މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސާވިސަސް އޮތޯރިޓީގެ ޗެއާމަނަކަށް އައްޔަން ކުރެއްވި ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދާއި ރައީސް އޮފީހުގެ ސްޓޭޓް މިނިސްޓަރުގެ މަގާމަށް ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުﷲ ދީދީ މަގާމުން ވަކިކުރަން ހަތަރު ޖަމިއްޔާއަކުން ގޮވާލައިފި އެވެ.
ޓްރާންސްޕޭރެންސީ މޯލްޑިވްސް އާއި އެސޯސިއޭޝަން ފޯ ޑިމޮކްރެސީ އިން މޯލްޑިވްސް އާއި ސޭވް މޯލްޑިވްސްގެ އިތުރުން ޒީރޯ ވޭސްޓް މޯލްޑިވްސް ގުޅިގެން ނެރުނު ބަޔާނެއްގައި ބުނީ ޖިހާދާއި އަބްދުﷲ ދީދީ އަކީ ކޮރަޕްޝަން ތުހުމަތު ކުރެވޭ ދެ ބޭފުޅުން ކަމަށާއި ކޮރަޕްޝަނުގެ ތުހުމަތުކުރެވޭ ދެ ބޭފުޅަކު ސަރުކާރުގެ އިސް މަގާމުތަކަށް އައްޔަނުކުރުމަކީ، ކޮރަޕްޝަނާއި ކުށްކުރާ މީހުންނަށް އަދަބު ނުލިބުން ހުއްޓުވަން ސަރުކާރުން ބޭނުންވާ ކަމާމެދު ސުވާލު އުފެދޭ ކަމެއް ކަމަށެވެ.
އެ ބަޔާނުގައި ވަނީ މިފަދަ ނިންމުންތަކުގެ ސަބަބުން ނުފޫޒު ފޯރުވަން މަގުފަހިވެ، ކޮރަޕްޝަނުގެ ތުހުމަތުކުރެވޭ އޮފިޝަލުންގެ ތަހުގީގުތަކަށް ހުރަސްއެޅި، ދައުލަތުގެ އިދާރާތަކާއި ޝަރުއީ ނިޒާމާއި ތަހުގީގު ކުރާ އިދާރާތަކަށް ރައްޔިތުންގެ ކުރާ އިތުބާރު ކުޑަވެގެން ދާނެ ކަމަށެވެ
ހަތަރު ޖަމިއްޔާއިން ނެރުނު ބަޔާނުގައި ވަނީ ކޮރަޕްޝަނުގެ ތުހުމަތުތައް ކުރެވޭ، ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުން މަގާމުން ވަކިކުރުމަށާއި އަދި ސަރުކާރުގެ އޮފިޝަލުންނަށް ކުރެވޭ ތުހުމަތުތައް ބަލާނެ ހަރުދަނާ ދެފުށް ފެންނަ ނިޒާމެއް ގާއިމުކުރުމަށް ވެސް ގޮވާލާފަ އެވެ.
އަބްދުﷲ ދީދީއަށް އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ލިބުނު ކަމަށް ބުނާ މައްސަލައިގައި އެންޓި-ކޮރަޕްޝަން ކޮމިޝަނުން ތަހުގީގު ނިންމައި، ދައުވާކުރަން މިދިޔަ ޑިސެމްބަރު މަހު ޕްރޮސެކިއުޓާ ޖެނަރަލް (ޕީޖީ) އޮފީހަށް އޮތީ ފޮނުވައިފަ އެވެ. އެ މައްސަލައިގައި އޭނާއަށް ދައުވާ ކުރުމާ މެދު އަދި ގޮތެއް ނުނިންމާ ކަމަށް ޕީޖީ އިން ވަނީ ބުނެފަ އެވެ.
ފުށިދިއްގަރުފަޅު ސްޕެޝަލް އެކޮނޮމިކް ޒޯނެއްގެ ގޮތުގައި ތަރައްގީކުރަން ޖެނުއަރީ 2013، ގައި ފައިނޭންސް މިނިސްޓަރަކަށް ހުންނަވައި ޖިހާދު ސޮއިކުރެއްވި މައްސަލާގައި އޭނާގެ މައްޗަށް ކުރާ ރައްޔިތުންނަށް ނުވަތަ ދައުލަތަށް ފައިދާއެއް ލިބެން އޮތް ކަމެއްގައި އެ ނޫން ގޮތަކަށް އަމަލުކުރުމުގެ ކުށުގެ ދައުވާގެ މައްސަލަ ކޯޓުގައި އަދިވެސް އެބަ އޮތެވެ.