އިންޑިއާ އިން އެންމެ ރުޅި އަންނަނީ އެމަނިކުފާނު ދެކެ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ރޭ ވިދާޅުވެއްޖެއެވެ.
ޕީއެންއެފް އޮފީހުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޔާމީން ވިދާޅުވީ ރާއްޖޭގައި ހިނގާ ކަންކަމުގެ ތެރެއިން އިންޑިއާ އިން ޝައުގުވެރިވާ ކަންކަމަށް އަތް ބާނާ ކަމީ ހަގީގަތެއް ކަމަށެވެ.
މިއީ އެމަނިކުފާނު ވެރިކަން ކުރެއްވި ފަސް އަހަރު ދުވަހުގެ ތެރޭގައި ފެންނަން އޮތް ކަމެއް ކަމަށް ވެސް ޔާމީން ވިދާޅުވި އެވެ.
"ހެލިކޮޕްޓަރުގެ މައްސަލައަށް ވިޔަސް، އެހެން މައްސަލައަށް ވިޔަސް، ފެބްރުއަރީ 1، 2018 ގައި ސުޕްރީމް ކޯޓުން ނެރުނު އަމުރު ތަންފީޒުނުކޮށްގެން ވެސް އިންޑިއާގެ ހާރިޖިއްޔާ އިން އޮންނާނެ ރާއްޖޭގެ ހާރިޖިއްޔާ އަށް ތިން ސިޓީ ފޮނުވާފައި. އަޅުގަނޑާ ހަމައަށް އެ ސިޓީތައް އައި. އަޅުގަނޑު ވަރަށް ކުރުކޮށް ސުވާލު ކުރިން މިއީ ކަލޭމެންނާ ބެހޭ މައްސަލައެއްތޯ؟ އަޅުގަނޑު ފޮނުވި ތިން ސިޓީއަކަށް ޖަވާބެއް ނުދެއްވި،" ޔާމީން ވިދާޅުވި އެވެ.
ޔާމީން ވިދާޅުވި ގޮތުގައި އިންޑިއާއަކީ އެމީހުން ގަބޫލު ނުކުރާ ޑިމޮކްރަޓިކް އުސޫލުތަކެއް ހުރި ނަމަ، އެމީހުންނަށް ފެންނަ ގޮތްތަކެއް ކިޔާ ގައުމެކެވެ. އެކަމަކު، އިންޑިއާގެ ވާހަކަތައް ގަބޫލުނުކޮށް އެމަނިކުފާނު ހުންނެވީ ދިވެހި ރައްޔިތުންނާ އެކީގައި ކަމަށް ޔާމީން ވިދާޅުވި އެވެ.
"އަޅުގަނޑު ދަންނަވާލަން ބޭނުން ވަނީ އިންޑިއާ އެންމެ ރުޅި އަންނަ މީހަކަށް ރާއްޖޭގައި އެބަވޭ އަޅުގަނޑު. ދެން ވަރަށް ބަދު ނަސީބު އަޅުގަނޑަށް އެ ޖާގަ ހޯދުނީތީ." ޔާމީން ވިދާޅުވި އެވެ.
ޔާމީން ވިދާޅުވީ ދިވެހި ރައްޔިތުންނާ އެކުގައި ހުންނަވަން ބޭނުންވާ ލީޑަރެއް އެމަނިކުފާނު ފިޔަވައި ނެތް ކަމަށެވެ. ރާއްޖޭގައި އިންޑިއާ ސިފައިން އަދިވެސް ތިބި ކަން ފާހަގަ ކުރައްވައި ޔާމީން ވިދާޅުވީ އެކަމާ ދެކޮޅަށް ވަކާލާތު ކުރައްވަން ތިއްބެވީ އެމަނިކުފާނާއި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު އެކަނި ކަމަށެވެ.
"ރައީސް ޔާމީން އުފަލާއި ޝަރަފާއި ފަހުރުވެރިކަމާއެކު މި ބުނަނީ އިންޑިއާ މި ތަނުން ބޭރު ވާން ޖެހެއޭ،" ޔާމީން ވިދާޅުވި އެވެ.