ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިހާބުގެ މެދު ހެންވޭރު ދާއިރާ އަމިއްލަ ގޮތުން ވާދަކުރި ހަސަން ޝިޔާމް (ވީބީ ހަސަން) ގެ ކެންޑިޑެސީ ސުޕްރީމް ކޯޓުން ބާތިލް ކުރުމާ އެކު، އިދިކޮޅު އެމްޑީޕީގެ ކެންޑިޑޭޓުގެ ފަހަތަށް އަރައިފި އެވެ.
މެދުހެންވޭރު ދާއިރާ އަށް އެމްޑީޕީގެ ފަރާތުން ވާދަކުރައްވަނީ އިބްރާހިމް އަލީ ޖަލީލު (އިބޫ ޖަލީލު) އެވެ.
އިބޫ ޖަލީލަށް ތާއީދު ކުރިކަން ހަސަން އިއުލާނު ކުރެއްވީ އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް މިއަދު ފުލުހަށް ހާޒިރުކުރުމަށްފަހު އެ ސަރަހައްދުގައި އެއްވެ ތިބި އެމްޑީޕީގެ އިސްވެރިންގެ ގާތަށް ވަޑައިގަތުމަށް ފަހުގަ އެވެ.
ހަސަން ޝިޔާމްގެ ކެންޑިޑަސީގެ ސައްހަކަމާ މެދު ސުވާލު އުފައްދައި ކެންޑިޑަސީ ބާތިލުކޮށްދިނުމަށް ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅީ، މިހާރުގެ މެމްބަރު އަލީ އާޒިމްގެ ކޮއްކޮ އިލްޔާސް އަހުމަދު އެވެ.
ހަސަން އާއި އީސީއާ ދެކޮޅަށް އިލްޔާސް ހުށަހެޅި މައްސަލާގައި ބުނެފައިވަނީ، ޝިޔާމްގެ ކެންޑިޑަސީ އީސީން ބަލައިގެންފައިވަނީ، ސާބިތު ދަރަންޏެއް އޮވެ، ހުކުމާ އެއްގޮތަށް ފައިސާ ދައްކަމުން ނުދާ މީހަކަށް ވުމުން ކެންޑިޑޭޓެއްގެ ޝަރުތު ހަމަނުވާއިރު ކަމަށެވެ.
ހަސަން ޝިޔާމްގެ ކެންޑިޑަސީ ބާތިލުކޮށްފައިވަނީ އެ މައްސަލަ ސުޕްރީމް ކޯޓުގައި ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުންނެވެ. އެއީ ރިޔާސާތުގައި އިންނެވި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހީމް، ފަނޑިޔާރު ހުސްނުއްސުއޫދު، އަދި ފަނޑިޔާރު އައިޝާ ޝުޖޫން އެވެ.
ހަސަން ޝިޔާމްގެ މައްޗަށް އޮތް ކަމަށް ބުނާ ސާބިތު ދަރަންޏަކީ އޭނާ ހިމެނޭހެން 11 މީހަކު ޒިންމާވާ ގޮތަށް އޮތް ދަރަންޏެކެވެ.
ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި)ގެ ފަރާތުން ކްރިސްޓަލް ލެގޫން ރިޒޯޓްސްއަށް 16 ފެބްރުއަރީ 2006 ގައި 10 މިލިއަން ޑޮލަރުގެ ލޯނެއް ދޫކުރި އެވެ. އަދި 18 ޖޫން 2008 ގައި 64 މިިލިއަން ޑޮލަރުގެ ލޯނެއް ވެސް ދޫކުރި އެވެ.
އެ ދެ ލޯން ދެއްކުމުގެ ޔަގީންކަން ބޭންކަށް ދީފައިވަނީ، ހަސަން ޝިޔާމް ހިމެނޭހެން 11 މީހެކެވެ.
އެ ހުކުމަށް ފަހު ވެސް ފައިސާ ދައްކަމުން ނުދާތީ އެސްބީއައިއިން އަލުން ސިވިލް ކޯޓަށް މައްސަލަ ހުށަހަޅާފައިވަނިކޮށް، ޝިޔާމްގެ ފަރާތުން ވަނީ ރަހުނު ވިއްކާލުމަށް ފަހު، ކޯޓުން ގެރެންޓަރުން ދައްކަން ޖެހޭ ފައިސާ ކަނޑައެޅުމާ ހަމައަށް ތަންފީޒުކުރަން ޖެހޭ ސާބިތު ދަރަންޏެއް ނެތް ކަމަށް އަމުރުކޮށްދިނުމަށް އެދި ހުށަހެޅި އެވެ.
ސިވިލް ކޯޓުން އެ އަމުރު ނުދިނުމުން ހައި ކޯޓުގައި އިސްތިއުނާފު ކުރި އެވެ. ހައި ކޯޓުން ސިވިލް ކޯޓުގެ ނިންމުން ދެމެހެއްޓި ނަމަވެސް މި ހިނދަށް ދަރަނި ދައްކަން ޖެހޭ މީހެއް ގޮތަށް ނުބެލުމަށް އޮތެވެ.