ގަލޮޅު ކަންމަތީގައި އޮތް ވޭނުގައި އެއްޗެހި ގޮވިކަމުގެ ނިޝާނެއް ފެންނަން ނެތް ކަމަށް އެމްއެންޑީއެފުން މިއަދު ބުނެފި އެވެ.
ވޭނުގައި އެއްޗެއް ގޮވިކަމުގެ ރިޕޯޓު ލިބިގެން ފުލުހުންނާއި ސިފައިން ވަނީ އެ ވެހިކަލް އޮތް މަގު ބަންދުކޮށް ބަލައި ފާސްކޮށްފަ އެވެ. އަދި އެ ސަރަހައްދުގައި ސިފައިން ހަރަކާތްތެރިވަމުން ދިޔައީ ހަތިޔާރާ ވެސް އެކުގަ އެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެ އެވެ.
އެމްއެންޑީއެފުން ބުނީ ގަލޮޅު ކަންމަތީގައި ޕާކުކޮށްފައި އޮތް ވޭނެއްގައި އެއްޗެއް ގޮވިކަމުގެ ރިޕޯޓެއް ލިބުމުން މި ކަހަލަ ކަންކަމުގައި އަމަލުކުރަމުން އަންނަ ޕްރޮސީޖާއާ އެއްގޮތަށް ކަންކަން އަންނަނީ ކުރަމުން ކަމަށެވެ. އަދި މިހާތަނަށް ބެލިބެލުމުން އެއްވެސް ގޮވާ އެއްޗެއްގެ ނިޝާނެއް ފެންނަން ނެތް ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
"މިއީ އެކްސްޕްލޯސިވްއެއްގެ ސަބަބުން ހިނގި ކަމެއް ނޫން ކަން ވަނީ ކަށަވަރު ކުރެވިފައި. އަދި މިކަން ހިނގާފައި ވަނީ ވެހިކަލްގެ ޓެކްނިކަލް މައްސަލައަކުން ކަމަށް ބެލެވޭތީ އެކަން ދަނީ ފުލުހުން ބަލަމުން،" އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.
އެތަނުގައި ހުރި މީހަކު ބުނީ އެ ކަމެއް ހިނގީ ވޭންގެ އޭސީގެ ކޮމްޕްރެސަރު ގޮވައިގެން ކަމަށް ބެލެވޭ ކަމަށެވެ. އަދި އެ ގޮވި ގަޑީގައި ބާރުގަދަ އަޑުފައްގަނޑެއް އިވުނު ކަމަށް ވެސް ބުނެފައިވެއެވެ.