އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް މަގާމުން ދުރުކުރުމުގެ އެމްޑީޕީގެ ތެރޭގައި ބޮޑެތި ހިޔާލު ތަފާތުވުންތަކެއް އުފެދިފައި އޮތް ނަމަވެސް އެ ޕާޓީ ބައިބައި ނުވާނެ ކަމުގެ ޔަގީންކަން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ދެއްވާފައި ވަނިކޮށް، އެމްޑީޕީގެ ޗެއާޕާސަން އަދި މަޖިލިހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް އެކަމަށް ތާއީދު ކުރައްވައިފި އެވެ.
އެމްޑީޕީގެ ގްރޫޕެއްގައި ސަޕޯޓަރުންނަށް ދެއްވި މެސެއްގައި ނަޝީދު ވިދާޅުވީ "ކަންބޮޑުނުވޭ، މި ޕާޓީ ބައިބައި ނުވާނެ" ކަމަށެވެ. ދެން ވިދާޅުވީ "އަބަދުވެސް ހިޔާލުތަފާތުވާނެ" ކަމަށެވެ. އޭގެ އިތުރު ތަފްސީލަކަށް ނަޝީދު ވަޑައިގެންފައެއް ނުވެ އެވެ.
ނަޝީދުގެ ވާހަކަފުޅަށް ތާއީދު ކުރައްވައި، ހަސަން ލަތީފް މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެމްޑީޕީ ބައިބައި ނުވެސް ކުރެވޭނެ ކަމަށެވެ. އަދި ޕާޓީގެ މެމްބަރުން އެކަން ވިޔަކަ ނުދެއްވާނެ ކަމަށް ވެސް ހަސަން ލަތީފް ވިދާޅުވި އެވެ.
"ބައިބައި ކުރެވިދާނެ ކަމަށް ހީކޮށް އެ މަސައްކަތް ކުރާ މީހުން އެ ކުރަނީ ވަރަށް ބޭކާރު މަސައްކަތެއް،" ހަސަން ލަތީފް ވިދާޅުވި އެވެ.
ސިޔާސީ މަސައްކަތުގައި ހިޔާލުތަފާތުވުން ހުންނާނެ ކަމަށް ނަޝީދު ވިދާޅުވިއިރު، ފައްޔާޒް މަގާމުން ދުރުކުރުމަށް އެމަނިކުފާނު އިސްވެ ފެށި މަސައްކަތާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ދެކޮޅެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ފައްޔާޒަށް ފުރިހަމަ އިތުބާރު އޮތް ކަމަށް ވިދާޅުވެފައެވެ. އަދި މަގާމުން ވަކި ކުރަން ޖެހޭ ސަބަބެއް އޮތް ކަމަށް ފައްޔާޒް ވެސް ގަބޫލެއް ނުކުރައްވަ އެވެ.
އެކަމަކު، ފައްޔާޒްއާ ދެކޮޅަށް އެންމެ ފުރަތަމަ ނުކުންނެވި ނަޝީދު، އޭނާއާ މެދުގައި ހިތްހަމަޖެހިވަޑައެއް ނުގަންނަވައެވެ. އެމްޑީޕީ އާއި ސަރުކާރުގެ ތެރޭގައި "ބްރޯ" ހެދިގެން އުޅޭ ކަމަށް ވިދާޅުވިއެވެ. އަދި ކޮރަޕްޝަނަށް މަގުފަހިވާ ފަދަ ކަންކަން ކުރައްވާ ފަދަ މޭރުމަކުން ނަޝީދު ފަހުން ވާހަކަފުޅު ދެއްކެވި އެވެ. ފައްޔާޒް މިނިސްޓަރުގެ މަގާމުން އެކަހެރިވެވަޑައިގަތުމަށް ވެސް ނަޝީދު އެދިވަޑައިގެންނެވި އެވެ.
އެމްޑީޕީގެ އެތެރެއިން އެ ޕާޓީގެ އެންމެ އިސް ލީޑަރު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހްއާ ދެކޮޅަށް "ހިމޭން ބަޣާވާތެއް" ކުރައްވަން އުޅޭ ކަމަށް ވިދާޅުވެ ހަސަން ލަތީފް ޗެއާޕާސަން ކަމުން ވަކިކޮށްދޭން އެ ޕާޓީގެ ފިޔަވަޅު އަޅާ ކޮމިޓީގެ ނައިބު މުގައްރިރު ޝުއައިބް އަލީ ވަނީ ރައީސްއަށް ސިޓީއެއް ފޮނުއްވައިފަ އެވެ.
ރައްޔިތުންގެ މަޖިލީހުގައި ތިއްބަވާ އެމްޑީޕީގެ މެންބަރުން ދެ ފަޅިއަށް ވެސް އެބަ ތިއްބެވިއެވެ. ނަޝީދާއެކު ފައްޔާޒު މަގާމުން ވަކިކުރަން ބައެއް މެންބަރުން ތިއްބެވިއިރު، ރައީސް ސޯލިހް އެދިވަޑައިގަންނަވާ ގޮތަށް ފައްޔާޒުގެ ދިފާއުގައި ވެސް ބައެއް މެންބަރުން ތިއްބެވި އެވެ.