ކުރީގެ ރައީސް އަބްދުالله ޔާމީންގެ އެކައުންޓަށް ޖަމާވި އެއް މިލިއަން ޑޮލަރުގެ މައްސަލާގައި އެ ފައިސާ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާ އެކު ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގައި ހުޅުވާފައިވާ އެސްކްރޯ އެކައުންޓްގައި ބަހައްޓާފައިވާތީ އެ ފައިސާ ހޯދަން ޔާމީންގެ ފަރާތުން ބޭންކާއި އޭސީސީއާ ދެކޮޅަށް ކުރާ ދައުވާގެ ޝަރީއަތް މަޑުޖައްސާލަން ހައި ކޯޓުން މިއަދު އަމުރުކޮށްފި އެވެ.
މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ހިޔާނާތުގެ ތެރެއިން ޔާމީންގެ އެކައުންޓަށް އެއް މިލިއަން ޑޮލަރު ޖަމާވި ކަމަށް ބުނެ އެ މައްސަލާގެ ތަހުގީގު ނިމެންދެން 2018 ވަނަ އަހަރުން ފެށިގެން ބަހައްޓާފައިވަނީ ޔާމީނާއި އޭސީސީ ގުޅިގެން ބީއެމްއެލްގައި ހަދާފައިވާ އެސްކްރޯ އެކައުންޓެއްގަ އެވެ. އެ ފައިސާ ހޯދުމަށާއި އެ ފައިސާ ނުލިބުމުން ލިބުނު ގެއްލުމުގެ ބަދަލު ހޯދަން ޔާމީންގެ ފަރާތުން ސިވިލް ކޯޓުގައި ދައުވާކުރީ ބޭންކާއި އޭސީސީއާ ދެކޮޅަށެވެ. ނަމަވެސް ބޭންކުން ވަނީ އެ މައްސަލާގައި ބޭންކާ ދެކޮޅަށް ދައުވާ ނުކުރެވޭނެ ކަމަށް ބުނެ ސިވިލް ކޯޓުގައި އިޖްރާއީ ނުކުތާއެއް ނަގައިފަ އެވެ.
އެކަމަކު ސިވިލް ކޯޓުން ނިންމާފައި އޮތީ އެގޮތަށް މައްސަލަ ކުރިއަށް ގެންދެވޭނެ ކަމަށެވެ. އެ ނިންމުން ބޭންކުގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފް ކުރުމަށްފަހު އެ މައްސަލަ ނިމެންދެން ސިވިލް ކޯޓުގެ ޝަރީއަތް މަޑުޖައްސާލުމުގެ އަމުރަކަށް ހައި ކޯޓުގައި އެދުނެވެ. އެހެންވެ, ހައިކޯޓުން މިއަދު ނެރުނު އަމުރުގައިވަނީ އެފަދަ އަމުރަކަށް އެދުމުގެ ހައިސިއްޔަތު ބޭންކަށް އެބައޮތް ކަމަށާއި އަދި އެ މައްސަލާގައި ގާނޫނީ ބަހުސެއް އެބައޮތް ކަމަށެވެ.
އަދި އެ މައްސަލާގައި އަމުރެއް ނެރެނުދީފިނަމަ ބޭންކަށް ލިބޭނެ ކަމަށް ބެލެވޭ ގެއްލުން ބޮޑުވެދާނެ ކަމުގެ ފުރުސަތު އެބައޮތް ކަމަށް އެ އަމުރުގައިވެ އެވެ. އެހެންކަމުން އެ މައްސަލަ ނިމެންދެން ސިވިލް ކޯޓުގެ ޝަރީއަތް މަޑުޖައްސާލަން އަމުރުކުރީ ކަމަށް އެ އަމުރުގައިވެ އެވެ. އެ މައްސަލަ ހައި ކޯޓުން ބައްލަވަނީ އިސްފަނޑިޔާރު ހުސައިން ޝަހީދާއި ފަނޑިޔާރު ފާތިމަތު ފަރުހީޒާގެ އިތުރުން ފަނޑިޔާރު ދީބާނާޒް ފަހުމީ އެވެ.