1. މިހާރު ސިންގަޕޫރުގައި ދިރިއުޅެނީ ކީއްވެ؟
ޖަވާބު: ސިންގަޕޫރަށް ދިރިއުޅުން ބަދަލުކުރި އެންމެ ބޮޑު ސަބަބަކީ ކުދިންނަށް ތައުލީމް ދިނުމަށް.
2. އަދިވެސް ވަރަށް ފިޓްކަން ފާހަގަވޭ. ކޮބާ ފިޓްނަސް ރޫޓިން އަކީ؟
ޖަވާބު: އަބަދުވެސް ކަސްރަތު ކުރުމަށް ޝައުގުވެރިކަން ހުރޭ. އެހެންވީމަ ގަވައިދުން ހަފްތާއަކު ތިން ދުވަހު މަދުވެގެން ކަސްރަތުކުރަން. މިހާރު އަދި މާސްޓަސް އެތުލެޓިކްސް ކްލަބްއެއްގައި އުޅޭތީ ޓްރެއިނިން އޮވޭ ގަވާއިދުން.
3. ކުޅެފައިވާ ލަވަތަކުގެ ތެރެއިން އެންމެ ކަމުދިޔަ ލަވައަކީ ކޮބާ؟
ޖަވާބު: ކުޅެފައޭ ބުނީމަ ހީވަނީ ނޭނގުމެއްގެ ތެރެއިން ކުރެވިފައި ހުރި ކަމެއްހެން. ހަހަހާ. ކުޅެފައި ހުރި ހުރިާ ލަވަތަކަކީ ވެސް އެންމެ ހިތްހަމަ ޖެހޭ ވަރަަށް ކުޅެފަ ހުރި ލަވަ. އެކަމަކު ޚާއްސަ ލަވައެއްގެ ނަން ބުނަންޏާ ބުނާނީ "މިއީ އަދު ނަސީބޭ"
4. ކުޅެފައިވާ ފިލްމްތަކުގެ ތެރެއިން އެންމެ ކަމުދިޔަ ފިލްމަކީ ކޮބާ؟
ޖަވާބު: ކުޅެފަހުރި ފިލްމުތަކަކީ ވެސް ހަމަ ވަރަށް ހިތްހަމަ ޖެހޭ ފިލްމުތައް. އެކަމަކު އެންމެ ހިތްހަމަޖެހޭ ރޯލެއް އަދާކޮށްފައިވަނީ ފިލްމް "އިހްސާސް" ގައި.
5. ދިވެހި ފިލްމީ ދާއިރާއިން އަދިވެސް ފެނިދާނެތަ؟
ޖަވާބު: ދިވެހި ފިލްމީ ދާއިރާއިން ނުފެންނާނެއޭ ނުބުނާނަން.
6. ލައިފް އިން ސިންގަޕޫރު ކުޑަކޮށް ކިޔާދެވިދާނެތަ؟'
ޖަވާބު: ސިންގަޕޫރުގެ ދިރިއުޅުމާ މެދު އެއްޗެއް ބުނަންޏާ ބުނާނީ ވަޒީފާ އަދާކުރިއިރު ވަރަށް ހިތްހަމަޖެހެއޭ. އެކަމަކު ރާއްޖޭގެ އޮފީހެއްގައި އަބަދުވެސް މިހާތަނަށް ވަޒީފާ އަދާކުރީ. ދެން ވާގޮތަކީ، ރާއްޖޭގެ ރައީސް ބަދަލުވާއިރަށް އޮފީސް ބަންދުކޮށްލާ. ހެހެހެ. ރައީސް މައުމޫން ދައުރުގައި އުޅުނީ މޯލްޑިވިއަން ގަވަމެންޓް ޓްރޭޑް ސެންޓަރުގައި. ރައީސް ނަޝީދު ވެރިކަމަށް އައިސް އެތަން ބަންދުކުރީ. ދެން ރައީސް ޔާމިން ދައުރުގެ އެސްޓީއޯ ސިންގަޕޫރުގައި އުޅުނީ. ރައީސް ސޯލިހް ރައީސް ކަމަށް އިސްވެ އެތަން ބަންދުކުރީ. މިހާރު ވަޒީފާގައެއް ނޫން މިއުޅެނީ. ބޭރު ގައުމުގެ މީހުންނަށް ހާއްސަކޮށް 40 އަހަރުން މައްޗަށް ދިޔައީމަ ވަރަށް އުނދަގޫވާނެ ވަޒީފާ ހޯދަން ވަރަށް މަތީ ޑިގްރީއެެއް ނެތިއްޔާ. އެނޫން އެހެން ހުރިހާ ގޮތަކަށް ދިރިއުޅެން ފަސޭހަ ގައުމެއް މިއީ.
7. އެންމެ ކަމުދާ ދިވެހި އެކްޓަރު ނުވަތަ އެކްޓްރެސްއަކީ ކާކު؟
ޖަވާބު: އެންމެ ކަމުދާ ދިވެހި އެކްޓަރެއް ނުވަތަ އެކްޓްރެސްއެއް އެހެން ވަކި ފަރާތެއް ބުނަން ވަރަށް އުނދަގޫ. އެއީ މިހާރު އުޅޭ ގިނަ ކުދިންގެ ފިލްމްތައް ބެލިފައެއް ނުވޭ. އެކަމަކު "ފުރޭތަ" ފިލްމް ބެލިފައި ނެތަސް އޭގެ ފުރަތަމަ ޓީޒާ ފެނުނު. އަދި އޭގެ އެކްޓަރު ޝަރަފު އަކީ ވަރަށް މޮޅު އެކްޓަރެކޭ ބުނާނީ. އެކްޓްރެސުންގެ ތެރެއިން ރިޝްމީ އަބަދުވެސް ވަރަށް ކަމުދޭ.
8. އެކްޓިން ދާއިރާއަށް އަލަށް ވަންނަ ކުއްޖަކަށް ބުނެލަން އޮތް އެޑްވައިސް އަކީ ކޮބާ؟
ޖަވާބު: ދޭން އޮތް އެޑްވައިސް އަކީ ރަނގަޅު ޑިރެކްޓަރެއް ހުރިއްޔާ އެކްޓިންގެ ބައި ފުރިހަމައަށް އަދާކުރެވިދާނެއޭ. އެކަމު އާންމުންގެ ތެރޭގައި ތިމާގެ އަގު ހިފަހައްޓާނީ ތިމާ އަމިއްލައަށޭ. އެކަމަށް ސަމާލުކަން ދޭށޭ.
9. މިހާރު ރާއްޖޭގެ ފިލްމީ ދާއިރާއާ ދޭތެރޭ ބުނެލަން އޮތީ ކީކޭ؟
ޖަވާބު: މިހާރު ރާއްޖޭގެ ފިލްމީ ދާއިރާގައި ހަމަގައިމު ވެސް ވަރަށް ކުރިއަށް ގޮއްސި ގިނަ ގޮތްގޮތުން. ފިލްމް ކޮމްޕެނީތައް ވެސް ގިނަ. ފިލްމް ކުޅޭ ޒުވާން ކުދިން ވެސް އިތުރުވެއްޖެ. ފިލްމްތަކުގެ ފެންވަރު ވެސް ވަރަށް ބޮޑުތަން ކުރިއަރައިފި. ޓެކްނިކަލީ ވަރަށް ބޮޑަށް ކުރިއަރައިފިކަން އިހްސާސް ކުރެވުނީ މި ފަހުން ކުޅުނު ފިލްމް " ނޮވެމްބަރު" ގައި މަސައްކަތް ކުރުމުުން.
10. އިސްމާއިލް ވަޖީހުގެ ފޭންސް އަށް ބުނެލަން އޮތީ ކީކޭ؟
ޖަވާބު: ވަޖީހުގެ ފޭންސްއަށް ބުނެލަން އޮތީ، މިހާ ގިނަ ދުވަސްތަކެއް ފިލްމަކުން ލަވައަކުން ނުފެނި ދިޔައިރުވެސް، އެފަރާތްތަކުގެ ސަޕޯޓާއި ލޯތްބަށް އެއްވެސް ބަދަލެއް ނާންނާތީ ވަރަށް ވަރަށް ބޮޑަށް ޝުކުރުވެރިވަމޭ.