މިއުނިކް (16 ޖޫން) – ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެންއަރައި މެޗުގެ ފަހުކޮޅު ވައުޓް ވެގްހޯސްޓް ޖެހި ލަނޑާއެކު ޔޫރޯގައި މިރޭ ޕޯލެންޑް އަތުން ފަހަތުންއަރައި 2-1 އިން ނެދަލޭންޑްސް މޮޅުވެއްޖެ އެވެ.
ގުރޫޕް ޑީގައި މިރޭ ނެދަލޭންޑްސްއާ ދެކޮޅަށް ކުޅުނު މެޗަށް ޕޯލެންޑް ނުކުތީ އެ ޓީމުގެ ކެޕްޓަން އަދި އެ ޓީމަށް މިހާތަނަށް އެންމެ ގިނަ ލަނޑު ޖަހައިދީފައިވާ ފޯވަޑް ރޮބަޓް ލެވަންޑޮވްސްކީ ނުލަ އެވެ. މި މެޗުގައި އޭނާއަށް ނުކުޅެވުނީ އަނިޔާގެ ސަބަބުންނެވެ.
އެކަމަކު ޕޯލެންޑް އިން ވަނީ މެޗުގެ 16 ވަނަ މިނިޓުގައި އެޑަމް ބުސްކާ ޖެހި ލަނޑާއެކު ލީޑު ހޯދައިފަ އެވެ. ލެވަންޑޮވްސްކީގެ ބަދަލުގައި ފުރަތަމަ 11ގައި ކުޅެމުންދިޔަ ބުސްކާ ވަނީ އޭރިޔާ ތެރެއިން ބޮލުން ގޯލަށް ބޯޅަ އަމާޒުކޮށްލައިފަ އެވެ.
އެކަމަކު މެޗުގެ 29 ވަނަ މިނިޓުގައި ނެދަލޭންޑްސް އިން ނަތީޖާ އެއްވަރުކުރީ ފޯވަޑް ކޯޑީ ގަކްޕޯ ޖެހި ލަނޑުންނެވެ. ގަކްޕޯ ފޮނުވާލި ޝޮޓް ގޯލަށް އަމާޒުވީ ޕޯލެންޑްގެ ޑިފެންޑަރެއްގެ ފައިގައި ޖެހިފަ އެވެ.
ދެ ޓީމު އެއްވަރުވެގެން މެޗު ނިމެންދަނިކޮށް، ނެދަލޭންޑްސް ކޮޅަށް މެޗު އަނބުރާލީ މެޗުގެ 81 ވަނަ މިނިޓުގައި ކުޅެންއެރި ނެދަލޭންޑްސްގެ ބިޔަ ފޯވަޑް ވެގްހޯސްޓް އެވެ. ކުޅެންއެރިތާ ދެ މިނިޓުގެ ތެރޭގައި ވަނީ އޭނާ ވަނީ އޭރިޔާ ތެރެއަށް ތިރިތިރިން ނެދަލޭންޑްސްގެ ކުޅުންތެރިއެއް ހުރަސްކޮށްލި ބޯޅައެއް ގޯލަށް އަމާޒުކޮށްލައިފަ އެވެ.
މި މޮޅަކީ ނެދަލޭންޑްސްއަށް މުހިންމު މޮޅެކެވެ. މި ގުރޫޕްގައި ނެދަލޭންޑްސް ދެން ކުޅެންޖެހޭ މެޗުގައި ނުކުންނަނީ ފްރާންސްއާ ދެކޮޅަށެވެ.