ވިހި ވަނަ ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި ބާރަށު ދާއިރާއަށް ހޮވިވަޑައިގެންނެވި މެންބަރު އިބްރާހީމް ޝުޖާއުގެ ރާގު ބަދަލުވުމުން އާއްމުންގެ ފާޑުކިޔުން އަމާޒުވެއްޖެ އެވެ.
އާއްމުންގެ ފާޑުކިޔުން ޝުޖާއުއަށް އަމާޒުވެފައި މިވަނީ ރައްޔިތުންގެ މަޖިލިސްގައި މެންބަރުންގެ އަދަދާ ގުޅޭ ގޮތުން ހުށަހަޅާފައިވާ ގަރާރަށް ބަހުސް ކުރައްވަމުން، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މިހާރުގެ މުސާރަ އަދިވެސް ކުޑަ ކަމަށް ވިދާޅުވެ މިއަދު ވާހަކަފުޅު ދެއްކެވުމާ ގުޅިގެންނެވެ.
ޝުޖާއު ވިދާޅުވީ ހަގީގަތުގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މުސާރަ ކުޑަކަމަށާއި ސަބަބަކީ ޝުޖާއު މާލޭ ސިޓީ ކައުންސިލަރުކަން ކުރެއްވިއިރު ވެސް 30،000 ރުފިޔާ މުސާރަ ލިބިލެއްވި ކަމަށާއި މަޖިލިސް މެންބަރުންގެ ޒިންމާއަކީ ކިހާ ބޮޑު ޒިންމާއެއްކަން އެނގިވަޑައިގަންނަވާނީ މަޖިލީހަށް ހޮވުމުން ކަމަށެވެ. އަދި ރައްޔިތުންނާއި ގާތުން މަސައްކަތް ކުރައްވާ މެންބަރުންގެ އަތުގައި ލޯ ލާރިއެއް ވެސް ނޯންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"އެހެންވީމަ މަޖިލިސް މެންބަރުންގެ މުސާރައިގެ ވާހަކަ ސިޔާސީ ވާހަކައެއްގެ ގޮތުގައި ދެއްކެވިދާނެ. ނަމަވެސް އިންތިޚާބު ވުމަށްފަހު ކުރީގެ މެންބަރުންވެސް އެވާހަކަ ނުދައްކަވަނީ އަތުންދާ އެއްޗެއް ބޮޑުކަމުން،" ކަމަށް ވެސް ޝުޖާއު ވިދާޅުވި އެވެ.
މަޖިލިސް މެންބަރުންގެ މުސާރަ ކުޑަކަމަށް ތަކުރާރު ކުރައްވާ ޝުޖާއު އިތުރަށް ވިދާޅުވީ މެންބަރުކަމުގެ ދައުރު ނިމުމަށްފަހު ނުވަތަ މެންބަރުކަމުން ވަކިވުމަށްފަހު މެންބަރުންނަށް އިންޝުއަރެންސް ފަދަ އިތުރު އިނާޔަތްތައް ލިބެން ޖެހޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.
މިކަމާއި ގުޅިގެން އާއްމުން ސޯޝަލް މީޑިއާގައި ފާޑު ކިޔަމުން ދާއިރު ޝުޖާއު މަޖިލިސް އިންތިޚާބަށް ކެމްޕޭން ކުރެއްވި އިރު މަޖިލިސް ބަހުސްގައި ދައްކަވާފައިވާ ވާހަކަތަކުގެ ވީޑިއޯ ވަނީ ދައުރު ކުރަން ފަށައިފަ އެވެ.
ޝުޖާއުގެ މި ވާހަކަ ތަކާއި ގުޅިގެން އެކްސްގައި މީހަކު ކޮށްފައިވާ ޕޯސްޓުގައި ބުނެފައިވަނީ "އެންމެ އުއްމީދުކުރި ސުޖާބެގެ ވާހަކަ ބަދަލުވެއްޖެ" ކަމަށެވެ.
އިންތިޚާބުގެ ކުރިން ޝުޖާއު ވިދާޅުވީ އޭނާ ބާރަށު ދާއިރާއަށް އިހުތިޔާރު ކުރަންވީ ސަބަބަކީ މަޖިލިސް މެންބަރުންގެ މުސާރަ ކުޑަކުރުމަށް ވަކާލާތު ކުރާނީ ބާރަށު ދާއިރާގެ މައިކުން ކަމަށް ވާތީ ކަމަށެވެ. ނަމަވެސް އިންތިޚާބު ވުމުން މިވަނީ ރާގު ބަދަލުވެ، މުޅި ވާހަކަވެސް ބަދަލުވެފަ އެވެ.
ތިޔައީ ދޮގު ހަދަމުން ހަދަމުން ގޮސް އަމިއްލަ ނަފްސަށްވެސް ދޮގުހަދާ މީހެކެވެ. ތެދެއް ހެދެން އޮތަސް ދޮގެއް ނަހަދާ ނުނިދޭނެއެވެ. ކަށިގައާއި މަދުގަވެސް ހިސްދޮގެވެ. ބާރަށުގައި ރިސޯޓްވެސް ހުޅުވާފިއެވެ.
ސުޖާޢު އާއި ރުފިޔާ ގޯނި ހިފައިގެން ދިޔަމާއާ ރައްޔިތުންނަށް ނޭންގުމަކީ މޮޔަކަމެއް