ރޯދަމަހަކީ އަހަރުގެ އެހެން މަސްތަކާ ޚިލާފަށް އަހަރުމެންގެ ސުފުރާމަތި މުއްސަނދިވާ މަހެކެވެ. ރަހަމީރު ގިނަ ބާވަތްތަކަކުން މޭޒުމަތި ފަޅުފިލުވައިދޭ މަހެކެވެ. ނަންހުސްކޮށް ގިނަ ކާބޯތަކެތި ތައްޔާރު ކުރެވޭ މަހެކެވެ.
ރޯދަމަސް ޙާއްސަވުމުން ކަމަށް ވެދާނެ އެވެ. ދުވާލު ހަތަރުދަމު ރޯދަ ހިފައިގެން ތިބޭ ފިރިންނާއި ދަރިންނަށް ރަނގަޅު ކެއުމެއް ދޭން ބޭނުން ވަނީ އެވެ. ރޯދަ ވީއްލާއިރު އެންމެ ފުރިހަމަ ނާސްތާއެއް މޭޒުމައްޗަށް ތައްޔާރު ކޮށް އެމީހުންގެ ހިތްހަމަ ޖައްސައިދީ އުފާ ކޮށްދޭން ހިތް އެދެނީ އެވެ.
ކޮންމެއަކަސް ރޯދަމަހަކީ ގޭގެ އަންހެންވެރިން ބަދިގޭގައި ގިނަ ވަގުތުތަކެއް ހޭދަކުރާ މަހެކެވެ. މެންދުރުފަހު ބަދިގެއަށް ވަދެގެން އިރު އޮއްސެންވާއިރަށް އެ ދުވަހުގެ މެނޫގައި ހިމެނޭ ތަކެތި ކިރިޔާ ތައްޔާރުކޮށް ނިމޭ ދުވަސް ވެސް އާދެ އެވެ.
ހިތާމަކުރަންޖެހޭ ކަމަކީ މިވަރުން ތައްޔާރު ކުރާ ކާބޯތަކެތި އިސްރާފުވެ އުކާލަން ޖެހޭ ފަހަރު ގިނަކަމެވެ. ކުރި މަސައްކަތް ބޭކާރުވެ ލިބޭ ބޮޑު ގެއްލުމަކަށްވުމެވެ. ރޯދަމަހަކީ އިސްރާފުކުރުން މަދު ކުރަން ޖެހޭ މަހަކަށް ވީހިނދު އެއާ އިދިކޮޅަށް ކަންތައްވުމެވެ.
ރޯދަމަހުގެ ހަގީގީ މާނައަކީ ރޯދަވީއްލަން ފަސް ތަރީގެ ނާސްތާ ތައްޔާރު ކުރުމެއް ނޫނެވެ. ދުވާލުގެ ބޮޑުބައެއް އަންހެނުން ބަދިގޭގައި ހޭދަ ކުރަން ޖެހުމެއް ވެސް ނޫނެވެ. އެހެނީ ރޯދަމަހަކީ ކިރިޔާ ފުދޭވަރަށް ކާބޯތަކެތި ބޭނުން ކުރަންވީ މަހެކެވެ. ވީވަރަކުން އިސްރާފްކުރުމާ ދުރުވާންވީ މަހެކެވެ. ގިނަވަގުތު އަޅުކަމުގައި ހޭދަކުރަންވީ މަހެކެވެ. އަންހެނުން ވިޔަސް މެ އެވެ.
ފިރިހެނުންނަށް ހަނދާން ކޮށްދެމެވެ. ރޯދަވީއްލަން ކަބޯތަކެތި އެންމެ ފުރިހަމައަށް ނެތަސް ޝަކުވާ ނުކުރާށެވެ. މަސައްކަތުން އަންހެނުން ތައްޔާރުކުރާ ކެއުމަށް ފާޑު ނުކިޔާށެވެ. އެހެނީ އެކަނބަލުން ވެސް ތިބެނީ ރޯދައަށެވެ. ވީމާ މިންވަރަށް ޝުކުރުކޮށް އަންހެނުން ބަދިގޭގައި ހޭދަކުރަން ޖެހޭ ވަގުތު ކުޑަކުރުމަށް ބާރުއަޅާށެވެ.