މާލޭގައި ފެންބޮޑުވާ މައްސަލައަށް ހައްލު ހޯދަން ސްޓޯމްވޯޓާ މެނޭޖްމަންޓް ސިސްޓަމެއް ގާއިމުކޮށްދޭނެ ބަޔަކު ހޯދަން އިއުލާނުކޮށްފި އެވެ.
ފިނޭންސް މިނިސްޓްރީން ކުރި އިއުލާނެއްގައި ވަނީ ދިވެހި ސަރުކާރުން ވޯލްޑް ބޭންކްގެ އެހީގައި ހިންގާ މޯލްޑިވްސް އާބަން ޑިވެލޮޕްމަންޓް އެންޑް ރިސިލިއަންސް ޕްރޮޖެކްޓްގެ ދަށުން މާލޭގައި ސޯމްވޯޓާ މެނޭޖްމަންޓް ސިސްޓަމެއް ގާއިމުކޮށްދޭނެ ބަޔަކު ހޯދަން އިއުލާނުކޮށްފަ އެވެ.
މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ދައުވަތު މިކަމަށް ޝަތުރު ހަމަވާ ފަރާތްތަކަށް ހުޅުވާލާފައިވާއިރު މަސައްކަތް ކުރާނެ ބަޔަކު ހޮވާނީ އިންޓަނޭޝަނަލް ކޮމްޕެޓިޓިވް ބިޑިން އުސޫލުންނެވެ.
މި ބީލަމުގައި ބައިވެރިވުމަށް 1،500 ރުފިޔާގެ ނޮން- ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަންޖެހޭއިރު، ފައިސާ ބަލައިގަންނާނީ މޭ ދެ ވަނަ ދުވަހުގެ ނިޔަލަށް ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:30 އިން މެންދުރުފަހު 2:00 އަށް އަދި ރޯދަ މަހު ހެނދުނު 9:30 އިން މެންދުރުފަހު 1:00 އަށެވެ.
ބީލަން ހުޅުވުން އޮންނާނީ މޭ ފަސް ވަނަ ދުވަހުގެ މެންދުރުފަހު 1:00 ގަ އެވެ.
މާލޭގައި ސްޓޯމްވޯޓާ މެނޭޖްމަންޓް ސިސްޓަމެއް ގާއިމުކޮށްދޭނެ ބަޔަކު ހޯދަން އިއުލާނުކޮށްފައިވާއިރު ބޯކޮށް ވާރޭވެހި މާލޭގެ މަގުތަކުގައި ފެން ބޮޑުވެ ބައެއް ސަރަހައްދުތަކުގައި ހުންނަ ގެތަކަށް ފެން ވަދެ ގެއްލުންވުމަކީ އާންމުކޮށް ހިނގާ ކަމެކެވެ.