހުރި ދުވަސްވަރު ކަސްރަތާބެހޭ ގިނަ ކޯސްތަކެއް ވެސް އޭނާ ފުރިހަމަ ކޮށްފައިވެ އެވެ. އޭގެ އިތުރުން ޖާނަލިޒަމް، މާސްކޮމިއުނިކޭޝަންސް، ޕަބްލިކް ރިލޭޝަންސް ދާއިރާ އިން ވެސް ކިޔަވާފައިވެ އެވެ. އަދި ބިޒްނަސް އެޑްމިނިސްޓްރޭޝަން އިން މާސްޓާސް އަދި ޑޮކްޓަރޭޓް ފުރިހަމަކޮށްފައިވާ މ. ކުރިނބީލޮޖް، ޑރ. ރަނާ އަހުމަދު ހަމީދު ނުވަތަ ރަނާ އަކީ މިހާރު އެމްއެންޔޫގެ ފުލްޓައިމް ލެކްޗަރާއެކެވެ. ކަސްރަތައް ހުންނަ ޝައުގުވެރި، ކަމެއްގެ ސަބަބުން މެލޭޝިއާގައި، ކިޔެވި ދުވަސްވަރު ލިބޭ ޗުއްޓީ އޭނަ ހޭދަކުރަނީ ކަސްރަތާބެހޭ އިލްމު ހޯދުމުގަ އެވެ. އަދި މަސައްކަތުގެ އަމަލީ ތަޖުރިބާ ހޯދުމުގަ އެވެ.
ފިޓްނަސް އިންސްޓްރަކްޓަރެއްގޮތުގައި މީހުންނަށް ތައާރަފްވުން
ދެހާސް އަށާރަ ވަނަ އަހަރު ކިޔެވުން ނިންމާފައި މާލެ އައިސް ފިޓްނަސް ޕްރޮގްރާމްތައް ހިންގަން ފަށައި، އަމިއްލަ ޕޭޖެއް ހުޅުވި ނަމަވެސް ނަމަވެސް، އޭރު އޭނާ ކަސްރަތު ކްލާސްތައް ނަގައިދެނީ ހިލޭސާބަހަށެވެ. އާއިލާގެ ކުދިންނާއި ގާތް ރައްޓެހިންނަށެވެ. އަދި އެއްކޮށް މަސައްކަތްކުރާ މީހުންނަށެވެ. އޭނާއަކީ ފިޓްނަސް އިންސްޓްރަކްޓަރެކޭ އާންމުންގެ ކުރިމަތީގައި ބުނުމުގެ ގަޓެއް ނުވަތަ ހިތްވަރު ވެސް އޭރު އޭނާގެ ނުހުންނަ ކަމަށް ރަނާ ބުންޏެވެ.
މީހުނަށް ރަނާ އިންސްޓްރަކްޓާއެއްގެ ގޮތުގައި އެނގެންފެށީ، "ވުމެންސެންޓާ ބައި ޔޫލިއާ" ގައި ފިޓްނަސް އިންސްޓްރަކްޓަރެއްގެ ގޮތުގައި މަސައްކަތްކުރި ދުވަސްވަރު އެވެ.
މާލޭގެ އިތުރުން ނ. ކެނދިކުޅުދޫގައި ވެސް ރަނާ ވަނީ އެކި ގްރޫޕްތަކަށް ކަސްރަތު ސެޝަންތަށް ނަގައިދީފަ އެވެ. އެއީ ވަރަށް ކާމިޔާބު އަދި ވަރަށް ތަރުޙީބު ލިބުނު ސެޝަންތަކެއްކަން އޭނާ ފާހަގަކުރެ އެވެ. މިހާރު އޭނާއަކީ "ގެޓް ފިޓް ވިތު ރަން"ގެ ފައުންޑަރެވެ.
މާބަނޑު މީހުނަށް އެހީވާން އިސްކަންދިން
ރަނާގެ ވިސްނުން ހުރީ ވާދަވެރި ކަސްރަތު ކުލާސްތަކެއް ހިންގުމަށް ވުރެ، ދުޅަހެޔޮކަން ކުރިއެރުވުމަށް އިސްކަން ދިނުމަށެވެ. އެގޮތުން އޭނަ ފިޓްނަސް މަސައްކަތް ފެށީ، މާބަނޑު އަންހެނުންނަށާއި ދުވަސްވީ މީހުންނަށް ފޯކަސްކޮށެވެ. އުމުރުން ދުވަސްވުމުން ވެސް ކަސްރަތުކޮށް ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް މަސައްކަތް ކުރުމުގެ މުހިންމުކަން މީހުންނަށް ވިސްނައި ދިނުމަކީ ވެސް އޭނާގެ އެއް އަމާޒު ކަމަށް ވާތީ އެވެ.
"މީހުނަށް އެހާބޮޑަށް ނޭނގޭ އޭރިއާ އަކުން އެހީތެރިވެ، ކިޔައިދީ ހެލްޕްފުލް އެސެޓަކަށްވުމަށް އަޅުގަނޑު ވަރަށް ބޮޑަށް ބޭނުން ވާތީ އެވިސްނުމުގައި އެ ދެގްރޫޕަށް ޚާއްސަކޮށް ގެން މިމަސައްކަތް ފެށީ...،" ރަނާ ބުންޏެވެ.
"ގެޓް ފިޓް ވިތު ރަން"ގެ މަސައްކަތް ފުޅާކުރުން
ރަނާގެ ޖިމް ހިންގަނީ އަމިއްލަ ގޭގަ އެވެ. ކުލާސްތައް ވަރަށް ރަނގަޅަށް ވައިގަހިފައި ކުރިއަށް ދަނިކޮށް، އޭނާ ބަލިވެ އިނުމުން، މެދުކެނޑުމެއް ގެންނަން ބޭނުންނުވާތީ "ގެޓް ފިޓް ވިތް ރަން" ގައި އެހެން އިންސްޓްރަކްޓަރުން ބައިވެރި ކުރުމަށް އޭނާ ނިންމި އެވެ. އިންޑޯ އަދި އައުޓްޑޯ ހިމެނޭހެން މިހާރު ރަނާގެ ފިޓްނަސް ކްލާސްތައް ހިންގަނީ އެކި އިންސްޓްރަކްޓަރުންނެވެ.
"ގެޓް ފިޓް ވިތް ރަން އަށް އެންރޯލް ވިނަމަވެސް އަޅުގަނޑުގެ ޓީމުގެ އިންސްޓްރަކްޓަރުންގެ ތެރެއިން، އެކަސްރަތަކަށް ޚާއްސަ އިންސްޓްރަކްޓަރުން އަމަލީކޮށް ކްލާސްތައް ނަގައި ދިނުމުގައި ހަރަކާތްތެރިވާނީ. ޖިމްގަ އާއި މާލޭގަ އާާއި އަދި ހުޅުމާލޭގައި ސެޝަންތައް އޮންނާނީ. ނިރްވާނާ، ކަރާޓީ އަދި މޫދު ކަސްރަތުގެ ޚިދުމަތް ވެސް މިހާރު ލިބޭނެ،" ކޮލިޓީ ޚިދުމަތެއް ދިނުމަށް އިސްކަންދޭ ރަނާ އޮޅުންފިލުވައިދިނެވެ.
ބަރުދަން ލުއިކުރަން ބޭނުންވާ ކުއްޖަކަށް ދޭން ބޭނުންވާ މެސެޖަކީ މިއީ
ރަނާގެ ޖިމަށް އާންމުކޮށް އަންނަނީ ދެ ބޭނުމެއްގަ އަންނަ މީހުންނެވެ. އޭގެ ތެރޭގައި ހިމެނެނީ ވިހައިގެން "ޕެލްވިކްފްލޯ" ކަސްރަތު ނުވަތަ "ކެގެލް" ކަސްރަތު ކުރަން އަންނަ މީހުންނާއި، ބަރުދަން ލުއިކުރުމަށާއި، ފިޓްވާން ނުވަތަ ވަކި އޮކޭޝަނަކާ ދިމާކޮށް ހިކެން ބޭނުންވެގެން އަންނަ މީހުންނެވެ.
"އެބައުޅޭ ހަމައެކަނި ސާޅީސް ފަސްމިނިޓް ޕެލްވިކް ފްލޯ ކަސްރަތުކޮށްފައި ދާ ކުދިން ވެސް. އަދި ކަސްރަތު ކުރަން ފަށާތާ ހަފްތާއެއްގެ ތެރޭގައި ބައެއް ކުދިން އެބަ ބުނޭ ރަނގަޅު ބަދަލު ފެންނަ ވާހަކަ ވެސް. މިސާލަކަށް ކުޑަކަމުދިއުން ކޮންޓްރޯލް ވެޔޭ. ލީކެއް ނުވެޔޭ ވަރަށް ފަސޭހަޔޭ..،" ވަރަށް އުފަލާއެކު ރަނާ ފާހަގަކުރި އެވެ.
ދިވެހިން ޖަންކް ކެއުން ހުއްޓުވުމަށް ބޮޑު ޕްލޭނެއް
ކޮލެޖްގަ ކިޔަވާ ކުދިންގެ ކެއުމުގެ ވައްޓަފާޅި ގެންގުޅޭ ގޮތް ދިރާސާ ކުރަމުން ގެންދާ ރަނާއަށް ފާހަގަވި އެއްކަމެއް އެބައޮތެވެ. އެއީ ބުރަކޮށް އެހެނަސް އަވަހަށް ކަންތައްތައް ނިމްމާލަން ބޭނުންވާ ކުދިން ލުއިކާނާއަށް މާބޮޑަށް އަހުލުވެރިވެފައިވާ ކަމެވެ. ހަމަ އެފަދައިން، ފައިދާހުރި ކާނާ ކާން އުނދަގޫވާ ސަބަބުތަކުގެ ތެރާގައި އެތަކެތި އަގުބޮޑުވުމާއި، ހޯދަން އުނދަގޫވުމާއި، ތައްޔާރު ކުރަން ގިނަ ވަގުތު ހޭދަވުން ހިމެނޭ ކަމަށް ފާހަގަ ކުރެވިފައިވާ ކަމެވެ.
"އަޅުގަނޑުގެ ޕްލޭނެއް އެބައޮތް ކޮންމެވެސް ދުވަހަކުން ފައިދާހުރި ބުއިންތަކާއި ކެއުންތައް ތައްޔާރުކޮށްފައި އަޅުގަނޑުގެ ޖިމްއަށް އަންނަ ފަރާތްތަކަށް އަގުހެޔޮކޮށް ލިބޭނެގޮތެއް ހަދައިދިނުން..،" އޭނާ ބުންޏެވެ.
ފިޓްނަސްގެ ދާއިރާއަކީ ވަރަށް ވާދަވެރި ދާއިރާއެކެވެ. އަދި މިދާއިރާގައި ދިމާވާ ގޮންޖެހުންތަކުން އަރައިގަތުމަކީ ސަޕޯޓިވް ބަޔަކު ތިބިނަމަ އުނދަގޫކަމެއް ނޫނެވެ. އޭނާގެ މިބުރަ މަސައްކަތު ކުރުމުގައި އަބަދުވެސް ސަޕޯޓްދޭ ބަޔަކު ވާންކަން ފާހަގަކުރެ އެވެ.
"މާތް ރަސްކަލާނގެއަށް ހަމްދުކޮށް ޝުކުރުވެރިވަން އަދި އަޅުގަނޑުގެ އާއިލާއަށާއި، ފިރިމީހާ އަށާއި، ގާތް ރައްޓެހިންނާއި ދަރިފުޅަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރަން. އަޅުގަނޑަށް ދޭ އެހީތެރިކަމާއި އެއްބާރުލުމުގެ ސަބަބުން މިހާ އޮމާންކޮށް މިމަސައްކަތް މިކުރެވެނީ. މީގެ އިތުރުން އަޅުގަނޑާއެކު ހުރީތީ 'ގެޓްފިތް ވިތް ރަން'ގެ ޓީމަށާއި ހުރިހާ މެންބަރުންނަށް ވެސް ފަށްފަށުން ޝުކުރު އަދާކުރަން،" ރަނާ ޝުކުރު އަދާކުރަމުން ބުނެލި އެވެ.