މިދިޔަ އޭޕްރީލު މަހު ޓެކުހުން ދައުލަތަށް 2.11 ބިލިއަން ރުފިޔާ ލިބިފައިވާ ކަމަށް މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ)އިން ބުނެފި އެވެ.
މީރާއިން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން މިއަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި މީރާއަށް 2.11 ބިލިއަން ރުފިޔާ ވަނީ ބަލައިގަނެފަ އެވެ. މި އަދަދަކީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށް ވުރެ %13.6 އިތުރު އަދަދެކެވެ. އަދި، އެޕްރީލް 2024 ގައި ލިބޭނެ ކަމަށް އަންދާޒާކޮށްފައިވާ އަދަދަށް ވުރެ %4.8 ގިނަ އަދަދެއްކަމަށް މީރާއިން ބުނެ އެވެ.
އެޕްރީލް މަހު މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީއެސްޓީއިންނެވެ. އެއީ 1.45 ބިލިއަން ރުފިޔާ އެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ އިންކަމް ޓެކުހުންނެވެ. އެއީ 148.81 މިލިއަން ރުފިޔާ އެވެ. އެއާޕޯޓު ޑިވަލޮޕްމެންޓް ފީގެ ގޮތުގައި 108.76 މިލިއަން ރުފިޔާ، ޑިޕާޗާ ޓެކުހުގެ ގޮތުގައި 106.32 މިލިއަން ރުފިޔާ، ގްރީން ޓެކުހުގެ ގޮތުގައި 105.79 މިލިއަން ރުފިޔާ، އަދި އެހެނިހެން ޓެކުހާއި ފީގެ ގޮތުގައި 192.44 މިލިއަން ރުފިޔާ ލިބިފައިވާކަމަށް މީރާއިން ބުނެ އެވެ.
މިދިޔަ އެޕްރީލް މަހު މީރާއަށް ލިބުނު އާމްދަނީގެ ގޮތުގައި 91.87 މިލިއަން ޑޮލަރު ހިމެނެ އެވެ.