ބާލިން (15 ޖޫން) – ޔޫރޯގެ ގުރޫޕް ބީ ގައި މިރޭ ކްރޮއޭޝިއާ އަތުން 3-0 އިން މޮޅުވެ، ތިން ފަހަރު މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވާ ސްޕެއިންގެ ފެށުން ރަނގަޅުކޮށްފި އެވެ.
މި މެޗުގައި ސްޕެއިންގެ ތިން ލަނޑުވެސް ޖެހީ ފުރަތަމަ ހާފުގަ އެވެ. މެޗުގެ 29 ވަނަ މިނިޓުގައި ސްޕެއިންއަށް ލީޑު ހޯދައިދިނީ އެ ޓީމުގެ ކެޕްޓަން އަލްވާރޯ މޮރާޓާ އެވެ. އަދި އޭގެ ތިން މިނިޓު ފަހުން ސްޕެއިންގެ މިޑްފީލްޑަރު ފަބިއަން ރުއިޒް ވަނީ ކްރޮއޭޝިއާގެ ދެ ކުޅުންތެރިން ކައިރިން ނައްޓާލުމަށްފަހު ގޯލުގެ ތިރީ ކަނަށް ބޯޅަ އަމާޒުކޮށްލައި ސްޕެއިންގެ ލީޑު ފުޅާކޮށްދީފަ އެވެ.
މެޗުގެ ފުރަތަމަ ހާފު ނިމެނިކޮށް، ސްޕެއިންގެ ތިން ވަނަ ލަނޑު ޖެހީ ޑިފެންޑަރު ޑެނީ ކަރްވަހާލް އެވެ.
ދެވަނަ ހާފުގައި ކްރޮއޭޝިއާއަށް ޕެނަލްޓީއެއްވެސް ލިބުނެވެ. ބްރޫނޯ ޕެޓްކޮވިޗް ޖެހި ޕެނަލްޓީ ސްޕެއިންގެ ގޯލްކީޕަރު އުނާއީ ސިމޮން ސޭވްކުރި ނަމަވެސް، ރީބައުންސްގައި ނިކުތް ބޯޅަ ކްރޮއޭޝިއާގެ ކުޅުންތެރިއެއް ހުރަސްކޮށްލުމުން ޕެޓްކޮވިޗް ގޯލަށް ބޯޅަ ވައްދާލި އެވެ. އެކަމަކު ވީއޭއާރް އިން ބެލުމަށްފަހު ނިންމީ ކްރޮއޭޝިއާގެ ކުޅުންތެރިއެއް މާ އަވަހަށް އޭރިޔާ ތެރެއަށް ވަތް ކަމަށެވެ.
މި މެޗުގެ ސްޕެއިންގެ ފުރަތަމަ 11ގައި ކުޅެ، ބާސެލޯނާގެ ވިންގާ ލަމީން ޔަމާލް ވަނީ ޔޫރޯގެ ތާރީހުން ޖާގަ ހޯދައިފަ އެވެ. އުމުރުން 16 އަހަރާއި 338 ދުވަހުގައި ޔޫރޯގެ މެޗެއް ކުޅެ، ޔަމާލްވެފައި ވަނީ މި މުބާރާތުގައި ތާރީހުގައި ކުޅުނު އެންމެ ހަގު ކުޅުންތެރިޔާއަށެވެ. – އޭއެފްޕީ