އާންމުންގެ ގިނަ ބައެއްގެ ފާޑު ކިއުން އަމާޒުވެގެން ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމުން ވަކިކުރި މުހައްމަދު ފަހުމީ ހަސަން އަނެއްކާ އެ މިނިސްޓްރީގެ ސިޔާސީ މަގާމެއް ދީފި އެވެ.
އެނގިފައިވާ ގޮތުގައި ފަހުމީ އަށް މިފަހަރު ދިނީ އެމްބެސަޑާ އެޓް ލާޖްގެ މަގާމެވެ. އޭނާ އަށް ސިޔާސީ މަގާމެއް ދިން ކަން ރައީސް އޮފީހުން ވެސް ކަށަވަރުކޮށް ދިނެވެ.
ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) ގެ ރައީސްގެ މަގާމުގައި ހުންނަވަނިކޮށް، އެ ކޮމިޝަންގެ އަންހެން މުވައްޒަފަކަށް ޖިންސީ ފުރައްސާރަ ކުރި މައްސަލައެއްގެ ތުހުމަތުގައި ފަހުމީ ވަކިކުރި އިރު، އޭނާ އަށް ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމު ދިނީ މިދިޔަ ނޮވެމްބަރު 20 ގަ އެވެ. މަގާމަކަށް އައްޔަން ކުރިތާ ހަތަރު ދުވަސް ފަހުން އޭނާ ވަނީ ވަކިކޮށްފަ އެވެ.
ފަހުމީ އަކީ ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) ގެ ރައީސަކަށް އޭނާ ހުންނެވި އިރު، އެތަނުގެ އަންހެން މުވައްޒަފަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތު ކުރެވުނު ބޭފުޅެކެވެ. އެ މައްސަލައިގައި ފަހުމީ މަގާމުން ވަކި ވެސް ކުރި އެވެ.
އެކަމަކު، ސުޕްރީމް ކޯޓަށް ހުށަހެޅުމުން 2013 ވަނަ އަހަރު އެ ކޯޓުން ނިންމީ އޭނާ ވަކިކުރަން ރައްޔިތުންގެ މަޖިލީހުން ނިންމި ހުރިހާ އިޖުރައާތެއް ބާތިލް ކަމަށާއި އޭނާ އަށް ބަދަލު ހޯދަން ސިވިލް ކޯޓަށް ހުށަހެޅޭނެ ކަމަށެވެ. ފަހުމީ ވަނީ އެ މައްސަލަ ސިވިލް ކޯޓަށް ހުށަހަޅުއްވައި ކާމިޔާބު ވެސް ކުރައްވައިފަ އެވެ.
ފަހުމީ ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަމުން ވަކި ކުރި މައްސަލައިގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އެންމެ ފަހުން ވިދާޅުވެފައި ވަނީ ބައެއް ބޭފުޅުން އައްޔަނުކުރެވުނީ ބައެއް ކަންކަން ބަލަން ޖެހޭ ވަރަށް ނުބަލައި ކަމަށެވެ.
"އައްޔަނުކުރި ދެ ތިން ބޭފުޅަކު ވަޒީފާއިން ވަކިކުރިން، ދެން އެއީ އިދާރީ ގޮތުން އަޅުގަނޑުމެންނަށް ހެދިފައި އޮތް ގޯހެއް އެއީ، އައްޔަނުކުރި އިރުގައި ބައެއް ކަންތައްތައް ޗެކު ނުކުރެވި އައްޔަނުކުރެވުނު ކުރުން އެއީ ރަނގަޅަށް ކުރެވުނު ކަމެއް ނޫން،" މިދިޔަ ޑިސެމްބަރު މަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވިއެވެ.
ފަހުމީ ވަނީ ރާއްޖެއިން މެލޭޝިއާ އަށް ކަނޑައަޅާފައިވާ ހައި ކޮމިޝަނަރުގެ މަގާމު ވެސް ކުރައްވައިފަ އެވެ.