ބޮލީވުޑްގެ އަންހެން ސުޕަސްޓާ ކަމަށް ގިނަ ބަޔަކު ގަބޫލުކުރާ ސްރިދޭވީ ވަނީ މީގެ ތިން އަހަރު ކުރިން މަރުވެފަ އެވެ. އޭނާ މަރުވެފައި ވަނީ ބިލިގާ ތެރެއަށް ގެނބިގެންނެވެ.
އޭނާ އަށް ބޮލީވުޑްގައި ލިބިފައިވާ ވަރުގަދަ މަޝްހޫރުކަމާއެކު ކަންބޮޑުވީ ބޮލީވުޑަށް ނުކުންނަން ހަމަޖެހިފައި އޮތް އޭނާގެ ދަރިފުޅު ޖާންވީއާ މެދު އެވެ. އަދި މީހުން އޭނާ އާއި ޖާންވީ އަޅާކިޔާނެ ކަމުގެ ބިރު ސްރީދޭވީއަށް އޮތެވެ.
ޖާންވީ ބޮލީވުޑަށް ނުކުތީ 2018 ވަނަ އަހަރު ނެރުނު ފިލްމު "ދަޑަކް" އިންނެވެ. މި ފިލްމުގައި އޭނާއާއެކު އިޝާން ކައްޓަރް ފެނިގެންދިޔަ އިރު މިއީ މަރާޓީ ފިލްމެއް ކަމަށްވާ "ސެއިރަތް" އަސްލަކަށް ބަލައިގެން ކުޅެފައިވާ ފިލްމެކެވެ.
އިންޑިއާގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި ބޯނީ ކަޕޫރު ވަނީ މިކަމާ ގުޅޭ ގޮތުން ވާހަކަ ދައްކާފަ އެވެ.
"ޖާންވީ ބޮލީވުޑަށް ނުކުތް އިރުވެސް އަހަރެމެންނަށް އެނގޭ އޭނާ އާއި އޭނާގެ މަންމަ އާ އަޅާކިޔޭނެ ކަން. ހުދު ޖާންވީއަށް ވެސް އެކަން އެނގޭ. އަހަރެމެން ވާނީ އެކަމަށް އޭނާ ތައްޔާރުކޮށްފައި،" ބޯނީ ކަޕުރު ބުންޏެވެ.
"އަހަންނަކީ ސްރީދޭވީގެ ދަރިއެއް ވީމަ ވައްތަރުވާނެ ތާ. އެކަމަކު އަހަރެންގެ މަންމައަށް މީހުންގެ ހިތުގައި ވަރަށް ހާއްސަ ޖާގައެއް ދެވިފައިވޭ. އަހަރެން އުންމިދުކުރަނީ އަހަރެންގެ މަސައްކަތްތަކުން މަންމަގެ ފޭނުންނަށް އުފާވެރިކަން ގެނެސްދިނުން. އަދި އަހަންނަށް އަމިއްލަ އައިޑެންޓިޓީއެއް އުފައްދަން ފުރުސަތު ލިބޭނެކަމަށް ވެސް އުންމީދު ކުރަން. އެއްވެސް މީހަކަށް މަންމަ ގޮތަށް އެކްޓެއް ނުކުރެވޭނެ. އެއީ ވާނެކަމެއް ނޫން،" މީގެ ކުރިންޖާންވީ ދިން އިންޓަވިއުއެއްގައި ބުނެފައިވެ އެވެ.