އިޒްރޭލުގެ ޕާސްޕޯޓްގައި ރާއްޖެ އެތެރެ ނުވެވޭގޮތް ހަދަން އިދިކޮޅު އެމްޑީޕީން އިމިގްރޭޝަންގެ ގާނޫނަށް އިސްލާހު ހުށަހެޅި ބިލު މާދަމާގެ މަޖިލީހުގެ ޖަލްސާއަށް އެޖެންޑާކޮށްފި އެވެ.
އެމްޑީޕީގެ ފަރާތުން މި އިސްލާހު މަޖިލީހަށް ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއީލް އަހްމަދު ނަސީމެވެ.
މަޖިލީހުގެ ޖަލްސާގެ މާދަމާގެ އެޖެންޑާ މިހާރު އާންމުކޮށްފައިވާއިރު އެޖެންޑާގައިވާ ގޮތުން ރިޔާސަތުން އެޖެންޑާ އިއުލާނު ކުރުމަށްފަހު ދެން އޮންނާނީ މީކާއީލް ހުށަހެޅުއްވި އިސްލާހުގެ ފުރަތަމަ ކިޔުން އިއްވުމެވެ.
މީކާއީލް އިސްލާހު ހުށަހެޅުއްވީ އިމިގްރޭޝަން ގާނޫނުގެ އަށް ވަނަ މާއްދާގެ ހ. ގެ ހަތް ވަނަ ނަންބަރުގެ ފަހަތަށް ނަންބަރެއް އިތުރުކުރުމަށެވެ.
އެ އިސްލާހުގައި ބުނެފައި ވަނީ ރާއްޖެ އެތެރެ ނުވެވޭނެ މީހުންގެ ތެރޭގައި "އިޒްރޭލު ޕާސްޕޯޓު ގެންގުޅޭ މީހުން (މީގެ ތެރޭގައި އިޒްރޭލުގެ ޕާސްޕޯޓުގެ އިތުރުން، އެހެން ގައުމެއްގެ ޕާސްޕޯޓު ގެންގުޅޭ މީހުން ވެސް ހިމެނޭ) ކަމަށެވެ.
މީކާއީލް ވިދާޅުވީ އިމިގްރޭޝަން ގާނޫނަށް އެ އިސްލާހު ހުށަހެޅުމުގެ ބޭނުމަކީ އިސްރާއީލުން ފަލަސްތީނުގެ ދަރިކޮޅު ނައްތާލުމަށް ހިންގަމުންދާ ގަތުލުއާންމާ ދެކޮޅަށް ރާއްޖެއިން ފިޔަވަޅު އެޅުމުގެ ގޮތުން، ރާއްޖެއަށް އިޒްރޭލުގެ ރައްޔިތުން އެތެރެވުން މަނާކުރުމަށް ސަރުކާރަށް ގޮވާލާ 19 ވަނަ މަޖިލީހުން ގަރާރެއް ފާސްކުރި ނަމަވެސް، ސަރުކާރުން މިހާތަނަށް އެކަމުގައި އަމަލުކުރާނެ ގޮތެއް ސާފުކޮށްދީފައިނުވާތީ ކަމަށެވެ.
އިޒްރޭލްގެ ޕާސްޕޯޓްގައި ރާއްޖެ އެތެރެވުން މަނާކުރަން ގިނަ ބަޔަކު ސަރުކާރަށް ގޮވާލަމުން އަންނަނިކޮށް ސަރުކާރުންވެސް ވަނީ ޕާސްޕޯޓް މަނާކުރުމަށް ގާނޫނު ބަދަލުކުރުމަށް ނިންމާފަ އެވެ. ނަމަވެސް ސަރުކާރުން ވިސްނަވާފައިވަނީ މީކާއިލް ހުށަހެޅުއްވި ބިލަށް ތާއީދުކޮށްގެން ކުރިއަށް ދިޔުމަށް ކަމެއް ނުވަތަ އާ ބިލެއް ހުށަހަޅައިގެން ކުރިއަށް ދިޔުންކަމެއް އެނގިފައެއް ނުވެ އެވެ.
ސަރުކާރުގެ މި ނިންމުމާ ގުޅޭގޮތުން މީކާއިލް ވިދާޅުވީ، ސީދާ ރައީސްގެ ގަރާރަކުން އިޒްރޭލު ޕާސްޕޯޓު މަނާކުރުމަށް ނިންމެވިނަމަ އެކަމަށް މަރުހަބާ ކިޔުނީސް ކަމަށެވެ. ނަމަވެސް ސަރުކާރުން މިހާރު އަމަލުކޮށްފައިވާ ގޮތުން މިކަން އިތުރަށް ދިގުލައިގެން ގޮސްފައިވާ ކަމަށާއި މިކަން ކުރެވޭނެ މުއްދަތުވެސް ސާފު ނުވާ ކަމަށެވެ.
ރައީސް އޮފީހުން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ގާނޫނު އިސްލާހު ކުރުމަށް ނިންމާފައިވާ ނިންމުމާ ގުޅޭގޮތުން ނޫސްވެރިއަކު ކުރި ސުވާލައް ޖަވާބު ދެއްވަމުން ހޯމް ލޭންޑް މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ ބަންޑާރަ ނައިބު އަހުމަދު އުޝާމް ލަފާ ދެއްވާފައި ވަނީ ގާނޫނަށް އެ ބަދަލުތައް ގެނެސްގެން އިޒްރޭލު ޕާސްޕޯޓު މަނާ ކުރުމަށް ކަމަށެވެ.
އަދި ސަރުކާރުގެ އަމާޒަކީ ގާނޫނަށް ގެންނަން ޖެހޭ ބަދަލުތައް ގެނެސްގެން ވީ އެންމެ އަވަހަށް އިޒްރޭލު ޕާސްޕޯޓު ބޭން ކުރުމަށް މަސައްކަތް ކުރުން ކަމަށް ވެސް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ.
ރާއްޖެއިން އިޒްރޭލު ޕާސްޕޯޓު މަނާކުރަން އިއްޔެ ސަރުކާރުން ނިންމެވުމާއެކު، މި ނިންމެވުން ވަނީ މުޅި ދުނިޔޭގެ ސަމާލުކަމަށްވެސް އައިސްފަ އެވެ. އެގޮތުން ބޭރުގެ ބޮޑެތި ނޫސްތަކުންވެސް މި ޚަބަރު ގެނެސްދީފައިވާއިރު، އިޒްރޭލުގެ ވަޒީރަކު ވަނީ ރާއްޖެއަށް އެ ގައުމުގެ ފަތުރުވެރިން ނައުމަށާއި، ރާއްޖޭގައި އިޒްރޭލުގެ ފަތުރުވެރިން ތިބި ނަމަ، އަވަހަށް ރާއްޖެއިން ފޭބުމަށް ގޮވާލާފަ އެވެ.