ނިމިދިޔަ މަޖިލިސް އިންތިހާބާ ދިމާކޮށް ސަރުކާރުން މިނިވަންކުރި ކުށްވެރިންގެ ލިސްޓް އާންމުކުރުމަށް ކުރީގެ ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ ގޮވާލައްވައިފި އެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އެސިސްޓެންޓް ޕޮލިސް ކޮމިޝަނަރު އަހްމަދު ޝިފާން ވިދާޅުވީ އޭނާ ވިދާޅުވި މިފަހަކަށް އައިސް ކުށްކުރުން އިތުރުވި މައިގަނޑު އެއް ސަބަބަކީ މީގެ 10 ވަރަކަށް މަސްދުވަސް ކުރިން 434 ކުށްވެރިން މުޖުތަމައު އަށް ދޫކޮށްލާފައިވުން ކަމަށެވެ.
އެކަމަށް ރައްދު ދެއްވައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މާރިޔާ ވަނީ މަޖިލިސް އިންތިހާބާ ދިމާކޮށް މި ސަރުކާރުން ދޫކުރި ކުށްވެރިންގެ ލިސްޓް އާންމުކުރުމަށް ގޮވާލައްވާފަ އެވެ.
މަޖިލިސް އިންތިހާބާ ދިމާކޮށް ގިނަ އަދަދެއްގެ ކުށްވެރިންނަށް މައާފްދީ މިނިވަންކޮށްފައިވާތީ ގިނަ ބަޔަކު މީގެކުރިން ކަންބޮޑުވުންފާޅުކޮށްފައިވެ އެވެ. އެ ކުށްވެރިން ދޫކޮށްލީ އެ މީހަކު ނިސްބަތްވާ ދާއިރާއަށް ޕީއެންސީން ވާދަކުރި ކެންޑިޑޭޓަށް މުޅި އާއިލާގެ ވޯޓު ދިނުމަށް ޝަރުތުކޮށް ކަމަށް މައުލޫމާތު އެނގޭ މީހަކު ކިޔައިދިނެވެ.
މި ސަރުކާރުން ވެރިކަމަށް އައީ ކުރީގެ ސަރުކާރުތަކުން ހަދާފައިވާ ގޯސްތައް ތަކުރާރުނުކޮށް އިންސާފުވެރިކަމާއެކު ހެޔޮވެރިކަމެއް ކުރުމަށް ކަމަށް ބުނެ އެވެ. ނަމަވެސް ވެރިކަމަށް އައުމަށްފަހު އަމަލުތައް ހުރީ އޭއާ ދެކޮޅަށް ކަމަށް އިދިކޮޅު ފަރާތްތަކުން ބުނެ އެވެ.