ރަމަޟާން މަހަށް ހާއްސަކޮށްގެން ސައޫދީ އަރަބިއާގެ ސަރުކާރުން އާ ޕާސްޕޯޓް ތައްގަނޑެއް ތައާރަފްކޮށް ބޭނުން ކުރަން ފަށައިފި އެވެ.
ސައޫދީގެ މީޑިއާއިން ބުނާ ގޮތުގައި ރަމަޟާން މަސް ރަމްޒުކޮށްދޭ ގޮތަށް ފަރުމާ ކުރެވިފައިވާ އެ ތައްގަނޑު މި ރަމަޟާން މަހު ސައޫދީގެ ޖިއްދާއިން ފުރާ ގޮސް އުޅޭ އެންމެންގެ ޕާސްޕޯޓުގައި ބޭނުން ކުރެވޭނެ އެވެ.
މި ތައްގަނޑު ތައާރަފު ކުރުމުގެ މަގްސަދަކީ ރަމަޟާން މަހާ ގުޅިފައިވާ ސައޫދީ އަރަބިއާގެ ތާރީހާއި ސަގާފަތްތައް ދިރުވުން ކަމަށް އެގައުމުން ބުނެ އެވެ.
މީގެ އިތުރުން ވެސް އެ ގައުމުން ވަނީ ރަމަޟާން މަހުގެ ރޫހު ދިރުވައި އެ މަހުގެ ސަގާފަތްތައް އާލާ ކުރަން ގައުމީ ފެންވަރުގައި އެހެން ހަރަކާތްތަކެއް ވެސް ރާވާފަ އެވެ.
ސައުދީ އަރަބިއާއަކީ އިސްލާމުންގެ އެންމެ މާތް ބިން ހިމެނޭ ގައުމަށްވާއިރު އެ ގައުމުން ވަނީ މި ރޯދަ މަހު ވެސް އުމްރާވެރިންނަށް މަރުހަބާ ކިޔަން ގިނަ ތައްޔާރީތަކެއް ވެފަ އެވެ.