ލަންޑަން (26 ފެބްރުއަރީ) - އިނގިރޭސިވިލާތުގައި ދިރިއުޅޭ މުސްލިމުންނަށް ރޯދަ މަހު ރޭގަނޑު ވެކްސިން ޖެހުމުގެ އިންތިޒާމް ހަމަޖައްސަން އެ ގައުމުން ނިންމައިފި އެވެ.
އިނގިރޭސިވިލާތުގައި އޭޝިއާ ސަރަހައްދުގެ ގިނަ އަދަދެއްގެ މީހުން ދިރިއުޅެމުންގެންދާ ކަމަށް އެ ގައުމުން ބުންޏެވެ. އަދި މީގެ ތެރޭގައި ގިނަ މީހުންނަކީ މުސްލިމުންނެވެ. އެ ގައުމުގެ ސަރުކާރުން ލަފާކުރާ ގޮތުގައި މިއަހަރުގެ ރޯދަ މަހު އެ ގައުމުގައި ވެކްސިން ޖަހާ މީހުންގެ އަދަދު މަދުވެގެން ދާނެ އެވެ. މިކަމުގެ ސަބަބެއް ކަމަށް ލަފާކުރަނީ ރޯދަ މަހު ދުވާލު ވަގުތު މުސްލިމުން ރޯދައަށް ތިބުން ކަމަށް ސަރުކާރުގެ އޮފިޝަލުން ލަފާކުރެ އެވެ.
މިއަހަރުގެ ރޯދަ މަސް ފެށޭނީ އެޕްރީލް 12 ގަ އެވެ. އަދި އެޕްރީލް މަހަކީ އިނގިރޭސިވިލާތުން އެ ގައުމުގައި ދިރިއުޅޭ 50 އަހަރުން މަތީގައި މީހުންނަށް ވެކްސިން ދީ ނިންމުމަށް ކަނޑައަޅާފައިވާ މަހެވެ.
އިނގިރޭސިވިލާތުގައި ވެކްސިން ޖެހުމަށް މީހުން ގޮވާލުމަށާއި ވެކްސިންގެ ރައްކާތެރިކަން މީހުންނަށް ޔަގީންކޮށްދިނުމަށް މަސައްކަތްކުރާ "ޓޭކް ކޮވިޑް-19 ވެކްސިން" ކެމްޕްއިންގެ ފައުންޑާ ކައުސަރު ޒަމާން ވަނީ ސަރުކާރުން އެ ގައުމުގައި ދިރިއުޅޭ މުސްލިމުންނަށް ވެކްސިން ޖެހުމުގެ ފުރުސަތު ފަހި ކޮށްދިނުމަށް ދުރާލައި ހަރަކާތްތަކެއް ޕްލޭންކޮށް ކުރުމަށް ހަމަޖައްސާފައިވުމުން އެކަމާ އުފާކުރާ ކަމަށް ވިދާޅުވެ އެވެ. އަދި މިކަމުގެ ސަބަބުން މުސްލިމުން ވެކްސިން ޖެހުމަށް އިތުރު ފުރުސަތުތަކެއް ލިބޭނެ ކަމަށް އުންމީދުކުރާ ކަމަށް ވިދާޅުވި އެވެ.
ކައުސަރު ވަނީ ވެކްސިން ދިނުމުގައި އިނގިރޭސި ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށާއި ވެކްސިން ޖެހުމުގައި އެކި ފަރާތްތަކަށް ހުރި ދަތިތައް ނައްތާލުމަށް ކުރައްވަމުން ގެންދަވާ މަސައްކަތް ފާހަގަކޮށް އެކަމަށްޓަކައި ޝުކުރު އަދާކޮށްފަ އެވެ.
ބުރާސްފަތި ދުވަހުގެ ނިޔަލަށް އިނގިރޭސި ވިލާތުގައި ވަނީ 19 މިލިއަނަށް ވުރެ ގިނަ މީހުންނަށް ވެކްސިން ދީފަ އެވެ. އޭގެ ތެރޭގައި ވެކްސިންގެ ފުރަތަމަ ޑޯޒް ދެވުނު މީހުންނާއި ދެވަނަ ޑޯޒް ދެވުނު މީހުން ހިމެނެ އެވެ.
އިނގިރޭސިވިލާތަކީ އެންމެ ފުރަތަމަ ކޮވިޑް ވެކްސިން ދޭން ފެށި ގައުމެވެ.