މިހާރު ކުރަނީ އިރުވައި މޫސުމާއި ހުޅަނގު މޫސުން ބެދޭ ވިއްސާރަ ކަމަށާއި ރާއްޖޭގެ ހުރިހާ ހިސާބަކަށް ވެސް މޫސުން އަލިވާނެ ކަމަށް ލަފާކުރެވޭނީ ކުރިއަށް އޮތް ބުދަ ދުވަހު ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނެފި އެވެ.

އެ އިދާރާއިން ބުނީ ކުރިއަށް އޮތް ތިން ދުވަހު ވެސް ރާއްޖޭގެ އެކި ހިސާބުތަކަށް ވާރޭ ވެހޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

މޫސުމާބެހޭ އިދާރާއިން ބުނީ ކުރިއަށް އޮތް ތިން ދުވަހު ވިއްސާރަ ކުރިޔަސް، މޫސުން އެންމެ ބޮޑަށް ގޯސް ވާނެ ކަމަށް ލަފާކުރެވޭނީ ދެކުނާއި މެދު ރާއްޖެ ތެރެއަށް ކަމަށެވެ. އެގޮތުން ކުރިއަށް އޮތް 24 ގަޑިއިރު މެދުރާއްޖެ ތެރެއާއި ރާއްޖޭގެ ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށާއި އުތުރުގެ އަތޮޅުތަކަށް ވެސް ކޮންމެ ވެސް ވަރަކަށް ވާރޭ ވެހޭނެ ކަމަށް އެ އިދާރާއިން ލަފާކުރެ އެވެ.

ވައިގެ ބާރުމިނާ ގުޅޭގޮތުން މޫސުމާބެހޭ އިދާރާއިން ބުނީ ކުރިއަށް އޮތް 24 ގަޑިއިރު އާންމު ގޮތެއްގައި ވައިޖެހޭނީ 3 މޭލާއި 13 މޭލާ ދެމެދުގެ ބާރު މިނެއްގައި ކަމަށެވެ. އަދި ކަނޑުތައް ރާއްޖޭގެ ހުރިހާ ހިސާބަކަށް ވެސް މަޑުވާނެ ކަމަށާއި ރާޅު ބާނި އުޅޭނީ 1 ފޫޓާއި 3 ފޫޓާ ދެމެދު ކަމަށް ވެސް އެ އިދާރާއިން ބުނެ އެވެ.

މިރޭ ބޯކޮށް ވާރޭވެހި ބާރަށް ގުގުރާނެ ކަމަށް ލަފާކޮށް ކ. އަތޮޅުން އއ. އަތޮޅަށް ރީނދޫ ސަމާލެއް ވެސް މޫސުމާ ބެހޭ އިދާރާއިން ވަނީ ނެރެފަ އެވެ. އިއްޔެ ވެސް މާލެއަށް ބޯކޮށް ވާރޭ ވެހި މާލެ ތެރޭ ވަނީ ފެން ބޮޑުވެފަ އެވެ.