ސްކޫލްތަކުގެ ޓީޗަރުންނާއި ބެލެނިވެރިން މުއާމަލާތް ކުރަން ކްލާސްތަކުން ވަކިވަކި ވަައިބާ ގުރޫޕް ނުހެދުމަށް އަންގައި، އެޑިއުކޭޝަން މިނިސްޓްރީން ސްކޫލްތަކަށް އަންގައިފި އެވެ.
އެޑިއުކޭޝަން މިނިސްޓްރީން މިފަދައިން އެންގީ ސްކޫލްތަކަށް ފޮނުވި ސާކިއުލާއެއްގަ އެވެ.
އެ ސާކިއުލާގައި ވަނީ ދަރިވަރުންނަކީ އަމިއްލަ އުނގެނުމަށް ޒިންމާވާ ބަޔަކަށް ހެދުމަށްޓަކައި ސްކޫލްތަކުން ކުރާ މަސައްކަތްތައް އިތުރުކޮށް ހަރުދަނާ އުސޫލުތަކެއް ގާއިމް ކުރަން ޖެހޭ ކަމަށެވެ.
އެގޮތުން ސްކޫލްތަކުން ބެލެނިވެރިންނާ މުއާމަލާތު ކުރުމަށް ބޭނުން ކުރާ ވައިބާ ގްރޫޕްތައް ފަދަ ޕްލެޓްފޯމްތަކަކީ އެއް ފަރާތުން މުއާމަލާތް ކުރެވޭ ކޮމިއުނިޓީ ގްރޫޕްތަކަކަށް ހެދުމަށް ވަނީ އަންގާފަ އެވެ.
އެ ކޮމިއުނިޓީ ގްރޫޕްތައް ސްކޫލްގެ ޑިޖިޓަލް ނޯޓިސް ބޯޑުގެ ގޮތުގައި ވެސް ބޭނުން ކުރެވިދާނެ ކަމަށް ވެސް އެ ސާކިއުލާގައި ބުނެފައިވެ އެވެ.
އެ ސާކިއުލާގައި ވަނީ ރަސްމީ މުއާމަލާތު ކުރުމަށް އިތުރު ގްރޫޕެއް ހަދާ ނަމަ، އެފަދަ ގްރޫޕްތަކަކީ ވަކިވަކި ކީ ސްޓޭޖްތަކަށް ނުވަތަ ގްރޭޑްތަކަށް ހާއްސަ ގްރޫޕްތަކަކަށް ހެދިދާނެ ކަމަށެވެ.
ސްކޫލުން ބެލެނިވެރިންނާ މުއާމަލާތް ކުރުމަށް ބޭނުން ކުރާ ކޮމިނިއުޓީ ގްރޫޕް މެދުވެރިކޮށް މެސެޖް ފޮނުވާ އެންމެ ލަސް ގަޑިއަކީ ސްކޫލްގެ ކިޔަވައި ދިނުމުގެ ދަންފަޅި ނިމޭތާ ދެ ގަޑިއިރަށް ވުރެ ލަސް ގަޑިއަކަށް ނުހަދަން މިނިސްޓްރީން ވަނީ އަންގާފަ އެވެ.
އެ ސާކިއުލާގައި ވަނީ ދަރިވަރުންނާ ހަވާލު ކުރެވޭ މަސައްކަތްތައް ބެލެނިވެރިޔާއަށް އެންގުމަށް ގްރޫޕްތައް ބޭނުން ކުރުމުގެ ބަދަލުގައި ދަރިވަރުންގެ އަމިއްލަ އުނގެނުމަށް ޒިންމާވާން ދަސްވާނެ ފަދަ އާދަތައް އަށަގެންނެވުމަށް މަސައްކަތް ކުރަންޖެހޭ ކަމަށެވެ.