ރާއްޖޭގައި ގާ ހުދުވުމުގެ މައްސަލަ ބޮޑުވަމުން ދާތީ ބިން ހިއްކުމާއި ފަޅު ފުންކުރުން ފަދަ މަޝްރޫއުތައް މަޑުޖައްސާލަން މެރިން ރިސާޗް އިންސްޓިޓިއުޓުން އެދިއްޖެ އެވެ.
ފިޝަރީޒް އެންޑް އޯޝަސް ރިސޯސަސް މިނިސްޓްރީގެ ދަށުން ހިންގާ އިންސްޓިޓިއުޓުން މިއަދު ސަރުކާރުގައި އެކަމަށް އެދިފައިވާކަން ހާމަކޮށް ނެރުނު ބަޔާނުގައި ވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކުރިމަތިވާ ގާ ހުދުވުމުގެ މައްސަލައަކީ މުޅި ދުނިޔޭގެ ހުރިހާ ކަނޑަކަށް އަސަރު ކުރާނެ ކަމެއް ކަމަށް އެމެރިކާގެ ނޭޝަނަލް އޯޝިއޭނިކް އެންޑް އެޓްމޮސްފެރިކް އެޑްމިނިސްޓްރޭޝަން (ނޮއާ) އަދި އިންޓަނޭޝަނަލް ކޮރަލް ރީފް އިނީޝިއޭޓިވް (އިކްރީ) އިން ބުނެފައިވާ ކަމަށެވެ.
އެ ބަޔާނުގައިވާގޮތުން މިއީ ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ގާ ހުދުވި ހަތަރު ވަނަ ފަހަރެވެ. އަދި މިއީ ވޭތުވެދިޔަ 10 އަހަރުގެ ތެރޭގައި ދުނިޔެއަށް ފުޅާ ދާއިރާއެއްގައި ގާ ހުދުވުމުގެ މައްސަލަ ކުރިމަތިވި ދެވަނަ ފަހަރު ކަމަށް އެ ބަޔާނުގައިވެ އެވެ.
އެ ބަޔާނުގައި ވަނީ ދިވެހިންގެ ދިރިއުޅުމާ ސީދާ ގޮތުންނާއި ނުސީދާ ގޮތުން ފަރުތައް ގުޅިފައި ވާއިރު، ދުނިޔޭގެ ފިނިހޫނުމިން މަތިވުމާ ގުޅިގެން މެދުވެރިވާ ހާދިސާތަކުން ފަރުތަކަށް ކުރާ އަސަރު ކުޑަކުރުމަށް ކުރެވެން އޮތް ހުރިހާ ކަމެއް ކުރަންޖެހޭ ކަމަށެވެ.
ގާތަށް ހުދުވުމަކީ އެކަމުގެ ނޭދެވޭ އަސަރު ރާއްޖޭގެ މަސްވެރިކަމާއި ފަތުރުވެރިކަމަށް ކޮށްފާނެ ކަމެއް ކަމަށް އެ ބަޔާނުގައިވެ އެވެ.
ގާ ހުދުވުމުގެ ފުރަތަމަ މައްސަލަ ރާއްޖޭގައި ފާހަގަކުރެވުނީ 1998 ވަނަ އަހަރު އެވެ. އެއަށްފަހު އެ ފަދަ ހާދިސާތައް ހިނގާ މިންވަރު އަވަސް ވަމުންދާ ކަމަށް ކަންބޮޑުވުމާއެކު މެރިން ރިސާޗް ސެންޓަރުން ބުންޏެވެ.
މެރިން ރިސާޗް އިންސްޓިޓިއުޓުން ބުނީ ދުނިޔޭގެ އެހެން ގައުމުތަކާ އަޅާބަލާއިރު ރާއްޖޭގެ ފަރުތަކުގެ ގާ ހުދުވުމަށްފަހު އަލުން އިއާދަ ވާމިންވަރު އަވަސް ކަމަށެވެ. ނަމަވެސް މިފަދަ ދުވަސްވަރެއްގައި ހިންގޭ އިންސާނީ ހަރަކާތްތަކުގެ ސަބަބުން ފަރުތައް އަލުން އިއާދަވާ މިންވަރު ލަސްވެ އަދި އެކަމަށް ހުރަސް އެޅުމަކީ އެކަށީގެންވާ ކަމެއް ކަމަށް ވެސް އެ އިންސްޓިޓިއުޓުން ބުންޏެވެ.
"ކަނޑުތަކުގެ ހޫނުމިން މަތިވެ، ފަރުތަކުން ގާހުދުވުމުގެ ހާދިސާތައް ފޯކާސްޓް ކޮށްފައިވާ މި ދުވަސްވަރުގައި ފަރުތަކަށް ސްޓްރެސް ބޮޑުވާފަދަ އެންމެހައި މަސައްކަތްތައް (ފަޅު ފުންކުރުމާއި، ބިން ހިއްކުމާއި، ބީޗް ނަރިޝިން ފަދަ ކަންކަން) ވަގުތީގޮތުން މަޑުޖައްސާލުމަށް އިލްތިމާސް ކުރަމެވެ." ބަޔާނުގައި ވެ އެވެ.
އެންމެ ފަހުގެ ސެޓްލައިޓް މައުލޫމާތަށް ބަލާއިރު ގާތަށް ހުދުވުމުގެ އެލާޓް ލެވެލް އަންނަނީ މަތިވަމުން ކަމަށް ވެސް އެ އިންޓިޓިއުޓުން ބުންޏެވެ.