ސިޔާސީ މަސައްކަތް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު ގުޅިގެން މަސައްކަތް ކުރަން ތައްޔާރަށް ތިބިކަމަށް ދެބޭފުޅުންވެސް ވިދާޅުވެއްޖެ އެވެ.
އެމްޑީޕީގެ 19 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން މިއަދު ރާއްޖެ ޓީވީގެ 'ފަށާއިރު' ޕްރޮގްރާމަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ކުރީގެ ރައީސް ސޯލިހު ވިދާޅުވީ، އެކުގައި ޕާޓީ ފަށައިގެން ކުރިއަށް ދިޔަ ބަޔަކު ވަކިވެގެން ދިއުމަކީ އެމްޑީޕީއަށް ލިބުނު ވަރަށް ބޮޑު ނިކަމެތި ކަމެއް ކަމަށެވެ.
އެމްޑީޕީގެ ދެ ވަނަ ވެރިކަން ގެއްލިގެން ދިއުމުގެ އެންމެ ބޮޑު ސަބަބަކީ ވެސް އެމްޑީޕީން ބަޔަކު ވަކިވެގެން ޑިމޮކްރެޓްސް އުފައްދައިގެން މަސައްކަތް ކުރުން ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ.
ރައީސް ސޯލިހު ވިދާޅުވި ގޮތުގައި މީގެ 19 އަހަރު ކުރިން އެކުގައި ފަށައިގަތް މަސައްކަތް އަދި ނިމުމަކަށް ނާންނަ ކަމަށާއި އެ ބޭފުޅުން ވެސް އެކުގައި މަސައްކަތް ކުރަން އެނބުރި ވަޑައިގަންނަވަން ޖެހޭ ކަމަށެވެ. އެހެންނޫނީ އެއީ ރައްޔިތުންނަށް ލިބޭ ވަރަށް ބޮޑު ނިކަމެތި ކަމެއްގެ ގޮތުގައި އެމަނިކުފާނު ފާހަގަކުރެއްވި އެވެ.
""ކޮންމެވެސް ތަނަކަށް އަޅުގަނޑު ހިތުން އެއްވެ މިކަން ކުރަން އެބަޖެހޭ، އެބަތިބި އެކީގައި މަސައްކަތް ކުރެވޭނެ ބޭފުޅުން، ހަމަ އެކީގައި ކުރިއަށް ވަޑައިގަންނަވީ އިނގޭތޯ، އެއީ އެހެންނޫނިއްޔާ އެއީ ރައްޔިތުންނަށް ލިބޭ ވަރަށް ބޮޑު ދެރައެއް، އެމްޑީޕީއާ ދޭތެރޭގައި ރައްޔިތުންގެ ވަރަށް ބޮޑެތި އުއްމީދުތަކެއް އޮވޭ،" ރައީސް ސޯލިހު ވިދާޅުވި އެވެ.
ރައީސް ސޯލިހުގެ އިންޓަވިއުގެ ކްލިޕްކޮޅެއް "އެކްސް"ގައި ރީޕޯސްޓު ކުރައްވާ ރައީސް ނަޝީދު ވިދާޅުވީ ރައީސް ސޯލިހު ވިދާޅުވި މިސްރާބަށް އެންމެނަށް ވެސް ހޯދޭނެ ކަމުގެ އުންމީދު އެމަނިކުފާނުގެ އެބައޮތް ކަމަށެވެ.
"ތި ވިދާޅުވި މިސްރާބް އަޅުގަނޑުމެން އެންމެނަށް ހޯދޭނެ ކަމުގެ އުންމީދު އަޅުގަނޑު ވެސް ކުރަން،" ނަޝީދު ވިދާޅުވެފައިވެ އެވެ.
ނަޝީދާއި ސޯލިހުއާ ދެބޭފުޅުންގެ ދެމެދުގައި މައްސަލަތައް އުފެދި އެމްޑީޕީ ދެބައިވެ ނަޝީދާއި އެމަނިކުފާނަށް ތާއީދު ކުރައްވާ ބޭފުޅުން އެމްޑީޕީން ވަކިވެވަޑައިގެން، ދަ ޑިމޮކްރެޓްސްގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދެވި އެވެ. އަދި އެ ހިޔާލު ތަފާތުވުންތަކުގެ ތެރެއިން 19ވަނަ މަޖިލިސް ރައީސް ކަމުގައި ހުންނެވި ނަޝީދާއި މަޖިލިސް ނާއިބު ރައީސް އީވާ މަގާމުން ވަކި ކުރުމުގެ މަސައްކަތް އެމްޑީޕީން ފެށިއެވެ.
މިފަދަ އެތައް މައްސަލަތަކަކާއި ގުޅިގެން ރައީސް ނަޝީދާއި ރައީސް ސޯލިހާ ދެމެދު އޮތް ގާތް ގުޅުމަށް އޮތީ ވަރަށް ބޮޑަށް އަސަރު ކޮށްފައެވެ.
ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި އެ ދެ ޕާޓީން ވަކިން ވާދަކުރިނަމަވެސް މާ ބޮޑު ކާމިޔާބީއެއް ހޯދިފައިނުވެ އެވެ.
ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގައި ޑިމޮކްރެޓްސްއިން ރަސްމީކޮށް ވަކި ކޮޅަކަށް ތާއީދު ނުކުރިނަމަވެސް، ޕާޓީގެ ގިނަ މެންބަރުން ތާއީދު ކުރެއްވީ ޕީއެންސީއަށެވެ.