މި މަހުގެ 21 ވަނަ ދުވަހު އޮންނަ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގެ މެޖޯރިޓީ ސަރުކާރަށް ލިބިއްޖެ ނަމަ، އެމަނިކުފާނު ވައުދުވެވަޑައިގެންނެވި ހުރިހާ ވައުދެއް ފުއްދަވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުން ގެނެސްދޭ "ރައީސްގެ ޖަވާބު" ޕްރޮގްރާމްގެ މިއަދުގެ ސެގްމަންޓުގައި މީހަކު ކުރި ސުވާލެއްގެ ޖަވާބުގައި ރައީސް ޑރ. މުއިއްޒު ވިދާޅުވީ އެމަނިކުފާނު ވެވަޑައިގެންނެވި ކޮންމެ ވައުދެއް ވެވަޑައިގަތީ ފުއްދުމުގެ ނިޔަތުގައި އަދި ފުއްދޭނެ ކަމަށް ގަބޫލު ކުރެއްވޭތީ ވެވަޑައިގެންނެވި ވައުދު ކަމަށާއި އެ ވައުދުތައް ފުއްދަންވީ ގޮތް އެނގިވަޑައިގަންނަވާ ކަމަށެވެ.
އެގޮތުން މި ސަރުކާރުން "ހަފްތާ 14" އަށް ވީ ވައުދުތަކުގެ ގާތްގަނޑަކަށް %97 ވައުދު ފުއްދިފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އަދި މިހާރު ބާކީ އޮތީ މަޖިލިހުގެ ދައުރާ އެކުގައި ފުއްދޭނެ ވައުދުތައް ކަމަށް ރައީސް ވިދާޅުވި އެވެ.
އަޅުގަނޑުމެން ވަރަށް ގިނަ ގާނޫނުތައް ހަދަން ބޭނުން. ބޯހިޔާވަހިކަމުގެ ދާއިރާއިން، އުމްރާނީ ތަރައްގީގެ ދާއިރާއިން އަދި ޖުމްލަކޮށް ރާއްޖޭގެ ހުރިހާ ދާއިރާއަކަށް މުހިންމު ވަރަށް ބޮޑު ލެޖިސްލޭޓިވް އެޖެންޑާއެއް އެބައޮތް،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ވައުދުތަކުގެ އެންމެ ބޮޑު އިންސައްތައެއް ބަރޯސާވަނީ މަޖިލީހުން ފާސްކޮށްދޭ ބަޖެޓަށް ކަމަށެވެ. ރައީސް ވިދާޅުވި ގޮތުގައި މި އަހަރަށް ލަފާކޮށް ފާސް ކުރި ބަޖެޓުގައި މަޝްރޫއުތަކެއް ހިމަނާފައި ފޮނުވީމަ ބަޖެޓް ފާސްކޮށްފައި އޮތީ އޭގެ ތެރެއިން ވަރަށް ގިނަ މަޝްރޫއުތަކުގެ އަދަދުތައް ކުޑަކޮށްލައި، އަނެއް ބައި މަޝްރޫއުތައް އެއްކޮށް އުނިކޮށްލައިފަ އެވެ.
މިހެން މިކަން ހުރުމުގެ ސަބަބުން ދަތިތައް ދިމާވެ، ހިނގަމުންދާ މަޝްރޫއުތައް ބާރު ސްޕީޑްގައި ހިންގަން އުނދަގޫވާ ކަމަށް ވިދާޅުވި އެވެ. ރައީސް ވިދާޅުވި ގޮތުގައި އަލަށް ފަށަން ސަރުކާރުން ނިންމާފައިވާ މަޝްރޫއުތަކުގެ ފައިސާ ވެސް ހިމަނާފައި އޮތީ ފަހު ކުއާޓަރުގައި ކިރިޔާ ފެށޭ ގޮތަށް މަދު އަދަދެއްގެ ފައިސާ ހިމަނައިގެންނެވެ.
އެހެންވެ، މި ސަބަބުތަކާ ހުރެ ވެސް މަޖިލިހުގެ މެޖޯރިޓީ ސަރުކާރަށް މުހިންމު ކަމުގައި ވިދާޅުވި އެވެ.
"އަޅުގަނޑަށް ފުރިހަމަ ޔަގީންކަން އެބައޮތް އިރާދަކުރެއްވިއްޔާ އަޅުގަނޑު ވީ ހުރިހާ ވައުދެއް އަޅުގަނޑަށް މި ދައުރުގައި ފުއްދޭނެ އެހެން ނަމަވެސް، ވައުދުތައް ފުއްދުމަށްޓަކައި ބޭނުންވާ ކަންތައްތަކެއް އެބަހުރި. އެންމެ މުހިންމު ކަމަކީ ރައްޔިތުންގެ މަޖިލީހުގެ އެއްބާރުލުން. މަޖިލީހުގެ އެއްބާރުލުން ނުލިބި ރާއްޖޭގައި މިއޮތް ގާނޫނު އަސާސީގެ ތެރެއިން ރައްޔިތުންނަށް ކަންކަން ކޮށްދިނުމަށް ސަރުކާރުން ކަންކަން ފުރިހަމަ ކަމާ އެކުގައި ކޮށްދެވޭނެ ގޮތެއް ނެތް،" ރައީސް ވިދާޅުވި އެވެ.
އެހެންކަމުން ރައްޔިތުންގެ މަޖިލިހުގެ އެއްބާރުލުން އެމަނިކުފާނަށް ވަރަށް މުހިންމު ކަމުގައި ރައީސް ވިދާޅުވިއެވެ. އަދި މިނިވަން މުއައްސަސާތަކުގެ އެއްބާރުލުން ވެސް ސަރުކާރަށް ބޭނުން ވާނެ ކަމުގައި ރައީސް ވިދާޅުވި އެވެ.
"އޭރުން އަޅުގަނޑު ދެންމެ މި ދެންނެވި ކަންކަން އެ ހުރި ގޮތް ބަދަލުވެ ކުރިއަށް އޮތް ދުވަސްތަކުގައި ގާނޫނުތައް ފާސް ކުރުން ވިޔަސް، ބަޖެޓު ފާސް ކުރުން ވިޔަސް އަދި މިފަދަ މުހިންމު ކަންކަމުގައި ސަރުކާރުން ދާން ބޭނުންވާ ބާރު ސްޕީޑްގައި ދިއުމުގައި ވަރަށް ބޮޑަށް ފަސޭހަވެގެންދާނެ،" ރައީސް ވިދާޅުވި އެވެ.
"އޭރުން އަޅުގަނޑު ޔަގީންކަމާ އެކުގައި ދަންނަވަން އަޅުގަނޑު ވީ ހުރިހާ ވައުދެއް ހަމަ %100 އިރާދަކުރެއްވިއްޔާ މި ފަސް އަހަރުގެ ތެރޭގައި ފުއްދައި ދޭނަން،"