ކެފެއިން އަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ވަރަށް ގިނައިން ބޭނުންކުރެވޭ އެއް މާއްދާ އެވެ. އެހެނީ، ކެފެއިންގެ ސަބަބުން، އިންސާނާގެ ހަށިގަނޑަށް އޭގެ ފައިދާތަކެއް ވެސް ލިބެ އެވެ. އެމެރިކާގެ ހެންރީ ފޯޑް ހެލްތު ޕްރައިމަރީ ކެއާގެ ފިޒިޝަނެއް ކަމަށްވާ ޑރ. މާޖަން މޮގަޑަމް ވިދާޅުވިގޮތުގައި ކޮފީ އަކީ ސިކުނޑީގައި ހުންނަ ނިއުރޯ ޓްރާންސްމިޓަރުތަކާ ގުޅިފައިވާ، ނަފްސާނީ އަދި ޖިސްމާނީ ގޮތުން ހަށިގަނޑަށް ފައިދާ ކުރަނިވި އެއްޗެކެވެ. މިގޮތުން، ކެފެއިން ބޭނުންކުރުމުގެ ސަބަބުން ހަށިގަނޑުގައިވާ ނާރުތަކުގެ ނިޒާމުގެ ހަރަކާތްތައް އިތުރުކޮށްދީ ގައިގައި ވަރުޖެހި، ހަކަތަ އިތުރުކޮށް ދެ އެވެ.
ކެެފެއިން އެކުލެވެނީ ކޮފީގައި އެކަނިތަ؟
ބައެއް މީހުން ދެކޭ ގޮތުގައި ކެފެއިން އެކުލެވިގެންވަނީ ހަމައެކަނި ކޮފީގަ އެވެ. ނަމަވެސް، ކެފެއިން އެކުލެވޭ އެހެނިހެން ބުއިންތަކާއި ޚިލާފަށް ކޮފީގައި އެކުލެވޭ ކެފެއިންގެ މިންވަރު އިތުރުކަން ފާހަގަ ކުރެވިފައިވެ އެވެ. މިގޮތުން، ކޮފީއަކީ، ކޮފީ ބީންސް އިން ތައްޔާރުކުރާ ބުއިމެއް ކަމަށްވާއިރު އެކިއެކި ބާވަތްތަކުގެ ކޮފީ ބީންސް އާއި ރޯސްޓް ކުރެވޭ ގޮތާއި ކޮފީ ތައްޔާރުކުރެވާ ގޮތާއި ކޮފީއަޅާ ތަށީގެ ސައިޒްގެ ސަބަބުން އޭގައި އެކުލެވޭ ކެފެއިންގެ މިންވަރު ތަފާތުވާ ބުއިމެކެވެ. އެހެންކަމުން، އެވްރެޖް ގޮތެއްގައި ކޮފީތައްޓަކުން ގާތްގަނޑަކަށް 95 މިލިގްރާމް ކެފެއިން ލިއްބައިދެ އެވެ. އެއީ، ގާތްގަނޑަކަށް، 8 އައުންސް ނުވަތަ 240 އެމްއެލް ވާވަރު ތައްޓެއްގެ ކޮފީ އެވެ. ކޮފީގެ އިތުރުން، ޗޮކުލެޓުގައި ވެސް ކެފެއިން ހުރެ އެވެ. ގްރީންޓީ ނުވަތަ ކަޅުސައިގެ ކޮންމެ 240 އެމްއެލް ތައްޓަކުން ގާތްގަނޑަކަށް 30 އާއި 50 މިލިގްރާމް ކެފެއިން ހުރެ އެވެ. ކޮންމެ، 240 އެމްއެލް އެނާޖީ ޑްރިންކް ދަޅެއްގައި ގާތްގަނޑަކަށް 40 އާއި 250 މިލިގްރާމް އާއި ދެމެދުގެ މިންވަރަކަށް ކެފެއިން އެކުލެެވެ އެވެ. މިސާލަކަށް, 8.4 އައުންސް ނުވަތަ 250 އެމްއެލް ރެޑްބުލް އެނާޖީ ދަޅެއްގައި، 80 މިލިގްރާމް ކެފެއިން ހުރެ އެވެ.
ކެފެއިން ބޭނުންކުރަން ވަކި މިންވަރެއް އޮވޭތަ؟
އެމެރިކާގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަން (އެފްޑީއޭ) އިން ބުނިގޮތުގައި ކެފެއިންގެ އާދައިގެ މިންވަރަކީ ދުވާލަކު ގާތްގަނޑަކަށް 400 މިލިގްރާމް އެވެ. އެއީ، ގާތްގަނޑަކަށް ހަތަރެއް ނުވަތަ ފަސް ތަށި ކޮފީ އާ އެއްވަރުގެ މިންވަރެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި، ކެފެއިން، އޭގެ މެދުމިނުގައި ބޭނުން ކުރުމަކީ އެންމެ ރައްކާތެރި ގޮތެވެ. އަދި، މާ ގިނައިން ކެފެއިން ބޭނުންކުރާނަމަ، އޭގެ ނޭދެވޭ އަސަރު ތިބާގެ ހަށިގަނޑަށް ކުރާނެ އެވެ.
ކެފެއިން ބޭނުންކުރެވޭ މިންވަރާ ގުޅޭގޮތުން ހަދާފައިވާ ފަހުގެ ދިރާސާއެއްގައި 80 އިންސައްތަ އަށްވުރެ ގިނަ މެޑިކަލްއަށް ކިޔަވާ ދަރިވަރުން ކެފެއިން އެކުލެވޭ ކެއިން ބުއިންތައް ބޭނުންކޮށްފައިވެ އެވެ. މިގޮތުން، ސައި، ހަރުކާނާއާއި އާއި ކޮފީ ބޭނުންކޮށްފައިވާ މި ދިރާސާގައި، އަންހެން ކުދިން، އުމުރާއި ކްލާސް ލެވެލް، ދުންފަތުގެ އިސްތިއުމާލު ކުރުމާއި އާއިލީ އާމްދަނީ އާއި ދިރިއުޅޭ ތަނަކީ ދަރިވަރުންގެ މެދުގައި ކެފެއިން ބޭނުންކުރުމަށް އަސަރުކުރާ ސަބަބުތައް ކަމުގައި ފާހަގަކޮށްފައިވެ އެވެ. ހަމައެއާއެކު، މިކުދިންގެ މެދުގައި ކެފެއިން ބޭނުންކޮށްފައިވާ މިންވަރު އިތުރުވެފައި، އެންޒައިޓީ އާއި ސްޓްރެސްގެ މިންވަރު މައްޗަށްގޮސްފައިވާ ކަން ފާހަގަ ކޮށްފައިވެ އެވެ. މި ދަރިވަރުންގެ ތެރެއިން 73.1 އިންސައްތަ ކުދިންގެ ނިދުމުގެ ހާލަތު ދަށްކަމަށާއި، ނިދުމުގެ ހާލަތު ގޯސްވުމުގައި، ކެފެއިން ބޭނުންކުރާ މިންވަރު އިތުރުވެފައިވާކަން މި ދިރާސާއިން ދައްކަ އެވެ.
މީގެ އިތުރުން ވެސް، ކެފެއިން ބޭނުންކުރެވޭ މިންވަރާއި އެންޒައިޓީއާ ގުޅޭގޮތުން 2023 ވަނަ އަހަރު ހަދާފައިވާ އެހެން ދިރާސާއަކުން ދައްކާގޮތުގައި ކެފެއިންގެ ބޭނުން ކުރެވޭ މިންވަރު އިތުރުވާނަމަ އޭގެ ސަބަބުން ސިއްހަތު ރަގަޅަށް ހުންނަ މީހުން ވެސް އެންޒައިޓީ އަށް މަގުފަހިވެގެންދެ އެވެ. އަދި، އެންޒައިޓީގެ ހާލަތު ތަހައްމަލްކުރަމުންދާ މީހެއްނަމަ، އެ ހާލަތު އިތުރަށް ގޯސްވާ ގޮތްވެ އެވެ. އެހެންކަމުން، ކެފެއިން އާމެދު ހޭލުންތެރިވުމަކީ މުހިންމު ކަމެއްގެ ގޮތުގައި ދެކޭށެވެ.
ކެފެއިންގެ މިންވަރު މަދުކުރާނީ ކިހިނެއް؟
ދުނިޔޭގެ އެހެން ގައުމުތަކެކޭ އެއްފަދައިން، އަހަރެމެންގެ މި ކުޑަކުޑަ މުޖުތައުގައި ވެސް ކެފެއިން ލިއްބައިދޭ ބުއިންތައް އާދަވެގެން ބޭނުންކުރެވެ އެވެ. މިގޮތުން، އެނާޖީ ދަޅާއި، ކޮފީއަކީ އެންމެ ގިނައިން ބޭނުން ކުރެވޭ ބުއިންތަކެވެ. އެހެންކަމުން، ކެފެއިން ބޭނުންކުރެވޭ މިންވަރު ދެނެގަތުމަކީ މުހިންމު ކަމެކެވެ. ތިބާ ކަންބޮޑުވުމުގެ އިހުސާސްތަކަކާ ކުރިމަތިލާން ޖެހޭނަމަ ނުވަތަ ބޮލުގައި ރިއްސުމާއި، ހިތްނުތަނަވަސްވާ ގޮތްވެ، ކަންބޮޑުވުން އިތުރުވެ، އުނދަގޫވާނަމަ، އަދި ވަކިން ހާއްސަކޮށް، ނިދުމަށް ބުރޫއަރާނަމަ ކެފެއިންގެ ދައުރެއް އޮންނާނެތޯ އަބަދުވެސް ވިސްނާލުން ރަނގަޅެވެ. މިގޮތުން، ކެފެއިންގެ މިންވަރު އިތުރުވަނީ ކޮފީގެ ސަބަބުން ކަމަށްވާ ނަމަ، ސިއްހީ މާހިރުން ގެ އެދުމަކީ ކެފެއިންގެ އަސަރު އަހަރެމެންގެ ހަށިގަނޑުގައި ފަސް ގަޑިއިރާއި ހަ ގަޑިއިރު ވަންދެން ހުންނަކަމުން، ހެނދުނު ބުއިމަކީ އެންމެ ރަނގަޅު ގޮތްކަމުގަ އެވެ. ނަމަވެސް، ހެނދުނު ހޭލާގޮތަށް ކޮފީ ބޭނުންކުރުމުގެ ބަދަލުގައި، ނިދިން ހޭލުމަށްފަހު ގާތްގަނޑަކަށް ތިރީސް މިނެޓު ނުވަތަ ގަޑިއެއްގެއިރު ފަހުން ކޮފީ ބޭނުން ބޭނުންކުރެވިދާ އެވެ.
ކެފެއިން ބޭނުންކުރެވޭ މިންވަރު މަދުކުރުމަށްޓަކައި ކުރެވިދާނެ އެހެން ބައެއް ކަންކަން ވެސް ހިމާނާލާނަމެވެ. މިގޮތުން، އާންމު ގޮތެއްގައި ބޭނުންކުރާ ކާނާއާއި ބުއިންތަކާއި ބޭސްތަކުގައި ކެފެއިން ހުރީ ކިހާ ވަރަކަށްތޯ ބެލުމަށް އޭގެ ލޭބަލްތައް ބަލާށެވެ. ހަމަ އެއާއެކު، ކެފެއިންގެ މިންވަރު މަދުކުރާއިރު، ކެފެއިން މަދުން ހުންނަ ނުވަތަ ކެފެއިން ނުހިމެނޭ ބުއިންތައް އިހްތިޔާރު ކުރާށެވެ. މިސާލަކަށް ހާބަލް ޓީ ނުވަތަ ޑިކެފިނޭޓެޑް ކޮފީ ބޭނުން ކުރެވިދާނެ އެވެ. އަދި، ކެފެއިން ބޭނުން ކުރެވޭ މިންވަރު އެއްފަހަރުން ހުއްޓަލުމުގެ ބަދަލުގައި ބޭނުންކުރެވޭ މިންވަރު މަޑުމަޑުން މަދުކުރަމުން ގެންދާށެވެ. އޭރުން، ކެފެއިން މަދުކުރުމުގެ ސަބަބުން ހަށިގަނޑަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކޮށްދޭނެ އެވެ. ހަމަ އެހެންމެ، ދިރިއުޅުމުގެ ވައްޓަފާޅިއަށް ގެންނަ ބަދަލުތަކުގެ ތެރޭގައި ކެފެއިން މަދުކުރުމާއެކު، އެކަށީގެންވާ ވަރަށް ނިދުމާއި، ގަވާއިދުން ކަސްރަތު ކުރުން ފަދަ ކަންކަން ހިމެނެ އެވެ.
މިލިޔުމުގައި ހިމަނާފައިވަނީ އާންމު މައުލޫމާތެވެ. މި މައުލޫމާތަކީ ވަކި ފަރުދެއްގެ ނަފްސާނީ ދުޅަހެޔޮކަމުގެ ހާލަތާއި ނުވަތަ މައްސަލަތަކާ ގުޅިގެން ދޭ ލަފާއެއްގެ ގޮތުގައި ބަލައި، އެކަމުގެ މައްޗަށް ބަރޯސާވެގެން ނުވާނެ އެވެ. ތިމާ ނުވަތަ ތިމާ ދަންނަ އެހެން ފަރާތެއް ވެސް، ސްޓްރެސްވުން ނުވަތަ އެންޒައިޓީގެ އަލާމަތް ހުރިކަން ފާހަގަކުރެވޭނަމަ ނަފްސާނީ ދުޅަހެޔޮކަމުގެ އެހީތެރިކަމަށް، ސާޓިފައިޑް ކްލިނިކަލް ހިޕްނޮތެރަޕިސްޓެއްގެ އެހީތެރިކަން، ފަސޭހަކަމާއެކު ހޯދިދާނެ އެވެ. މިގޮތުން، ކާމް ތެރަޕީ އަކީ ހިޕްނޮތެރަޕީ ޚިދުމަތް، އޮންލައިންކޮށް ފޯރުކޮށްދޭ ފަރާތެކެވެ.