އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އާއި އެ ގައުމުގެ ޑިފެންސް މިނިސްޓަރު ޔޯވް ގަލަންޓް ހައްޔަރު ކުރުމުގެ އަމުރަކަށް އިންޓަނޭޝަނަލް ކްރިމިނަލް ކޯޓު (އައިސީސީ) ގައި ޕްރޮސިކިއުޓަރުން އެދުމުން ރައީސް ޑރ. މުހައްމަދު މުއިއްޒު މަރުހަބާ ވިދާޅުވެއްޖެ އެވެ.
މި ނިންމުމަށް ރާއްޖޭގެ ފަރާތުން މަރުހާބާ ވިދާޅުވެ ރައީސް މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވީ މިއީ ފަލަސްތީނުގެ ރައްޔިތުންނަށް އިންސާފު ހޯދައިދިނުމަށް ކުރަމުން އަންނަ މަސައްކަތުގައި އެޅިގެންދާ މުހިންމު ފިޔަވަޅެއް ކަމަށެވެ. އަދި އެއްވެސް ގައުމެއް ބައިނަލްއަގުވާމީގޮތުން ހެދިފައިވާ ގާނޫނުތަކަށްވުރެ މަތި ނުވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސް ވަނީ ޔަހޫދީން އަތްގަދަކޮށްފައިވާ ފަލަސްތީނުގެ ސަރަހައްދުތަކުގައި ހަނގުރާމައިގެ ޖަރީމާތައް ހިންގަމުންދާ ފަރާތްތައް ޖަވާބުދާރީ ކުރުވަން ޖެހޭނެ ކަމަށް ވެސް ވިދާޅުވެފަ އެވެ.
މީގެ އިތުރުން އައިސީސީގެ ޕްރޮސެކިއުޓަރު އޮފީހުން ހުށަހެޅި މައްސަލައިގައި ޔަހޫދީ ދައުލަތުން ހަނގުރާމައިގެ ޖަރީމާތައް ހިންގާފައިވާކަން ސާބިތުކުރެވޭމިންވަރަށް ހެއްކި އެއްކުރެވިފައިވާނެކަމަށް ގަބޫލުކުރައްވާ ކަމަށް ވެސް ރައީސް މުއިއްޒު ވިދާޅުވި އެވެ.
ރައީސް މުއިއްޒު ވަނީ ބައިނަލްއަގުވާމީ އެކި މައިދާންތަކުގައި ފަލަސްތީނުގެ ދިފާއުގައި ކުރެވެން ހުރި ހުރިހާ ކަމެއް ރާއްޖޭން ކުރާނެ ކަމަށް ވިދާޅުވާ ވިދާޅުވުން ތަކުރާރު ކުރައްވާފަ އެވެ.
އައިސީސީގެ ޕްރޮސެކިއުޓަރު ވިދާޅުވެފައިވަނީ ނަތަންޔާހޫއާއި އޭނާގެ ދިފާއީ ވަޒީރު ހައްޔަރު ކުރުމުގެ އަމުރަކަށް އެދިފައިވަނީ ހޯދާފައިވާ ހެކިތަކުގެ މައްޗަށް ބިނާކޮށް ކަމަށެވެ.
ހައްދުފަހަނައަޅާފައިވާ ޔަހޫދީ ދައުލަތުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އާއި އޭނާގެ ދިފާއީ ވަޒީރުގެ އިތުރުން ހަމާސް ޖަމާއަތުގެ ބައެއް އިސްވެރިން ހައްޔަރުކުރުމުގެ އަމުރަކަށް ވެސް ބައިނަލްއަޤްވާމީ ޖިނާއީ ކޯޓުގެ ޕްރޮސިކިއުޓަރުން ވަނީ އެދިފަ އެވެ.
އިސް ޕްރޮސެކިއުޓަރު ކަރީމް ހާންގެ އެދިވަޑައިގަތުމާ މެދު ގޮތެއް ނިންމުގެ ބާރު އޮތީ ކޯޓުގެ ފަނޑިޔާރުންނަށެވެ.