މެނިންޖައިޓިސްގެ ވައްތަރެއް ކަމަށްވާ އިންވޭސިވް މެނިންގޯކޮކަލްގެ ބަލިމީހަކު ރާއްޖެއިން ފެނުމާ ގުޅިގެން އަޅަންޖެހެ ފިޔަވަޅުތައް އަޅަން ފަށާފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ އިން) ބުނެފި އެވެ.
އެޗްޕީއޭ އިން މިރޭ އެކްސްގައި ބުނީ އެ ބަލީގެ ކޭސްއެއް ފެނުމުން ކޮންޓެކްޓް ޓްރޭސިން ހަދައި، ބޭސް ދޭންޖެހޭ މީހުންނަށް ބޭސް ދެމުން އަންނަ ކަމަށެވެ.
ގައުމީ ފުޓުބޯޅަ ޓީމުގެ ކުރީގެ މިޑްފީލްޑަރު މުހައްމަދު އާރިފް (ބަކާ) ނިޔާވީ އެ ބަލީގައި ކަމަށްވެ އެވެ.
އެޗްޕީއޭ އިން ބުނީ މެނިންޖައިޓިސް ވެކްސިން ޖެހުމުން މި ބަލިން ރައްކާތެރިކޮށްދޭ ކަމަށެވެ. އެޗްޕީއޭ އިން ބުނިގޮތުގައި މެނިންޖައިޓިސް ވެކްސިން އިން ހަށިގަނޑުގެ ދިފާއީ ބާރު އުފެއްދުމަށް ގާތްގަނޑަކަށް ދެ ހަފްތާ ނަގާނެ އެވެ. އެހެންވެ މި ބަލިން ރައްކާތެރިވުމަށް މަދުވެގެން ދެ ހަފްތާ ކުރިން ވެކްސިން ޖެހުން މުހިންމެވެ.
އެޗްޕީއޭ އިން މިފަދަ ޕޯސްޓެއް އެކްސްގައި ކުރީ މި ބައްޔާ ބަހޭ މައުލޫމާތު ނުދީގެން ނޫސްވެރިން ތަކުރާރުކޮށް ހެލްތު މިނިސްޓްރީގެ ވައިބާ ގްރޫޕްގައި ސުވާލުކުރަން ފެށުމުންނެވެ. ނޫސްވެރިން ކުރި ސުވާލުތަކަށް ޖަވާބުނުދިމުން ގިނަ ނޫސްވެރިން އެކަމާ ހިތްހަމަނުޖެހުން ފާޅުކޮށް ގިނަ މެސެޖްތަކެއް އެ ގްރޫޕްގައި ހިއްސަކުރުމުން ހެލްތު މިނިސްޓްރީން ބުނީ އެކަމާ ގުޅޭގޮތުން އެޗްޕީއޭ އިން ބަޔާނެއް ނެރޭނެ ކަމަށެވެ.
ރާއްޖެއިން މި ބަލި ޖެހުނު މީހާ ވެކްސިން ޖަހާފައިވޭތޯ އެޗްޕީއޭއާ ނޫސްވެރިން ސުވާލުކުރުމުން އެއީ ފަރުދެއްގެ ޒާތީ މައުލޫމާތު ކަމަށް ބުނެ އެ މައުލޫމާތު ދޭން ވަނީ ދެކޮޅު ހަދާފަ އެވެ.
މި އަހަރު ހައްޖަށް ދިޔަ މީހުންގެ ތެރެއިން އެއްވެސް ސަބަބަކާ ހުރެ ވެކްސިން ނުޖެހޭ، ނުވަތަ ވެކްސިން ޖެހުމަށްް ފަހު ފުރުމާ ދެމެދު ދެ ހަފްތާ ހަމަނުވާ މީހަކަށްް މި ބަލީގެ އަލާމާތެއް ފެނިއްޖެ ނަމަ ވަގުތުން ޑޮކްޓަރަށް ދެއްކުމަށް އެޗްޕީއޭ އިން ވަނީ އިލްތިމާސްކޮށްފަ އެވެ.
އެ ބައްޔަކީ މެނަންޖައިޓިސް ނަމަކަށް ކިޔާ ބެކްޓީރިއާގެ ސަބަބުން ޖެހޭ ބައްޔެކެވެ. ފުރާނައަށް ނުރައްކާވާ މި ބަލި ޖެހިފައިވާ މީހާއާ އެންމެ ގާތްކޮށް އުޅޭ މީހުންނަށް ޖެހުމުގެ ފުރުސަތު ވަރަށް ބޮޑެވެ. މި ބަލީގެ އަލާމާތްތައް ބަލި ޖެހޭތާ 10 ދުވަސްވުމުގެ ކުރިން ފެންނާނެ އެވެ.
މި ބަލީގެ އަލާމާތްތަކުގެ ތެރޭގައި ހުން އައުމާއި ބޮލުގައި ރިއްސުމާއި ކަނދުރާ ވާންވުމާއި މޭނުބައިކޮށް ހޮޑުލެވުމާއި ވާނުވާ ނޭނގޭ ގޮތްވުމާއި ގައިގައި ރަތް ބިހި ނުވަތަ ލައްތަކެއް ނެގުމާއި ފިޓުޖެހުމާއި އަލި ގަދަވުމުން އުނދަގޫވުމާއި ވަރުދެރަވުމާއި ނޭވާ އަވަސްވުން ހިމެނެ އެވެ.