އާންމު ގޮތެއްގައި ހުރިހާ އިންސާނުން ވެސް އެމީހުންގެ ދިރިއުޅުމުގެ ކަންކަމުގައި އިސްކޮށް އުޅެނީ ކަނާތެވެ. ކެއިން ބުއިމާއި ވަޅި ބޭނުން ކުރުމާއި ލިޔުމަށާއި ފޯނުން ކުރާ މުއާމަލާތްތަކަށް ވެސް ގިނަ ބަޔަކު ބޭނުކޮށް އުޅެނީ ކަނާތެވެ. ގާތްގަނޑަކަށް ހުރިހާ އިންސާނުންނަކީ ވެސް ކަނާތްތެރިން ކަމުގައި ވިޔަސް މުހިންމު ހުރިހާ ކަމަކަށް ވައަތް އިސްކުރާ ބަޔަކު ވެސް ދުނިޔޭގައި އުޅެ އެވެ. އެހެނަސް އެއީ އާބާދީގެ މަދުބައެކެވެ. ހިސާބުތަކުން ދައްކާގޮތުގައި ދުނިޔޭގެ އާބާދީގެ 10 ޕަސެންޓަކީ ވާތްތެރީންނެވެ.
ވާތްތެރިންނާ ބެހޭގޮތުން ދިރާސާ ކުރާއިރު ފެނަނަން ހުންނަ އެންމެ ޝައުގުވެރިއެއް ކަމަކީ ރެކޯޑްތައް އެނގެން ފެސީއްސުރެ ވެސް ވާތްތެރީން ދުނިޔޭގެ އާބާދީގައި ހިއްސާކުރާ ޕަސެންޓޭޖް ދުވަހަކު ވެސް ބަދަލުނުވާ ކަމެވެ. އެ ނިސްބަތް ހުންނަނީ އަބަދުވެސް އެއް މިންވަރެއްގަ އެވެ.
ވާތްތެރިންނާއި ކަނާތްތެރިންގެ ވާހަކަ ދައްކާއިރު އާންމު ގޮތެއްގައި ދައްކާ ނޫޅެ އެހެނަސް ފާޅުގައި އެނގެން އޮތް އަނެއް ކަމަކީ ކޮންމެ މީހެއްގެ ވެސް "ރަނގަޅު" (ފަރިތަ) އަތަކާ ނުބައި (ފަރިތަ ނޫން) އަތެއް ހުންނަ ފަދައިން ރަނގަޅު ކަންފަތާއި ނުބައި ކަންފަތް ވެސް ހުންނަ ކަމެވެ. ޚާއްސަ ސަމާލު ކަމެއް ދީގެން ކަންތަކުގެ ތަފުސީލު ހޯދުމަށް އަޑު އަހާއިރު ދެކަންފަތުން ކުރެ ކޮންމެވެސް އެއްކަންފަތަކީ ތިމާއަށް ނޭނގި ނަމަވެސް އަބަދު ވެސް އަޑު އެހުމަށް ޚާއްސަ ސަމާލުކަމެއް ދޭންޖެހޭ ކަމެކެވެ.
އަތާއި ކަންފަތް ފަދައިން ދެލޮލުން ކުރެ އެއްލޮލަކީ ވެސް އެމީހެއްގެ ރަނގަޅު ލޯ ކަމުގައި އޮންނަނީ ވެފަ އެވެ. މާނައަކީ ދެލޮލުން ކުރެ އެއްލޮލުގެ ބާރު ގަދަވުމެވެ. އެ ލޮލަށް އެއްޗެހި ފަސޭހައިން ފެންނަ ކަމުގައިވެ އެވެ. ހިސާބުތަކުން ކުރަހާދޭ މަންޒަރަށް ބަލާ އިރު 40 ޕަސެންޓް މީހުންނަކީ ވާތު ކަންފަތުގެ މީހުންނެވެ. އަދި 30 ޕަސެންޓު މީހުންނަކީ ވާތު ލޮލުގެ މީހުންނެވެ. 20 ޕަސެންޓު މީހުން ރަނގަޅު ފަޔަކަށް ވެފައި އޮންނަނީ ވާތު ފަ އެވެ.
ލޮލާއި ކަންފަތާ ފައިގެ ހިސާބުތަކަށް ބަލާ އިރު ވާތަށް ބުރަވާ މީހުންގެ ޕަސެންޓޭޖް މަތި ކަމުގައި ވިޔަސް ވާތްތެރީންގެ އަދަދު އަބަދު ވެސް އޮންނަނީ 10 ޕަސެންޓުގައި ހިފެހެއްޓިފަ އެވެ.
ބައެއް ހޯދުންތަކުން ދައްކާ ގޮތުގައި ވާތްތެރީންނަކީ ކަނާތްތެރީންނަށް ވުރެ ހުނަރުވެރި ބައެކެވެ. ޔުނިވާސިޓީ ކޮލެޖް ލަންޑަންގެ ޕްރޮފެސަރެއް ކަމަށްވާ ކްރިސް މެކްމޭނަސް ބުނެފައިވާގޮތުގައި ވާތްތެރިންނަކީ ގިނަ ކަންތައް ކުރުމުގެ ކުޅަދާނަކަން ލިބިފައިވާ ބައެކެވެ. އެހެން ވަނީ އެމީހުންގެ ސިކުނޑީގައި ކަންތައް ހަމަޖެހިފައި ހުންނަ ގޮތެއްގެ ސަބަބުންނެވެ.
އޭނާގެ ނަޒަރުގައި ވާތްތެރީންގެ ސިކުނޑީގައި ކަންތައް ހަމަޖެހިފައި ހުންނަނީ އެހެން އާދައިގެ މީހުނާ ތަފާތު ގޮތަކަށެވެ. ނަތީޖާއެއްގެ ގޮތުން އާދައިގެ މީހުނަށް ލިބިފައިނުވާ ފަދަ ތަފާތު ގިނަ ހުނަރު ތަކެއް ވާތްތެރިންނަށް ލިބޭ ގޮތް މެދުވެރިވެ އެވެ.
ތާރީޚީ ގޮތުން ބަލާއިރު ވާތްތެރިންގެ ކިބައިގައި އޯޓިޒަމްއާއި ޑިސްލެކްސިއާ ފަދަ ބައެއް ނުކުޅެދުން ގިނަކަމުގައި ވަކާލާތު ކޮށްފައި ހުންނަކަން ފާހަގަވެ އެވެ. ހަމަ އެފަދައިން އާކިޓެކްޗަރުންނާއި މިއުޒީޝަނުންގެ ބޮޑު ޕަސެންޓަކީ ވާތްތެރީން ކަމުގައި ވެސް ވަކާލާތު ކުރެވެމުން އާދެ އެވެ.
ސައިންޓިފިކް ގޮތުން ބަލާއިރު މީހަކު އިސްކުރާނެ އަތެއް ކަނޑައަޅަނީ ވަކި ޖީނަކުންކަން އެނގުނު ކަމުގައި ވިޔަސް އެޖީނާ ގުޅޭ ޑީއެންއޭގެ ބައިތަކާ ބެހޭ ދިރާސާތައް މިހާރު ވެސް ދަނީ ކުރިއަށެވެ.
ގަދީމީ ޒަމާނުއްސުރެ ދީނީގޮތުން ވާތްފަރާތަކީ ނުބައި ފަރާތުގެ ގޮތުގައި އޮންނަނީ ބެލެވިފަ އެވެ. އިހުގެ ކްރިސްޓިއަނުންގެ މެދުގައި ވެސް ވާތްތެރިންނަކީ ޝައިތާނުނާ ގުޅުން ހުރި ބައެއްކަމުގައި ބެލެވުނު ޒަމާނެއް ދިޔަކަމުގައިވެ އެވެ. ޔޫރަޕްގައި ވާތްތެރިންނަކީ ނުބައި ވިޗުންގެ ގޮތުގައި ބެލެވުނު ޒަމާނެއް ވެސް ދިޔަ އެވެ. އެ ސަބަބުތަކާ ހެދި ވާތް އިސް ކުރާ ކުދިން ކަނާތަށް ފަރިތަކުރުވާ ކަނާތްތެރިންނަށް ހެދުމުގެ އާދައަކީ ވެސް ދާދި ފަހަކާ ހަމަޔަށް ހިނގަމުން އައި އާދައެކެވެ.
ޒަމާން ބަދަލުވެ ވާތްތެރިންނަކީ ހުނަރުވެރި ބައެއްކަމުގައި ގަބޫލުކުރެވިފައިވާއިރު އެމީހުންނަކީ އާދަޔާ ޚިލާފު ގޮތަކަށް އެމީހުންގެ ސިކުނޑި ހަރަކާތްތެރިވާ ބައެއް ކަމަށް ވެސް އަންނަނީ ގަބޫލު ކުރެވެމުންނެވެ. ދުނިޔޭގެ މަޝްހޫރު ލީޑަރުންގެ ތެރޭގައި ވެސް ފާހަގަ ކޮށްލެވޭ ފަދަ ގިނަ އަދަދަކަށް ވާތްތެރިން ހިމެނެ އެވެ. ރާއްޖޭގެ ރައީސް މުހައްމަދު މުއިއްްޒު އާއި އިނގިރޭސި ވިލާތުގެ ޕްރިންސް ވިލިއަމް އަދި އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާ އަކީ ވެސް ވާތްތެރީންނެވެ.