ކުރީ ސަރުކާރުން ގައުމުގެ މިނިވަންކަމަށް އުނިކަން އަންނަގޮތަށް ކޮށްފައިވާ ކަންކަން ތަހުގީގުކުރަން ރައްޔިތުންގެ މަޖިލީހުގެ ސަބް ކޮމިޓީއެއް އެކުލަވާލައިފި އެވެ.

މިކޮމިޓީ އެކުލަވާލާފައި ވަނީ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީގެ ތިންވަނަ ބައްދަލުވުމުގަ އެވެ. މި މައްސަލަތައް ބެލުމަށް އެ ކޮމިޓީއަށް ހުށަހެޅުއްވީ ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން މަރްޒޫގެވެ.

ސަލާމަތީ ހިދުމަތްތަކުގެ ކޮމިޓީއަށް އަޒާން ހުށަހެޅުއްވީ 2018 ވަނަ އަހަރުން ފެށިގެން 2023 ވަނަ އަހަރާ ދެމެދު ގައުމުގެ މިނިވަންކަމާއި އިސްތިގުލާލަށް އުނިކަން އަންނަގޮތަށް އޭރުގެ ސަރުކާރާއި އެކި އިދާރާތަކުގެ އިސްވެރިން އަމަލުކޮށްފައިވާތީ އެކަންކަން ހިނގާދިޔަ ގޮތް ބެލުމަށެވެ. އޭނާ އެމައްސަލަ ހުށަހަޅުއްވާފައި ވަނީ ގާނޫނު އަސާސީން މަޖިލީހަށާއި 241 ކޮމިޓީއަށް ލިބޭ ބާރުގެ ދަށުން ޕާލަމަންޓްރީ އިންކުއަރީއެއް ހިންގުމަށެވެ.

އަޒާން ވަނީ މައިގަނޑު ތިން ކަމެއް ބެލުމަށް ހުށަހަޅުއްވާފަ އެވެ. އެއީ އިންޑިއާއާ އިރާއްޖެއާ ދެމެދު ސޮއިކުރެވުނު ހައިޑްރޯގްރަފީ އެއްބަސްވުމާއި އުތުރު ތިލަފަޅުގައި ތަރައްގީކުރަމުން އަންނަ ބަނދަރުގެ އިތުރުން ޑޯނިއާ މަތިންދާ ބޯޓުގެ އެއްބަސްވުމާ ގުޅުންހުރި ކަންކަން ބެލުމަށެވެ. މީގެ ތެރެއިން ހައިޑްރޯގްރަފީ އެއްބަސްވުމަކީ ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި އިންޑިއާއިން ހުށަހެޅުމުން އޭރު ސޮއިނުކޮށް އޮތް އެއްބަސްވުމެއް ކަމަށާއި މިދިޔަ ސަރުކާރުން ސޮއިކުރުމުގައި އެމްއެންޑީއެފްގެ ވިސްނުން ފަހުން ބަދަލުވިގޮތް ބަލަން ބޭނުންވާކަމަށް އަޒާން ވިދާޅުވި އެވެ.

މީގެ އިތުރުން އުތުރުތިލަފަޅުގައި ހަދަމުން އަންނަ ބަނދަރުގެ އެއްބަސްވުން ހިނގިއިރު އޭރު ގައުމީ ދިފާއީ ބާރުގައި އިސްކޮށް ތިއްބެވި ބޭފުޅުންނަށް ވެސް އެއްބަސްވުން ފެނިފައިނުވާ ކަމަށް މައުލޫމާތު ލިބޭ ކަމަށާއި އެހެންވެ ކަންބޮޑުވުންތައް އެބަހުރިކަން އަޒާން ފާހަގަކުރެއްވި އެވެ.

މިތިން މައްސަލައިގެ އިތުރުން މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމް ވަނީ ކުރީ ސަރުކާރުން ރާއްޖެއާއި މޮރިޝަސްއާ ދެމެދު އިން ކަނޑައެޅުމުގައި އަމަލުކުރި ގޮތް ބެލުމަށް ވެސް ވަނީ ހުށަހަޅުއްވާފަ އެވެ.

މިތަހުގީގު ކުރިއަށްދާ ގޮތް ރޭވުމަށްޓަކައި ހަތަރު މެންބަރުންގެ ކޮމިޓީއެއް ވެސް 241 ކޮމިޓީން ވަނީ އެކުލަވާލާފަ އެވެ.

ސަބް ކޮމިޓީގައި ހިމެނިވަޑައިގަންނަވާ މެންބަރުން

  • ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން މަރުޒޫގު
  • ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ނާޒިމް
  • ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ
  • ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލްހަންނާނު އަބޫބަކުރު