އާސަހަރާ ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަސައްކަތުގެ ތެރެއިން ފިނިޝިން މަސައްކަތް ކުރާނެ ބަޔަކު ހޯދަން އިއުލާނުކޮށްފި އެވެ.
މާލެ ސިޓީ ކައުންސިލުން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ އާސަހަރާގެ ފިނިޝިން މަސައްކަތާ ގުޅޭ މައުލޫމާތު ސާފުކުރުން މި މަހުގެ 18 ވަނަ ދުވަހު 10:00 ގައި އޮންނާނެ ކަމަށެވެ. އަދި އަގު ހުށަހެޅުން އޮންނާނީ އޭޕްރީލް 24، ވަނަ ދުވަހުގެ 10:00 ގަ އެވެ.
ކަނޑައެޅިފައިވާ ގަޑީގައި މައުލޫމާތު ސާފުކުރަން ނާންނަ ފަރާތްތަކާއި ގަޑިޖެހުމުގެ ފަހުން އަންދާސީ ހިސާބު ހުށަހަޅަން ހާޒިރުވާ މީހުންގެ އަންދާސީ ހިސާބު ބަލައި ނުގަންނާނެ ކަމަށް ސިޓީ ކައުންސިލުން ބުނެ އެވެ.
އާސަހަރާގެ ފުލް ފިނިޝިން މަސައްކަތަށް އަގު ހުށަހެޅުމުގައި ބައިވެރިވެވޭނީ ދިވެހި ކުންފުނިތަކާއި ޕާޓްނާޝިޕް އަދި ލޯކަލް އިންވެސްޓްމަންޓާއި ވިޔަފާރީގެ ހުއްދަ ލިބިފައިވާ މީހުންނަށް އެކަންޏެވެ.
އާސަހަރާ އަށް ބޮޑެތި ބަދަލުތަކެއް ގެންނަން ޖެހޭތީ އާއި އެތަން މަރާމާތު ކުރުމަށް ބަޔަކާ ހަވާލުކޮށް މަސައްކަތް ފެށީ މިދިޔަ އަހަރުގެ މެއި މަހު އެވެ. އެ މަސައްކަތް ހަވާލުކޮށްފައި ވަނީ ޕީއެންޕީ މޯލްޑިވްސް ނަމަކަށް ކިޔާ ކުންފުންޏަކާ، 4.9 މިލިއަން ރުފިޔާ އަށެވެ.
އެކަމަކު އެއް މަސް ދުވަހަށް ހަވާލުކުރި އެ މަސަައްކަތް ނުނިމި، ދިގުލައިގެން ދިއުމުން ކައުންސިލުން އެއްބަސްވުން ބާތިލުކުރިޔަސް އޭރު އެ ކުންފުންޏަށް އޮތީ 3.6 މިލިއަން ރުފިޔާ ދީފަ އެވެ.
މިދިޔަ ޑިސެމްބަރުގައި އެ މަސައްކަތް ހަވާލުކޮށްފައި ވަނީ ބީސިކްސް އިވެންސްޓްމަންޓަށް 4.6 މިލިއަން ރުފިޔާއަށެވެ.
އާ ސަހަރާ މަރާމާތުކުރުމުގެ މަޝްރޫއުގެ ދަށުން މިހާރު އެތަނުގައި ހުރި ބާ އިމާރާތް ތަޅާލައި މިސްކިތުގެ ޖާގަ ބޮޑުކޮށް، ލައުންޖަކާއި ހިނަވާގެއެއް ހެދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.
އާ ސަހަރާ މަރާމާތުކުރުމުގެ މަޝްރޫއުގެ މަސައްކަތް ކުރިއަށް ދާތީ މިހާރު މާލޭގައި މަރުވާ މީހުންގެ ޖަނާޒާ ބާއްވަނީ ހުޅުމާލެގަ އެވެ.