އިންޑިއާގައި ތިބި އެ ގައުމުގެ ރައްޔިތުންގެ ހެކިބަސް ރާއްޖެއިން ނެގުމުގެ އުސޫލު އިންޑިއާ ސަރުކާރުން ހަރުކަށި ކުރުމުން, މޭރީ ގްރޭސްގެ މަރުގެ މައްސަލާގައި އިންޑިއާގެ ޑޮކްޓަރުންތަކެއް ހެކިބަސް ނެގުމުގައި ދަތިތަކެއް ކުރިމަތިވެއްޖެ އެވެ.

މިކަން ހާމަވީ ރާއްޖޭގައި އުޅުނު ފިލިޕީންސްގެ ނަރުހެއް ކަމަށްވާ މޭރީ 2021 ވަނަ އަހަރު މަރާލި މައްސަލާގައި އޭނާގެ ފިރިމީހާ މާވިން އެސްވައި އާއި ދިވެހި ނަރުހަކަށް އުޅުނު ހަލީމަތު ލަމްހާގެ މައްޗަށް ދައުވާކުރާ މައްސަލާގައި މިއަދު ބޭއްވި އަޑުއެހުމުގަ އެވެ. އެ މައްސަލާގެ ހެކިންގެ ތެރޭގައި އިންޑިއާގެ ޑޮކްޓަރުންތަކެއް ވެސް ހިމެނެ އެވެ.

ރާއްޖެއިން ބޭރުގައި ތިބޭ ބިދޭސީންގެ ހެކިބަސް ނެގުމުގައި ކުރިން އަމަލުކުރަނީ ރާއްޖޭގެ އެމްބަސީއަކަށް އެ މީހުން ހާޒިރުކޮށްގެން ހެކިބަސް ނެގުމެވެ. ނަމަވެސް އިންޑިއާ ސަރުކާރުން މިހާރު ވަނީ މިގޮތަށް އިންޑިއާ ރައްޔިތުންގެ ހެކިބަސް ނެގުމުގެ އުސޫލު ހަރުކަށިކޮށްފަ އެވެ.

މިއަދު ބޭއްވި އަޑުއެހުމުގައި ދައުލަތުން ބުނީ އިންޑިއާގެ ޑޮކްޓަރުންގެ ހެކިބަސް ނެގުން ލަސްވަނީ އިންޑިއާ ސަރުކާރުން ހަމަޖެއްސި އާ އުސޫލެއްގެ ސަބަބުން އެ މީހުން ރާއްޖޭގެ އެމްބަސީއަށް ގެންގޮސްގެން ހެކިބަސް ނެގުމުގެ ކުރިން އިންޑިއާ ސަރުކާރުގެ ހުއްދަ ހޯދަން ޖެހޭތީ ކަމަށެވެ.

ލަމްހާގެ ވަކީލުން ބުނީ އިންޑިއާ ސަރުކާރުގެ ހުއްދަ ނެތި އެ ޑޮކްޓަރުން ރާއްޖޭގެ އެމްބަސީއަށް ހާޒިރު ނުކުރެވޭނަމަ ޓިކެޓް ދީގެން އެ މީހުން ރާއްޖެ ގެންނަންޖެހޭ ކަމަށެވެ. އަދި އެއީ އެ މައްސަލައަށް މުހިންމު ހެކިންތަކެއް ކަމަށް ވަކީލުން ބުންޏެވެ.

އެ މައްސަލަ ބައްލަވާ ގާޒީ ހުސައިން ފާއިޒް ރަޝާދު ވިދާޅުވީ އެ މައްސަލާގެ ހެކިބަސް ނެގުމުގެ މަރުހަލާ އަންނަ މަހު ނިންމާލަން މަސައްކަތް ކުރައްވާނެ ކަމަށެވެ.

ކްރިމިނަލް ކޯޓުގައި މިއަދު ހެކިބަސް ވަނީ އައިޖީއެމްއެޗްގައި މޭރީ އަދި މާވިންއާ އެކު މަސައްކަތްކުރި ދެ ނަރުހުންގެ ހެކިބަސް ނަގައިފަ އެވެ. އެ ދެ ނަރުހުން ވެސް ބުނީ ހޮސްޕިޓަލަށް ދިޔައިރު، މޭރީގެ ހަށިގަނޑު ފެނުނު ކަމަށެވެ. އޭރު މޭރީގެ މޫނު އޮތީ ނޫފައިގެންފައި ކަމަށް އެ ދެ ނަރުހުން ބުންޏެވެ.

އެ މައްސަލާގައި ބާކީ ތިބި ހެކިންގެ ތެރެއިން ހަތަރު މީހެއްގެ ހެކިބަސް ނުނަގަން ދައުލަތުން ވަނީ ނިންމައިފަ އެވެ.

އިންޑިއާ ސަރުކާރުން މި އުސޫލު ހަރުކަށި ކުރިއިރު, ރައީސް މުހައްމަދު މުއިއްޒު މިހާރު ގެންދަވަނީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ތިން ވަނަ ދައުރަކަށް ހުވާ ކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް އިންޑިއާއަށް ރަސްމީ ދަތުރުފުޅެއް ކުރައްވަމުންނެވެ.