ބަނޑުގެ މައްސަލަތަކާ ކުރިމަތިލާނަމަ ޕްރޮބަޔޮޓިކް ސަޕްލިމެންޓެއް ނެގިދާނެތޯ ޝައުގުވެރިކަން އުފެދިދާނެ އެވެ. ޕްރޮބަޔޮޓިކްސް ސަޕްލިމެންޓަކީ "ރަނގަޅު" ބެކްޓީރިއާ ބޭނުންކޮށްގެން އުފައްދާފައިވާ ސަޕްލިމެންޓެކެވެ. މި ސަޕްލިމެންޓް ނެގުމުން ހަޖަމުކުރުމަށާއި ބަލިތަކުން ރައްކާތެރިވުމަށް އެހީތެރިވެދެ އެވެ. އަދި އިންސާނާގެ ބަނޑުގައި ހުންނަ މައިކްރޮބަޔޮމް އަލުން ބެލެންސް ކުރުމަށް ވެސް އެހީތެރިވެދެ އެވެ. މާކެޓްގައި މިހާރު އެކި ވައްތަރުގެ އެކި ފެންވަރުގެ ޕްރޮބަޔޮޓިކްސް ލިބެން ހުރެ އެވެ.
ގުދުރަތީ ގޮތުން ޕްރޮބަޔޮޓިކްސް ނެގިދާނެތަ؟
ގިނަ މީހުންނަށް ގުދުރަތީ ގޮތުން ޕްރޮބަޔޮޓިކްސް ލިބޭނީ ޔޯގަޓް، ފާމެންޓެޑް ފުޑްސް، ގްރީން ޕައުޑާ ފަދަ އެއްޗެހިންނެވެ. ޕްރޮބަޔޮޓިކްސް ހިމެނޭ ޔޯގަޓް, ކޮންބޫޗާ އަދި ކެފީރް ފަދަ ތަކެތި ކޮންމެ ވެސް ވަރަކަށް ދިވެހި މާކެޓްތަކުން ފެނެ އެވެ. މި ތަކެއްޗަކީ އާންމުކޮށް ދިވެހިންގެ ކެއުމުގެ އާދަކާދައިގެ ތެރޭގައި ހިމެނޭ އެއްޗެއް ނޫނެވެ. އެހެންކަމުން ބަނޑުގެ މައްސަލަތައް ހުންނަ ނަމަ ފަހަރެއްގައި ޕްރޮބަޔޮޓިކްސް ސަޕްލިމެންޓެއް ނަގަން ޖެހިދާނެ އެވެ.
ޕްރޮބަޔޮޓިކްސް ސަޕްލިމެންޓް ހުންނަނީ ކިހިނެތް؟
މި ސަޕްލިމެންޓްސް ހުންނަނީ ޕައުޑަރު, ކެޕްސޫލް ނުވަތަ ގަމީ ފޯމްގަ އެވެ.
ޕްރޮބަޔޮޓިކްސް ނަގަންޖެހޭ ވަގުތަކީ ކޮބާ؟
ބަނޑުގެ ދުޅަހެޔޮކަމަށް ޕްރޮބަޔޮޓިކްސް ނަގާނީ ކޮންއިރަކުންތޯ އަދި ކިތައް ފަހަރުތޯ ހިތަށް އަރާފާނެ އެވެ. އާ ސަޕްލިމެންޓެއް ފެށުމުގެ ކުރިން، އެންމެ ރަނގަޅީ ޕްރޮބަޔޮޓިކްސްގެ ކޮން ބާވަތެއް ކަމާއި އޭގެ ފައިދާ އެންމެ ބޮޑުކުރުމަށް ނަގާނީ ކޮން ޑޯޒެއްކަން ޔަގީންކުރުމުށް ޑޮކްޓަރެއްގެ ލަފާ ހޯދުމަކީ އަބަދުވެސް މުހިއްމު ކަމެކެވެ.
މި ކިޔާދެނީ ޕްރޮބަޔޮޓިކްސް ނަގަން އެންމެ ރަނގަޅު ވަގުތާއި، މަސައްކަތް ކުރާކަން އެނގޭނެ ގޮތާއި، ބަނޑުގެ ދުޅަހެޔޮކަން ރަނގަޅު ކުރުމަށް މަސައްކަތް ކުރުމަށް ކުރެވިދާނެ ކަންކަމާ ބެހޭގޮތުން ތަޖުރިބާކާރުން ބުނާ ގޮތްތަކެވެ. ޕްރޮބަޔޮޓިކްސް ބޭނުންކުރަން އެންމެ އެކަށީގެންވާ ވަގުތާ މެދު ސިއްހީ ހިދުމަތްދޭ ގިނަ ފަރާތްތަކުގެ ހިޔާލު ތަފާތެވެ. ބައެއް ޕްރޮބަޔޮޓިކްސްގެ ލޭބަލް ކިޔާލާނަމަ، ބައެއް އެއްޗެހި ކާންޖެހެނީ ހުސްބަނޑާ އެވެ. އަނެއް ބައި އެއްޗެހި ކާންޖެހެނީ ކެއުމަށްފަހު އެވެ.
މެމޯރިއަލް ހާމަން ހެލްތް ސިސްޓަމްގެ ގެސްޓްރޯއެންޓްރޮލޮޖިސްޓް، އެމްޑީ ސެއިފެލްޑިން ހަކީމް ވިދާޅުވި ގޮތުގައި ޓައިމިންއާ ބެހޭ ގޮތުން ހަރުދަނާ ޑޭޓާއެއް ނެތެވެ. ނަމަވެސް ކޮންމެ ޕްރޮޑަކްޓެއް ވެސް ބޭނުންކުރާނެ އިރުޝާދުތަކާ އެއްގޮތަށް އަމަލުކުރުމަށް ނަސޭހަތްތެރިވާ ކަމަށެވެ.
ގެސްޓްރޯއެންޓްރޯލޮޖީ އާއި އިންޓާނަލް މެޑިސިން ފިޒިޝަން ޕެޓްރީޝިއާ ރޭމަންޑް ފަދަ އެހެން ތަޖުރިބާކާރުން ލަފާ ދެނީ ނިދުމުގެ ކުރިން ސަޕްލިމެންޓް ކެއުމަށެވެ. އެއީ ރޭގަނޑުގެ ވަގުތަކީ އާންމުކޮށް ހަޖަމުކުރުން ހުއްޓިފައި ހުންނަ ވަގުތަށް ވުމާއެކު ބަނޑު ނުހިނގާ ވަގުތެއްގައި ޕްރޮބަޔޮޓިކް އެއް ނެގުމުން, އޭގައި ހުންނަ މައިކްރޯ އޯގަނިޒަމްތަކަށް ބަނޑުގައި ބައިބައިވެ، ބަނޑުގައި ގިނަވުމުގެ ފުރުސަތު ބޮޑުވާ ކަމަށެވެ. އަދި މިއީ ޕްރޮބަޔޮޓިކްސް ނެގުމުގެ އެންމެ މުހިއްމު އަދި މައިގަނޑު ސަބަބު ކަމަށެވެ.
ޕްރޮބަޔޮޓިކްސް ނަގަންޖެހޭނީ ދުވާލަހު ކިތައް ފަހަރު؟
އާންމު އުސޫލެއްގެ ގޮތުން ޕްރޮބަޔޮޓިކްސް ނެގުމުގައި އަބަދުވެސް ޑޮކްޓަރެއްގެ ލަފާ ހޯދުމަށާއި ޕްރޮބަޔޮޓިކްސް ޕްރޮޑަކްޓް ލޭބަލްގައި ރިކޮމެންޑް ކޮށްފައިވާ މިންވަރާއި އިރުޝާދުތަކަށް ތަބާވުމަށް ތަޖުރިބާކާރުން ބުނެ އެވެ. ޑައިޓީޝަން އަދި ލިޔުންތެރިޔާ މިއާ ސިން ވިދާޅުވި ގޮތުގައި ގިނަ ޑައިޓްރީ ސަޕްލިމެންޓްތަކެކޭ އެއްފަދައިން އޭގެ ފުރިހަމަ ފައިދާތައް ހޯދުމަށް ކޮންމެ ދުވަހަކު ވެސް ޕްރޮބަޔޮޓިކްސް ބޭނުންކުރަން ޖެހޭނެ އެވެ. އަދި މި ކަމުގައި އެންމެ ރަނގަޅީ ކޮންމެ ދުވަހަކު ވެސް އެއް ވަގުތެއްގައި ސަޕްލިމެންޓް ނެގުން ކަމަށެވެ.
ޕްރޮބަޔޮޓިކްސް މަސައްކަތް ކުރާކަން އެނގޭނީ ކިހިނެތް؟
ބަނޑުގެ މައިރޮބައޯމް އަކީ ވަރަށް ދުވަހުން ރަނގަޅުކުރެވޭ އެއްޗެކެވެ. އެހެންކަމުން މިކަމަށް އެކަށީގެންވާ ވަގުތު ދޭންވާނެ އެވެ. މައިގަނޑު އަލާމާތެއް (މިސާލަކަށް، ބަނޑުގައި ރިއްސުން, ބަނޑު ފުއްޕުން) ޕްރޮބަޔޮޓިކްސް ކެއުމަށްފަހު ރަނގަޅުވެ ހައްލުވެއްޖެނަމަ، ސަޕްލިމެންޓް މަސައްކަތް ކުރާ ކަމަށް ބެލިދާނެ އެވެ. ސަޕްލިމެންޓް މަސައްކަތްކުރޭތޯ ބެލުމަށް ހަފްތާއެއް ނުވަތަ އެއަށް ވުރެއް ގިނަ ދުވަސް ދޭށެވެ.
އެންޓިބަޔޮޓިކްސްއާއި އެކު ޕްރޮބަޔޮޓިކްސް ނެގިދާނެތަ؟
އެންޓި ބައޮޓިކްސްއަކީ ބަނޑުގައި ހުންނަ ރަނގަޅު ބެކްޓީރިއާއަށް ވެސް އޭގެ އަސަރުކުރާ އެއްޗެކެވެ. ބައެއް މީހުންނަށް އެންޓިބައޮޓިކްސް ނެގުމުގެ ސަބަބުން އޭގެ ސައިޑް އެފެކްޓެއްގެ ގޮތުގައި ބަނޑުގެ އެކި މައްސަލަތައް ޖެހެ އެވެ. ތަޖުރިބާކާރުން ބުނާ ގޮތުގައި މިކަން ވިޔަ ނުދިނުމަށް އެންޓިބަޔޮޓިކްސް އާއެކު ޕްރޮބަޔޮޓިކްސް އެއް ނެގިދާނެ އެވެ.
އެންމެންވެސް ޕްރޮބަޔޮޓިކްސް ނަގަން ޖެހޭނެތަ؟
އިންފްލުއެންސް ކަލްޗާއަކީ އަހަރުމެންގެ ތެރޭގައި ވަރަށް ބޮޑަށް ހިފާފައިވާ އެއްޗެކެވެ. ޓިކްޓޮކް ފަދަ އެޕްތަކުން މި ފަދަ ސަޕްލިމެންޓްތައް ކޮންމެހެން ނަގަން ނުޖެހޭ މީހުން ވެސް ނަގާތަން ފެނެ އެވެ. ހަށިގަނޑަށް އެތެރެކުރާ މިފަދަ އެއްވެސް ސަޕްލިމެންޓެއް ނަގަންވާނީ ކޮންމެހެން މި ސަޕްލިމެންޓުގެ ބޭނުން ޖެހޭ މީހުން ޑޮކްޓަރުންގެ ލަފައާއެކު އެވެ.