ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމާއި އެމަނިކުފާނުގެ ވަކީލުންގެ ފޯނު ކޯލުތައް ސަރުކާރުން އަޑުއަހާކަމަށް ވަކީލުން ވިދާޅުވެއްޖެ އެވެ.
ރައީސް ޔާމީންގެ ވަކީލުންގެ ފަރާތުން މިއަދު ނެރުނު ބަޔާނެއްގައި ވަނީ ރައީސް ޔާމީން އާއެކު ދެކެވިފައިވާ އަދި އެހެން އެއްވެސް ފަރާތަކާ ހިއްސާކޮށްފައި ނުވާ ބައެއް ވާހަކަތަކަށް އުނިއިތުރުކޮށްގެން ސަރުކާރަށް ތާއީދުކުރާ ނޫސްތަކުން ރިޕޯޓުކޮށްފައިވާ ކަމަށެވެ. އެކަން އެގޮތަށް ސަރުކާރުން ކުރަމުން އަންނައިރު، ވަކީލާއި މުވައްކިލުގެ ބައްދަލުވުންތަކާއި ފޯން ކޯލްތަކަކީ ގާނޫނީ ގޮތުން ރައްކާތެރިކުރެވިގެންވާ މުއާމަލާތްތަކެއް ކަމަށް އެމަނިކުފާނުގެ ވަކީލުން ވިދާޅުވި އެވެ.
އެ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގުކޮށްދިނުމަށް ވެސް ރައީސް ޔާމީންގެ ވަކީލުން ވަނީ ފުލުހުންނަށް އިލްތިމާސް ކުރައްވާފަ އެވެ.
މީގެއިތުރުން ވަކީލުންނާއި މުވައްކިލާ ކުރެވޭ މަޝްވަރާތަކަކީ ރައްކާތެރިވެެގެންވާ މުއާމަލާތްތަކެއް ކަން މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ކަށަވަރުކޮށްދިނުމަށް ވެސް ރައީސް ޔާމީންގެ ވަކީލުން އިލްތިމާސް ކުރެއްވި އެވެ.
ރައީސް ޔާމީނަށް ތުހުމަތު ކުރެވޭ އިތުރު މައްސަލައިގެ ތަހުގީގު ބަޔާނެއްގައި ސޮއިކުރަން މިއަދު މާފުށީ ޖަލަށް ދާން ފުލުހުން ވަކީލުންނަށް އަންގާފައިވާތީ ވަނީ ކަންބޮޑުވުންފާޅު ކުރައްވާފަ އެވެ.
ވަކީލުން ވިދާޅުވީ މާލޭގައި ކޮވިޑްގެ ހާލަތު އޮތީ ލޮކްޑައުން ކުރަންޖެހޭ ފަދަ ނުރައްކާތެރި ހާލަތެއްގައި ކަމަށް ހެލްތު މިނިސްޓަރު އަހްމަދު ނަސީމް ވިދާޅުވެފައި ވަނިކޮށް، ހާލަތު ގޯސްވަމުން އަންނަ މި ދަނޑިވަޅުގައި ދަތުރުފަތުރު ކުރުމަކީ ރައްކާތެރިކަމަކަށް ނުވާނެތީ ތަހުގީގު ބަޔާނުގައި ސޮއިކުރުން ފަސްކޮށްދިނުމަށް ވަކީލުންގެ ފަރާތުން އެދިފައިވާނެ ކަމަށެވެ. ނަމަވެސް އެގޮތަށް އެކަން ކޮށްދިނުމަށް ފުލުހުން ދެކޮޅު ހަދާފައިވާ ކަމަށް ވެސް ވަކީލުން ވިދާޅުވި އެވެ.
ތަހުގީގު އަވަސް ކުރަންޖެހޭ ސަބަބެއް ނެތްއިރު، ސަރުކާރުން އެ މައްސަލައިގެ ތަހުގީގު އަވަސް އަރުވާލައިގެން ކުރިއަށް ގެންދަނީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާ ދިމާކޮށް އެހެން ބޭނުމެއްގައި ކަމަށް ގަބޫލުކުރާ ކަމަށް ވެސް ވަކީލުން ވިދާޅުވި އެވެ.