އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން ހެދި ދިރާސާއެއްގައި ގާތްގަނޑަކަށް %70 މީހުން ބޭނުން ވަނީ ދިރާސީ އަހަރު ޖެނުއަރީ މަހު ފަށަން ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު މިއަދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލިހުގެ ޖަލްސާގައި މެމްބަރަކު ކުރެއްވި ސުވާލުގެ ޖަވާބުގައި އެޑިއުކޭޝަން މިނިސްޓަރު ވިދާޅުވީ ދިރާސީ ކަލަންޑަރު ބަދަލު ކުރަނީ ކުރީ ސަރުކާރުން ގެނައި ބަދަލާ މެދުގައި ދިރާސާ ކުރުމަށް ފަހުގައި އޭގެ ސަބަބުން ލިބޭ ފައިދާއަށްވުރެ ގެއްލުން ބޮޑުކަމަށް ފެންނާތީ ކަމަށެވެ.
"އަޅުގަނޑު ބަލާލިއިރު 30،000 ރައްޔިތުންގެ މައުލޫމާތު ހިމެނޭ ޑޭޓާ ސެޓެއް މިނިސްޓްރީގައި އޮތް. އެއިން 69 އިންސައްތަ ގާތްގަނޑަކަށް 70 އިންސައްތައާ ކައިރިކުރާ މިންވަރަކަށް ރައްޔިތުން ބޭނުންވީ ހަމަ އިިހުވެސް އޮތް ގޮތަށް ޖެނުއަރީން ފެށިގެން ޑިސެމްބަރާ ހަމައަށް ޓާމް ބާއްވަން." ޝަފީއު ވިދާޅުވި އެވެ.
އެކަޑަމިކް ކަލެންޑަރު ބަދަލު ވުމަށް ޓީޗަރުންނާއި ބެލެނިވެރިން ވެސް ނޭދޭ ކަމަށާއި ދަރިވަރުންގެ ފަރާތުން ލިބިފައި ހުރި މައުލޫމާތަށް ބަލާއިރު އެ ބަދަލު ގެންނަން ދަރިވަރުންވެސް ނޭދޭ ކަމަށް އޭނާ ވިދާޅުވި އެވެ.
ދިރާސީ އަހަރު، މެދު ތެރޭގައި ފެށުމަށް ނިންމީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގަ އެވެ. އެކަމަކު، ޖެނުއަރީ މަހު ދިރާސީ އަހަރު ފަށާ ގޮތަށް ބަދަލު ކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދެކެވެ. މި ސަރުކާރުން ވަނީ ކުރިން އޮތް ގޮތަށް އަންނަ ޖެނުއަރީގައި ދިރާސީ އާ އަހަރު ފަށާ ގޮތަށް ބަދަލު ގެނެސްފަ އެވެ.
ޝަފީއު ވިދާޅުވީ ދިރާސީ އަހަރު ފެށޭ ދުވަސް ވަރު ބަދަލު ކުރުމުން ދަރިވަރުންގެ ކިޔެވުމަށް އޭގެ ނޭދެވޭ އަސަރު ވަރަށް ބޮޑަށް ކުރި ކަމަށެވެ. އެހެންވެ، މި ސަރުކާރު އެ ފިޔަވަޅު އެޅީ އެފަދަ ކަމެއް ތަކުރާރު ވިޔަ ނުދޭ ކަމަށް ޝަފީއު ވިދާޅުވި އެވެ.
ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ތެރޭގައި ވެސް ސޯލިހް ގައުމު ހިންގެވީ ވަރަށް ރަނގަޅަށް ކަމަށާއި އެކަން އެގޮތަށް ކުރެއްވި ނަމަވެސް ކޮވިޑާ ގުޅިގެން ދިރާސީ އަހަރު ބަދަލުކުރި އެއްވެސް ގައުމެއް ނެތް ކަމަށް ޝަފީއު ވިދާޅުވި އެވެ.