ރާއްޖޭގެ މާލީ ހާލަތު ރަނގަޅުކުރަން ހިތި ބޭހެއް ބޯންޖެހެންޏާ ސަރުކާރުން އެކަން ރައްޔިތުންނަށް އަންގަންޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހްމަދު ނާޒިމް ވިދާޅުވެއްޖެ އެވެ.

މާލިއްޔަތު ކޮމިޓީގައި އިއްޔެ ވާހަކަފުޅުދައްކަވަމުން ނާޒިމް ވިދާޅުވީ އިންތިހާބީ މޫސުން ނިމިފައިވާތީ، ގައުމުގެ އިގްތިސޯދީ ހާލަތާ ގުޅޭގޮތުން ސިއްރުކުރަންޖެހޭ ކަމެއް ނެތް ކަމަށެވެ. އަދި ރައްޔިތުންނަށް ދެތުބަހުން އިގްތިސޯދީ ހާލަތު އޮތްގޮތް ކިޔައިދޭންޖެހޭ ކަމަށް ވެސް ނާޒިމް ވިދާޅުވި އެވެ.

"ހަމަ ރަށްރަށުގެ ރައްޔިތުންނަށް އެބަ އެނގެންޖެހޭ ޕްރޮޖެކްޓުތައް ހިނގާނެތޯ ނުވަތަ ނޫންތޯ ވެސް، އިނގޭތޯ؟ އިންތިހާބުގެ މޫސުން ވެސް މިހާރު މިއޮތީ ނިމިފައި އެހެންވީމާ އަޅުގަނޑު ދެންނެވީ އަޅުގަނޑުމެން ހިނގާށޭ ހަމަ ރައްޔިތުން ކައިރީގައި ވެސް ބުނަމާ ހަގީގަތާ ކުރިމަތިލާށޭ، ރިއާލިޓީއާ ކޮންފްރަންޓު ކުރަން ދަސްކުރަންވިއްޔޭ ހަމަ މިހާރު، އެހެންނޫނިއްޔާ އަޅުގަނޑުމެންނަށް އޮތީ ބަނަ ދުވަސްތަކެކޭ،" ނާޒިމް ވިދާޅުވި އެވެ.

ރާއްޖޭގެ މާލީ ހާލަތު އޮތް ބަނަކަން ރައްޔިތުންނަށް އިހްސާސްކޮށްދިނުމަށްޓަކައި ފިނޭންސް މިނިސްޓްރީން ކަންއޮތްގޮތް ރައްޔިތުންނަށް ކިޔައިދޭންޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ މަސައްކަތް ކުރިއަށްގެންދާނެ ގޮތަކާމެދު މަޝްވަރާކުރުމަށް އިއްޔެ ބޭއްވި ބައްދަލުވުމުގައި ނައިބު ރައީސް ނާޒިމް ވާހަކަދައްކަވަނީ. ފޮޓޯ: މަޖްލިސް

އިގްތިސޯދޯގޮތުން ރާއްޖެ އޮތް ދަތި ހާލަތާ މެދު ކަންބޮޑުވެވަޑައިގެން ނާޒިމް ވިދާޅުވީ އަވަށްޓެރި ސްރީލަންކާއަށް ވީގޮތް ހަނދާންކުރަންޖެހޭ ކަމަށެވެ.

އޭނާ ވިދާޅުވީ ސްރީލަންކާ ބަނގުރޫޓުވެ އެ ގައުމުގެ އިގްތިސޯދު އެއްކޮށް ފުނޑުފުނޑުވެ ދިޔައިރު ވެސް "އެބުނާ އެންމެ ގާތް ގައުމުތައް ވެސް ތިބި" ކަމަށެވެ.

"އަޅުގަނޑުމެންގެ ކުރިމަތީ ލަންކާ ވެސް ފެއިލް ވެގެން ދިޔައީ ދެއްތޯ މީގެ ދެ އަހަރެއްހާ ދުވަސް ކުރިން. ހަމަ އޭރު ތިބި އެ ބުނާ އެންމެ ގާތް ގައުމުތައް ތިބި. ޗައިނާ އޮތް. އިންޑިއާ ވެސް އޮތް. އެކަމަކު އެ ހުރިހާ ގައުމުތަކަކުން ވެސް ހަމަ ވާނެ އެއްޗެއް ވާން ދޫކޮށްލީ،" އޭނާ ވިދާޅުވި އެވެ.

https://www.youtube.com/watch?v=jy6vUH8f3mo&list=PLf00qByhL1Y_W9uaCeXYcD5a1-Dx0B4Cs

ނާޒިމް ވިދާޅުވީ މާލިއްޔަތު ކޮމެޓީގައި އިސްކުރަން ޖެހޭނީ ޕާޓީ އާއި އަމިއްލަ މަސްލަހަތު ނޫން ކަމަށާއި އިސްކުރަން ޖެހޭނީ ގައުމުގެ މާލިއްޔަތުގެ މަސްލަހަތު ކަމަށެވެ.

ރާއްޖެއެއަށް ބޭރުގެ އެހީ ހޯދަން ކުރި ބައެއް މަސައްކަތްތައް ކާމިޔާބުވެފައިނުވާ ކަމަށް ވެސް ނާޒިމް ވިދާޅުވެފައިވެ އެވެ.

"އެ އަސާސީ ކަންތައްތައް، އިގްތިސޯދެއްގައި ހުންނަ އަސާސީ ކަންތައް ރަނގަޅު ނުކުރަންޏާ އެ މީހުން ވެސް ބުނަނީ އެއީ ހަމަ ރާ ބޯ މީހަކަށް ލާރި ދިނުން ކަހަހަލަ ކަމެކޭ. ހަމަ ލާރިކޮޅު ދޭއިރަށް ގޮސް ބޯލާނެޔޭ އަނެއް ދުވަހު ވެސް ލާރި ބަލާ [އަންނާނެ] އެހެން ނޫންތޯ؟" އޭނާ ވިދާޅުވި އެވެ.